ވާހަކަ

ވާހަކަ: ފައިލަސޫފި

ޗެޕްޓާ 3: ލެޔާއި ބޮކަރު މަލުގެ ކުލަ

"ހުވަފެނަކީ ބިލާހެކެވެ، ހަޔާތަކީ އަޖާއިބެކެވެ." އިސްމާއީލުފުތަށް އޭނާގެ ރާވެރި ބައްޕަ ދިން ނަސޭހަތަކީ މިއީ އެވެ.

"ނޫނެކެވެ. ހުވަފެނަކީ ވެސް އަޖާއިބެކެވެ. ހަޔާތަކީ ވެސް އަޖާއިބެކެވެ،" މިއީ އިސްމާއީލުފުތު ގަބޫލުކުރާ ގޮތެވެ.

ތެދެކެވެ. މިސާލަކަށް މި ޒުވާން އިސްމާއީލުފުތުގެ ހަޔާތަށް ބަލާލަބަލާށެވެ. ކުލައެއް ނެތި ފެށި ދަތުރުގައި އެ ވަނީ އެތައް ކުލައެއް ޖެހިފަ އެވެ.

އެންމެކުރިން އޭނާ އަކީ ފިރިހެނަކަށް ނުވި ފިރިހެނެކެވެ. އާއިލާއެއްގެ އެންމެ ދޮށްޓަށް ހުރެ ދޮށިނުވި ކުޑަކުއްޖެކެވެ. ކަމެއް ކުރަން ނޭނގުނުތާގައި މީހެއްގެ ބަހެއް ވެސް ނޭހި، ބޯހަރު ގަމާރެކެވެ. 

އެކަމަކު މިއަދު، އޭނާ ވަރެއް ނެތެވެ. އެންމެ ނުފޫޒުގަދަ އަދި އެންމެ ބާރުގަދަ ސައުދާގަރާއި އެންމެ ނުލަފާ އަދި ޖެހިލުންކުޑަ ކަނޑުފޭރޭ ކައްޕިތާނު ވެސް ދުވަން ޖެހިފައި މި ވަނީ އިސްމާއީލުފުތުގެ ފަހަތުންނެވެ. ހުރިހާ ވެސް ޝުކުރެއް އޭނާ އަށް ފެނުނު ހުވަފެނަކަށާއި އެ ހުވަފެނުން އޭނާއާ ބައްދަލުވި ބުއްދިވެރިޔާ އަށާއި އެ ބުއްދިވެރިޔާ އޭނާ އަށް ކިޔައިދިން ވާހަކަ އަކަށެވެ. ދިން ހިތްވަރަށެވެ.

މިއަދު އިސްމާއީލުފުތަކީ އަޖާއިބުކުރުވަނިވި ހަޒާނާއަކަށް މަގު ދެއްކުމަށް ހުރި ހަމައެކަނި މީހާ އެވެ. ބުއްދިވެރިޔަކަށް ނުވެ ބުއްދިވެރިޔެކެވެ. ނިޔަމިއަކަށް ނުވެ ނިޔަމިއެކެވެ. ކައްޕިތާނަކަށް ނުވެ ކައްޕިތާނެކެވެ. ރާވެރިޔަކަށް ނުވެ ރަލުގެ އަޖާއިބުކުރުވަނިވި ވާހަކަތައް ކިޔައިދޭން އެނގޭ ޒުވާނެކެވެ.

އެހެންވީމަ ހުވަފެނަކީ ބިލާހެއް ކަމަށް ގަބޫލުކުރަންވީ ހެއްޔެވެ؟ ނުވަތަ ބުނަންވީ، ހުވަފެނަކީ އަޖާއިބެކޭތޯ އެވެ؟

އަލިމަނިކުފާނެއްގެ ވާހަކަ ހުވަފެނެއްގައި މީހަކު ކިޔައިދިނުމުން އޭނާ ހޯދަން އިސްމާއީލުފުތު ނުކުތީ ވެސް އެހެންވެގެންނެވެ. ފަހަރެއްގައި އެއީ ނުބައި ފާލެއްގެ އިންޒާރެކެވެ. ނުވަތަ ކުރިއަށް އޮތް ދަތުރަށް ހެޔޮ ފާލެކެވެ.

އަރައިގެން އައި އިރާ އެކު އިސްމާއީލުފުތު ގޮސް ވަނީ އަތިރިމަތީގައި ހުރި ސައިހޮޓަލަކަށެވެ. އެންމެ ގިނަ މީހުން އެއްވެ އަނގަތަޅައި ދެބައޮޑުވާ ތަނަކަށް ބޯދިއްކޮށްލުމުން އެނގޭނެ އެތައް ކަމެއް، އިވޭނެ އެތައް އަޑެއް ހުންނާނެތީ އެވެ.

ދެކޮޅު ބަލާލާފައި އިސްމާއީލުފުތު ގޮސް ހޮޓަލަށް ވަންއިރު ދުރުގައި ހުރި ދޮންރުކެއްގެ ހިޔަލުގައި ހަތިޔާރު އެޅި ދެ ފާރަވެރިޔަކު ބަލަން ތިއްބެވެ.

ހިރިގަލުގެ ގަނޑުވަރުން މިނިވަންކޮށް ރަށު ތެރެއަށް ދޫކޮށްލިފަހުން އެ ދެ މީހުން ދަނީ އިސްމާއީލުފުތުގެ ފަސްފަހަތް ބަލަމުންނެވެ. ނަމަވެސް އިސްމާއީލުފުތު ސައިހޮޓަލަށް ވަން މަންޒަރު ފެނިފައި ރަށު ބިޑިއެއް ރޯކޮށްލައިގެން ދުންގަނޑެއް އަރުވާލަން އެ ދެ މީހުން ހިޔަލުގައި މަޑުކޮށްލީ އެވެ.

ހޮޓާ ތެރެއަށް ވަނުމާ އެކު އިސްމާއީލުފުތުގެ ގައިގައި ބައްދައިގަތީ ސައިހޮޓަލުގެ ހޫނުކަމެވެ. ހޫނު ކަޅާއި ފިހުނު ބަނޑައިދުލާއި ފާރޮއްޓާއި ބަބުރު ދެ މީހަކު ގައިން ދާ ކައްކާލައިގެން ތިބެ ވަގުތުން ފިހެމުން ދިޔަ ބޯ ހުނިރޮއްޓެވެ.

މަސްވެރިކަމެއް ނެތޭ ރިހާކުރެއް ނެތޭ ކިޔަމުން މޭޒުތައް މަތީގައި އެއްޗެހި އަތުރަމުން ހުސްވެފައި ހުރި ތަށިތައް ނަގަމުން ނަގޫރޯޅިއެއްހެން ސައިހޮޓާ ތެރޭގައި ހޫރެމުން ދިޔަ ރަނޑު ފިރިހެން މީހާ އަކީ ތަނުގެ ހަމައެކަނި ނޯކަރެވެ.

ތޮފިއަޅައި މޫނުގެ ބޮޑު ބައެއް ނިވާކޮށްގެން ހޮޓަލުގެ ކަނެއްގައި ރާ ތައްޓެއް ތުނބުގައި ޖަހައިގެން އެ އިނީ ރަށު މީދާ އެވެ. އެއީ އޭނާގެ ވަނަމެވެ. އެންމެން ވެސް އޭނާ ދަންނަ ގޮތަކީ އެއީ އެވެ. ސަބަބަކީ އޭނާ އަށް ވުރެ ރަނގަޅަށް މަލިކުގެ ވާހަކަ އާއި މަލިކު މީހުންގެ ވާހަކަ ކިޔައިދޭން އެނގޭ ދެ ވަނަ ނަފުސެއް އެތަނުގައި ނެތީމަ އެވެ.

އިސްމާއީލުފުތަށް އެހާ ފަސޭހައިން އޭނާ ދެނެގަނެވުނީ ފާއިތުވި ދެ ތިން ދުވަހުގެ ބޮޑުބައި ވެސް އޭނާ މި ހޮޓަލެއްގެ ތެރޭގައި ހޭދަކުރީމަ އެވެ. ރަށަށް ނިސްބަތްނުވާ މީހަކު ހޮޓަލަށް އައިސް ވަނުމުން އެތަނުގެ ތެރޭގައި ތިބި މީހުން މާ ބޮޑު ސަމާލުކަމެއް ނުދިނީ ވެސް އެހެންވެގެންނެވެ.

އިސްމާއީލުފުތަށް ޖެހިފައިވާ ހާލު ނޭނގޭ މީހަކު ރަށުގައި ވެސް ނެތެވެ. މި ހާލަކަށް އޭނާ ވެއްޓުނުތާ މިއީ ހަ ވަނަ ދުވަހެވެ. ފަހަރެއްގައި ދެން އޮތީ އޭނާގެ އެންމެ ފަހު ދުވަހެވެ.

ފިހުނު ބަނޑައިދޫގަނޑަކާއި ކަޅެއް ގެނެސްދިނުމަށް ގޮވާލާފައި ގޮސް އިސްމާއީލުފުތު ޖައްސާލީ ރަށު މީދާ ވެސް އިށީނދެ އިން މޭޒު ކައިރީގަ އެވެ.

"އަހަރެން ބޭނުމީ އަލިމަނިކުފާނާ ބެހޭ ގޮތުން ކަލެއަށް އެނގޭ ހުރިހައި އެއްޗެއް މަށަށް ކިޔައިދޭށެވެ."

އެހެން އެކަން ވާންޖެހޭ ސަބަބެއް ރަށު މީދަލަކަށް ނުވިސްނުނެވެ. އަދި ހާލުގައި ޖެހިފައި ހުރި ފާޑެއްގެ މީހަކު އައިސް އެވައްތަރަށް އަމުރުމައުރޫފު ހިންގަން ފެށީމަ ރަށު މީދަލުގެ ގާތަށް އައީ އަމަށަކު ރުޅިއެއް ވެސް ނޫނެވެ.

އިސްމާއީލުފުތާ ދިމާލަށް ކަޅިއަޅާލާފައި އެއް ނޭވާއަކުން ރާ ތަށި ދަމާލުމަށް ފަހު ފަސް ލާރީގެ ދެ ލޯ ފޮތި މޭޒު މައްޗަށް އެއްލާލާފައި ނުކުމެގެން ދިޔައީ އެވެ. ވާހަކަ ދައްކަން ހުޅުވި އަނގައާ އެކު އިސްމާއީލުފުތު ވެސް ގޮތް ދޫނުކޮށް ރަށު މީދަލުގެ ފަހަތުން ހިނގައިގަތެވެ.

ފިހުނު ބަނޑައިދޫ ބުރިއަކާއި ކަޅެއް ހިފައިގެން އަންހެންދުޅާ ނޯކަރު އައިއިރު އިސްމާއީލުފުތާއި ރަށު މީދާ ވެސް ހޮޓަލުން ނުކުމެއްޖެ އެވެ. މި ދެ މީހުން ފަހަތުން އެއް ކަހަލަ ދެ ފާރަވެރިން ވެސް ނައްޓާލައިފި އެވެ.

ހަނިހަނި ގޯޅިތަކުން ވަދެގެން ރަށު މީދަލުގެ ފަސްފަހަތުން ދަނިކޮށް އިސްމާއީލަށް އޭނާ ގެއްލުނުހެން ހީވެގެން ތަންކޮޅަކަށް ދުވެފައި ގޮސް ގޯޅިއަކަށް އަޅާލި ވަގުތު ޖެހިގެން ހުރި ދޮރެއް ހުޅުވާލާފައި ނުކުތް މީހަކު އިސްމާއީލުގެ ލަފުގައި ހިފައި އެތެރެއަށް ދަމައިގަނެ ދޮރު ލައްޕައިފި އެވެ.

ދުވެފައި އައި ދެ ފާރަވެރިންނަށް އެ ހިސާބަށް އާދެވުނުއިރު އެކެއްގެ ހިލަމެއް ވެސް ނެތެވެ. ދެ މީހުން އެކެއް އަނެކެއްގެ މޫނަށް ބަލާލާފައި ދެން ދުއްވައިގަތީ ހިރިގަލުގެ ގަނޑުވަރަށެވެ.

*** *** ***

ރޯކޮށްލި ދަންމަރާ އެކު ކޮޓަރި ތެރެ އެއްކޮށް އަލިކޮށްލައިފި އެވެ. ވެއްޓިފައި އޮތް އިސްމާއީލުފުތު ދެ ފައި މައްޗަށް ތެދުވުނުއިރު ދަންމަރު ހިފަހައްޓައިގެން ހުރީ ރަށު މީދާ އެވެ. ދާހިއްލާ ފޯވެ ރުޅިގަދަވެފަ އެވެ.

"ކަލެއަށް އަލިމަނިކުފާނު އެނގުނީ ކިހިނެތް ހެއްޔެވެ؟"

"ކަލެއަކީ ނިކަމެތި ރާވެރި އާއިލާއަކަށް ނިސްބަތްވާ ދަރިއެކެވެ"

"އަޅާލާނެ، އެހީވާނެ މީހަކު ނެތި ނުބައި ނުލަފާ މުހައްމަދު ބިބީގެ އަތް ދަށުވެފައިވާ މީހެކެވެ"

"ކަލެއަށް އަލިމަނިކުފާނު އެނގުނީ ކިހިނެތް ހެއްޔެވެ؟"

މި ފަތިވަރެއް އަމުނާލުމަށް ފަހު ރަށު މީދާ އޭނާގެ ޖީބުން ކުޑަ ވަޅިއެއް ނަގައި ރާވެރިބޭގެ ދަރިއާ ދިމާލަށް ދިއްކޮށްލައިފި އެވެ. ޖަޒުބާތެއްގައި ޖެހި ނުވަތަ ރުޅިގަދަވެގެން ގޮސް އޭނާ އޭރު ތުރުތުރުއަޅަނީ އެވެ.

"ކަލޭ ބޭނުންވެގެން އުޅެނީ ކޮން ކަމެއް ހެއްޔެވެ؟"

"ކަލޭ ތިޔައީ މުހައްމަދު ބިބީގެ ޖާސޫސެކެވެ."

މިހެން ކިޔާފައި އިސްމާއީލުފުތަށް ހަމަލާ ދިނުމަށް ރަށު މީދާ ދުއްވައިގަތެވެ. އެވަގުތު ގަތް ބިރާ އެކު އިސްމާއީލަށް ދެ ލޯ މަރާލެވުނީ އެވެ. ނުވަތަ ރަށު މީދާގެ އަނެއް އަތުގައި އޮތް ދަންމަރު ވެއްޓި ނިވުނީ އެވެ.

ވެރިވެގެން އައި އަނދިރިކަން އައިސް ފުރާނަ ޖަހައިގެން ދިޔައީއޭ ހިތަށް އަރައި އިސްމާއީލު ފުތަށް އަލުން ދެ ލޯ ހުޅުވާލާކަށް ވެސް ނުކެރުނެވެ. ދެން އޭނާ އަށް އިވުނީ އަނެއްކާވެސް ރަށު މީދަލުގެ އަޑެވެ.

"އެހެން ކަމުގައިވާ ނަމަ ކަލެޔަކީ އިހްތިޔާރުކުރެވިފައިވާ ޒުވާނާއެވެ."

ރަށު މީދާ މިހެން ބުނި އަޑަށް އިސްމާއީލުފުތު ދެ ލޯ ހުޅުވާލި އެވެ. އޭނާގެ ފުރާނަ ސަލާމަތްވީ ވަޅި މަޅާލި ވަގުތު ގަތް ބިރާއެކު ބުނެލެވުނު އެއްޗަކުންނެވެ.

"އެއީ ހުވަފެނެކެވެ. އަލިމަނިކުފާނުގެ ޚަބަރު ދިނީ ހުވަފެނެކެވެ."

އެއީ އާދައިގެ ހުވަފެނެއް ނޫން ކަމަށާއި އެ ހުވަފެން ކޮންމެކޮންމެ މީހަކަށް ނުފެންނާނޭކަން އެނގޭތީ ރަށު މީދާ އިސްމާއީލުފުތު ދޫކޮށްލީ އެވެ.

"އަހަރެން ކަލޭގެ ވާހަކަ ބައްޕަ އަށް ގެންގޮސް ދޭނަމެވެ. މާދަމާގެ ހެނދުނަށް ތައްޔާރުވާށެވެ. މިރޭ ފަތިހު ސައުދާގަރެއްގެ ބިޔަ ލަޝްކަރެއް މި ރަށަށް އަރާނެ އެވެ."

މިހެން ބުނެފައި ހުޅުވާލި ދޮރަކުން ނުކުމެގެން ރަށު މީދާ ދިޔައީ އެވެ. ހައިރާންވެފައި ހުރެ އޭނާ ފަހަތުން އިސްމާއީލުފުތު ނުކުތްއިރު ފެންނާކަށް ނެތެވެ.

އެއީ އަލިމަނިކުފާނުގެ ދަރިއެވެ. ރަށު މީދާގެ ނަމުން މަޝްހޫރު ޒުވާނާ އަކީ އަލިމަނިކުފާނުގެ ދަރިއެކެވެ. އެހެންވީމަ އަލިމަނިކުފާނަކީ ހިޔާލެއް ނޫނެވެ.

މިހެން ހިތަށް އަރައި ވެރިވި އުފާވެރިކަން ނިމުމަކަށް އައީ ފަހަތުން އައި ދެ ފާރަވެރިޔަކު ކުއްލިއަކަށް އޭނާ ހައްޔަރުކޮށް އަތުގައި ބިޑި އެޅުވުމުންނެވެ. ކަނޑުފޭރޭ މުހައްމަދު ބިބީގެ ދެ ވަފާތެރިންނެވެ.

ދެން ހާޒިރުކުރެވުނީ ހިރިގަލުގެ ގަނޑުވަރަށެވެ.

"ކަލޭ އެ ސައުދާގަރަށް ދިން ކަހަލަ ކެއްސެއް އަހަރެންނަށް ދެވޭނެ ކަމަށް ހީނުކުރާތި،" އަދަރާދަގޮނޑިން ތެދުވިގެން އައިގޮތަށް އައިސް މުހައްމަދު ބިބީ ދިނީ އެންމެ ފުރަތަމަ ވެސް އިންޒާރެކެވެ.

"މާދަމާ އަކީ ފަހު ދުވަސް. ކަލޭ ނިންމާ ގޮތަކުން ކަލޭގެ އެންމެ ފަހު ދުވަހަށް ވެސް ވެދާނެ. އެކަމަކު ކަލެއަށް ވުރެ ކުރިން އަހަރެން ނިންމާނީ ކަލޭގެ ފަހަތުން އެ އަންނަ ސައުދާގަރުގެ ދުވަސް. މިއީ އަހަރެން ކަލެއަށް ކޮށްދޭ ހެވެއް ކަމަށް ބަލާ."

ދެން ފެނުނީ ބިޔަކޮށް ހުރި ފާރަވެރިޔަކު އައިސް އިސްމާއީލުފުތުގެ ލަފުގައި ހިފައި ލަކިޖަހަމުން ގެންގޮސް ކުޑަގޮޅިއަކަށް ލައި ބަންދުކުރި ތަނެވެ.

އިރުއޮއްސުނީ އެވެ. ބޮޑު ތާޅަފިލީގެ އަޑާ އެކު ޖަލުގެ ތޭރިތައް ވެސް ތެޅިލިކަހަލަ އެވެ. ކާފިއު ހިންގީ އެވެ. ސައުދާގަރު އެ އަންނަނީ ވާހަކަ ދައްކައިގެން ކަންތައް ނިންމާކަށް ނޫނެވެ.

"ހަޔާތަކީ ކެއްސެކެވެ."

ފިކުރު ބޮޑުވެފައި އޮތް އިސްމާއީލުފުތުގެ ހިތަށް އެރީ މިހެންނެވެ. ބިރުވެރިކަން ވެރިވެ އޭނާގެ ހިތުގައި އަނެއްކާވެސް ޝައްކާއި ވަހުމް އުފެދުނީ އެވެ.

އެކަމަކު ބިރު ގަންނަންވީ ދެން ކޮން ކަމަކާ ހެއްޔެވެ؟ އިހްތިޔާރުކުރެވިފައިވާ ޒުވާނާ އަކީ އޭނާ އެވެ. އެންމެން ބޭނުންވެގެން އުޅޭ ހަޒާނާގެ ރަށަށް އޭނާއާ ނުލައި ދެވޭކަށް ވެސް ނެތެވެ.

އެއަށް ފަހު ސައުދާގަރުގެ ވަފާތެރިންނާއި ކައްޕިތާނު މުހައްމަދު ބިބީގެ ހަތިޔާރު އެޅި ފޭރޭ މީހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގެ އަޑެއްބަޑެއް، ވީއެއް ނުވީއެއް އިސްމާއީލުފުތަކަށް ނޭނގެ އެވެ.

"އެ ރަށް އޮތީ އުތުރުގަ އެވެ. އެއީ މި ޖަޒީރާ ރަށްތަކުގެ އެންމެ އުތުރުބިތެވެ."

ކަންފަތް ދޮށުގައި މީހަކު މިހެން ބުނި އަޑަށް ސިއްސައިގެން ގޮސް އިސްމާއީލުފުތަށް ހޭވެރިކަންވީއިރު އޭނާގެ ގައިގައި ބައްދައިގަތީ ކަނޑުގެ ފިނި ރޯޅިތަކެވެ. އިވެމުން ދިޔައީ ރިޔަލުން ވައި ކަފަމުންދާ އަޑާއި ރާޅުތައް ކަފަމުން ދާ އަޑެވެ.

ހަނގުރާމައެއް ނުވަތަ ހަމަނުޖެހުމެއްގެ އެއްވެސް އަޑެއްބަޑެއް ނެތެވެ. އޭނާ އެ އޮތީ އެއަށް ވުރެ މާ ދުރުގައި ކަމަށް ވާތީ އެވެ.

ކުރިމަތިލުން ވަރުގަދަވެ ދެ ފަރާތަށް ގެއްލުން ލިބުނު ދަނޑިވަޅުގެ ބޭނުން ހިފައި ރަށު މީދަލާއި އޭނާގެ ވަފާތެރިންގެ ބަޔަކު އިސްމާއީލުފުތު ސަލާމަތްކޮށްގެން ގޮސް ރަށުގެ އުތުރު ބިތުގައި އޮތް ނަވަކަށް އެރުވީ އެވެ. ސައުދާގަރުގެ އޮޑިތައް ވަނީ ދެކުނު ބިތުންނެވެ.

*** *** ***

"އައްސަލާމު އަލައިކުމް،" ޒަޚަމްވެ ގައިން ވަރު ދެރަވެފައި އޮތް އިސްމާއީލުފުތުގެ ލޯ ހުޅުވާލެވުނު ވަގުތު، އޭނާ ގާތުގައި ހުރި މީހަކު ގޮވާލި އެވެ.

ސަލާމަށް އިޖާބަ ދެވޭ ވަރަށް ވުރެ އިސްމާއީލުފުތުގެ ހާލު ދެރަ އެވެ.

"އެކަމަކު ހާސްނުވާށެވެ. ތިބާ ތިއީ އިހްތިޔާރުކުރެވިފައިވާ ޒުވާނާ އެވެ.،" އެއީ މުސްކުޅި ނަމަވެސް ޖޯޝުން ފުރިފައިވާ އަޑެކެވެ.

"ނޫނެކެވެ. އަލިމަނިކުފާނަކީ ހުވަފެނެއް ނޫނެވެ."

އެމީހާ ދެން ބުނީ މިހެންނެވެ. ހިތަށް އަރާހާ އެއްޗިއްސާއި ކައުނުގައި ފޮރުވިފައިވާ ހުރިހާ އެއްޗެއް ވެސް އޭނާ އަށް ފެނި، އެ އެއްޗެހީގެ އަޑުއިވި އެއާ ބެހޭ ގޮތުން އެނގޭ ކަހަލަ އެވެ.

އެއަށް ފަހު ދެން އެ މީހާ ދެއްކި ވާހަކައިން އިސްމާއީލުފުތުގެ ދުނިޔެ ހަމަހިމޭންކޮށްލީ އެވެ.

"ހުވަފެނުގައި އަހަންނަށް ކަލޭ ފެނުނު ސިފައާ ހަމަ އެއްވެސް ތަފާތެއް ނެތެވެ. ހުވަފެނަކީ އަޖާއިބެކެވެ. ހަޔާތަށް ވުރެން ވެސް ބޮޑު އަޖާއިބެކެވެ."

އެއަޑު އަހައި ޖަޒުބާތުން އުތުރި އަރައިގަތުމުން އަދި ދުވަސްކޮޅެއް ވަންދެން އަރާމުކޮށްލާށޭ ކިޔާފައި އެ މީހާ އިސްމާއީލަށް ފެންނަ ހިސާބުން ދުރަށް ޖެހިލީ އެވެ. ކުކުރަމުން ދިޔަ އިސްމާއީލުގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައީ ގާތުގައި އިށީނދެ އޭނާގެ ތުނބުގައި ފެންފޮދެއް ޖެއްސި އަންހެން ކުއްޖާގެ ދެ ލޯ ފެނިގެންނެވެ.

އޭނާގެ ބުޅި އިސްތަށިގަނޑުގައި ކަންފަތާ ދިމާލު މަތީގައި ހަރުކޮށްފައި ހުރި ބޮކަރު މާ ނަގައި އިސްމާއީލުގެ އަތަށް ދިނުމަށް ފަހު އެ އަންހެން ކުއްޖާ ވެސް އެނބުރި ދިޔައީ އެވެ. (ނުމިނޭ)