ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އެވޯޑް ހާސިލުކުރެއްވި ފަރާތްތަކުގެ އެވޯޑް ދިނުމަށް ބޭއްވި ހާއްސަ ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެން އޭގެ ތެރެއިން ބޭފުޅަކަށް ރައީސް ސޯލިހު މިއަދު އެވޯޑް ހަވާލުކޮށްދެއްވައިފި އެވެ.
ރައީސް ސޯލިހުގެ އެ ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވީ، އެގައުމުގެ ވަލީ އަހުދު މުހައްމަދް ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެވެ. އެ ދަތުރުފުޅަކީ، އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ގެ ނަމުގައި މެދުއިރުމަތީގައި ކޮންމެ އަހަރަކު ބާއްވާ ބޮނޑު އެއްވުމުގައި ބައިވެރިވުމަށް އެމަނިކުފާނު އެ ގައުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ޔޫއޭއީގެ ނޭޝަނަލް އެގްޒެބިޝަން ސެންޓަރުގައި މިއަދު ކުރިޔަށް ދިޔަ މި އެވޯޑް ހަފްލާގައި ޔޫއޭއީގެ ނައިބު ރައީސް ޝެެއިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް، ޔޫއޭއީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އޮފް އާމްޑް ފޯސެސް އަދި ވަލީ އަހުދު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ބައިވެރިވެ ވަޑައިގަތެވެ.
މިދަތުރުފުޅުގައި ރާއްޖެ-ޔޫއޭއީގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް، ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީއެއް އުފެއްދުމުގެ އެއްބަސްވުމުގައި ވެސް ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ ދެމެދުގައި ވަނީ ސޮއިކޮށްފަ އެވެ.