ކުރީގެ ރައީސުންނަށް މަޖިލިސް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އިސްލާހެއް ހުށަހެޅުމާ ބެހޭގޮތުން ކޯލިޝަން ޕާޓީތަކުގެ މެދުގައިވެސް އަދި ޖުމްހޫރީ ޕާޓީގެ ތެރޭގައި ވެސް މަޝްވަރާ ނުކުރާ ކަމަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ރިޔާޒް މިފަދަ މޭރުމަކުން ޓުވީޓު ކުރައްވާފައިވާއިރު، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވަނީ ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ރައްޔިތުން މަޖިލީހަށް ވާދަނުކުރެވޭ ގޮތް ހަދަން ރައްޔިތުން މަޖިލީހުގެ އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
އެކަމާ ގުޅިގެން ރިޔާޒު ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވީ، ޖޭޕީ ޕާލިމެންޓަރީ ގުރޫޕުގައި އެފަދަށް އެއްވެސް ކަމަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިނުވާނެ ކަމަށެވެ. އަދި ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕުގައިވެސް އެފަދަ ކަމަކާ މަޝްވަރާ ކުރެވިފައި ނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މެމްބަރު ލަތީފް އެ އިސްލާހު މަޖިލިސް އަށް ހުށަހަޅާފައިވާއިރު ކުރީގެ ރައިސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހަށް ވާދަ ކުރާނެކަން އިއުލާން ކުރައްވާފަ އެވެ. ކުރީގެ ރައިިސް އަބްދުﷲ ޔާމީން މަޖިލިސް އަށް ވާދަ ކުރާނެކަމަށް ބުނެ އަޑު ފެތުރުނު ނަމަވެސް އެމަނިކުފާނު އެކަމާ ގުޅިގެން އަދި ގޮތެއް ނިންމާފައިނުވާ ކަމަށް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.