ޕީޕީއެމް

ޕީޕީއެމްގެ ކައުންސިލާ ޔާމީން މިރޭ ބައްދަލު ކުރައްވަނީ

Jan 14, 2019

ޕީޕީއެމްގެ ކައުންސިލާއެކު އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ޕީޕީއެމްގެ ކައުންސިލްގެ ބައެއް މެންބަރުން މިއަދު ވިދާޅުވި ގޮތުގައި އެ ބައްދަލުވުން ބާއްވަނީ މިރޭ 8:30 ގަ އެވެ. އަދި އެ ބައްދަލުވުމުގައި މިވަގުތު މާލޭގައި ތިއްބެވި ކައުންސިލްގެ ހުރިހާ މެންބަރުން ބައިވެރިވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވާއިރު، ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުން އެވެ. އަދި ޕީޕީއެމްގެ ނައިބު ލީޑަރުންގެ ގޮތުގައި ތިއްބެވި އަބްދުއްރަހީމް އަބްދުﷲ އަދި ކުރީގެ އިިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޕީޕީއެމްގެ އިން ވަކިވެ ވަޑައިގަތް، ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ. އަދި ޕީއެންސީ އުފެއްދުމުގެ ހުއްދަ ވެސް އީސީ އިން ދޫކޮށްފައި ވަނީ އަބްދުއްރަހީމް އަށެވެ.

ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ކައުންސިލް މެންބަރުންނާ މިރޭ ބައްދަލުކުރައްވާ އިރު ޕީޕީއެމްގެ މިލްކްވެރިކަމާ މެދު ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް އިބްތިދާއީ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓްގައި ވަނީ ބާއްވައިފަ އެވެ. އަދި އެ މައްސަލައަށް ތަދައްހުލް ވުމަށް ކުރީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވަނީ މިހާރު ހުށަހަޅުއްވައިފަ އެވެ.