ރިޕޯޓް

އިންތިހާބަށް ދާއިރު އީސީ މިނިވަންވީތަ؟

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ހޯއްދެވުމަކީ އެއީ ހަމައެކަނި އޭރުގެ އިދިކޮޅު ޕާޓީތަކަށް ލިބުނު "ނަސްރެ" އް ނޫނެވެ. ފެށުނީއްސުރެ އިލެކްޝަން ކޮމިޝަނުން ވަކާލާތު ކުރަމުންދިޔަ "މިނިވަންކަމުގެ ބެޖު" އެ ކޮމިޝަންގެ މެންބަރުންގެ މޭމަތީގައި ޖަހަން ވެސް ލިބުނު ފުރުސަތަކަށް ވިއެވެ. ހީވީ އިލެކްޝަން ކޮމިޝަނަށް އޭރު ކީހާ ފާޑު ކިޔުންތަކާ ދެކޮޅަށް، ކޮމިޝަން މިނިވަންކަމުގެ ބޮޑު އެތައް ބައިވަރު ސާފު ހެއްކެއް އަތަށް އެރިހެނެވެ. ރިޔާސީ އިންތިހާބުގެ ރޭ ވަގުތީ ނަތީޖާ އިއުލާން ކުރައްވަމުން ވެސް އަދި އޭގެ ފަހުން މިއަދާ ހަމަޔަށް އައިއިރު ވެސް އެ ކޮމިޝަންގެ މިނިވަންކަން "ސާބިތު ކުރެވުނު" ވާހަކަ އެކި ފަހަރު މަތިން ބުނަމުން ގެންދެ އެވެ.

އީސީއަށް މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމާމެދު ސުވާލު އުފައްދާ އެ ކޮމިޝަނުން ޕާޓީތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަމުގެ ތުހުމަތުގެ އިނގިލިތައް ދިއްކުރަން ފެށީ އެ ކޮމިޝަންގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ އެކުވެރިއަކު އައްޔަން ކުރުމާ ގުޅިގެން އެކަންޏެއް ނޫނެވެ. ރައްޔިތުން މަޖިލީހުގެ އޭރުގެ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި އިދިކޮޅު ޕާޓީތަކާ ގުޅޭ މައްސަލަތަކުގައި ވެސް ކޮމިޝަންގެ ނިންމުންތައް އޭރު ޕީޕީއެމްގެ ޕްރެސް ކޮންފަރަންސްތަކުގައި ދެކެވޭ ވާހަކަތަކާ އެއްގޮތަށް ނިމޭ ހިސާބުގައި ހާލަތު އޮތުމުންނެވެ.

އޭރުގެ އެމްޑީޕީއާއި ޖޭޕީ އަދި އަދާލަތާއި މައުމޫންގެ ސަޕޯޓަރުން ވެސް ގޮވާލަމުން ދިޔައީ އީސީގެ މެންބަރުންގެ އިސްތިއުފާއަށެވެ. އަދި އެ ކޮމިޝަންގެ މެންބަރުންނަކީ އިންތިހާބެއްގެ މަސައްކަތަށް ކުފޫ ހަމަ ނުވާ މެންބަރުން ކަމެވެ. ހުރިހާ މެންބަރުން ބަދަލުކޮށް މިނިވަން ބަޔަކު އައްޔަން ކުރަން ޖެހެއޭ އެވެ.

މިއަދުގެ ހާލަތަށް ބަލާއިރު ކޮމިޝަންގައި އަދިވެސް ތިއްބެވީ ހަމަ އެ މެންބަރުންނެވެ. އެކަމަކަށް ބަދަލެއް ނާދެ އެވެ. އޭގެ ބަދަލުގައި ސަރުކާރުގައި ތިއްބެވީ އެ ކޮމިޝަނާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ ޕާޓީތަކެވެ. ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު އޮންނަ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ވެސް އޮތީ ސަރުކާރަށެވެ.

ނަމަވެސް މާދަމާ އަނެއްކާ ވެސް ބޮޑު އިންތިހާބަކާ ޕާޓީތަކުން ކުރިމަތިލާ އިރު އެ ކޮމިޝަނަށް އަމާޒުކޮށް އެއްވެސް ފާޑު ކިޔުމެއް ނެތެވެ. މެންބަރުން ވަކި ކުރާނެ ކަމަށް ބުނަމުން ދިޔަ ނަމަވެސް މިއަދު އެ ބާރު ލިބުމުން އެ ވާހަކައެއް ނުދައްކަވަ އެވެ.

އެހެންކަމުން ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮންނަނީ މިހެނެވެ. އެއް ގޮތަކީ ރިޔާސީ އިންތިހާބުގެ ނަތީޖާއާއެކު އިލެކްޝަންސް ކޮމިޝަންގެ މެންބަރުން "ހުދު ފޮތިކޮޅެއް" ހާ ސާފު ބަޔަކަށްވީ އެވެ. އެނެއް ގޮތަކީ ކޮމިޝަންގެ މެންބަރުން ހަގީގަތުގައި ވެސް މިނިވަންވީ އެވެ. އޭރު އިދިކޮޅުން ދައްކަމުން ދިޔައީ ތާކުން ތާކު ނުޖެހޭ ވާހަކައެއް ކަން ގަބޫލު ކުރެވުނީ އެވެ. ނޫނީ ގުޅިފައިވާ ޕާޓީތައް އެދޭ ނަތީޖާއެއް ނުވަތަ ނިންމުންތަކެއް އެ ކޮމިޝަން މެދުވެރިކޮށް ނެރެވެނީ އެވެ.

"އިލެކްޝަން ކޮމިޝަން މިިނިވަން ވެއްޖެކަން ގަބޫލެއް ނުކުރެވޭ، އެކަމަކު އޭރު އޮތް ހާލަތާ މިހާރު އޮތް ހާލަތު ވަރަށް ބޮޑަށް ބަދަލުވެއްޖެ، ސުޕްރީމް ކޯޓަށް ހުށަހެޅި އިންތިހާބުގެ މައްސަލައާ ލީކުވި އޯޑިއޯތަކާ ހެދި ރައީސް ޔާމީންއާ އޮތް ގުޅުން ހީނަރުވެފައި، ވަކި ސަރުކާރުން ބޭނުންވާހާ ކަމެއް އެ ކޮމިޝަނުން ކުރާ ކަމެއް ނޭނގެ، އެކަމަކު ރައީސް ޔާމީންގެ ޕާޓީއަށް އަމަލު ކުރަމުން އަންނަނީ ކުރިން އިދިކޮޅު ފަރާތްތަކާ އަމަލު ކުރަމުން އަންނަ ގޮތަށް،" ސިޔާސީ ދާއިރާއިން މިހާރު ދުރަށް ޖެހިވަޑައިގެން ހުންނެވި ކުރީގެ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.

އީސީގެ ބަސްމަގާއި ނިންމުންތައް އަނެއް ކޮޅަށް!

އިލެކްޝަން ކޮމިޝަންގެ އެއްވެސް މެންބަރަކު ބަދަލު ނުވިޔަސް އެ ކޮމިޝަންގެ މަސައްކަތަކަށް ބޮޑު ބަދަލެއް މިފަހަކަށް އައިސް ފެންނަން ފަށައިފި އެވެ. އާދަޔާ ހިލާފަށް މަސައްކަތުގެ ގިޔަރު ކުރިޔަށް ޖައްސާލައިފަ އެވެ. މީގެ ކުރިން ނުބަލާ ދޫކޮށްލި ބައެއް މައްސަލަތަކާއި ނިންމުންތައް ވެސް އަލުން ބަލަން ފެށި އެވެ. ކުރިޔަށް ވުރެ ބޮޑަށް ޕާޓީތަކަށް ފާރަވެރިވާން ފަށައިފި އެވެ.

އެގޮތަށް ބަލަން ފެށި އެއް މައްސަލައަކީ އިލެކްޝަނުން ގޮނޑި ގެއްލުވާލާފައިވާ 12 މެންބަރުންގެ މައްސަލަ އެވެ. ރިޔާސީ އިންތިހާބުގެ ކުރިން ކޮމިޝަނުން ބުނީ ސުޕްރީމް ކޯޓުގައި އެ މައްސަލަ އޮތުމުން އެކަމާ ގުޅޭ ގޮތުން ކޮމިޝަނަށް ވަކި އެއްޗެއް ބުނަން ދަތިވާ ކަމަށެވެ. އަދި ގޮނޑިތަކާ މެދު ގޮތެއް ނިންމޭވީ ވެސް ކޯޓުގެ ނިންމުމެއް ބަލާފަ އެވެ.

ރިޔާސީ އިންތިހާބަށް ފަހު ފެނިގެން ދިޔައީ 12 މެންބަރުންނާ ގުޅޭ ގޮތުން އެ ކޮމިޝަނުން ކުރިން ނިންމާފައިވާ ނިންމުން އަލުން ރިވިއު ކުރަން ފެށި މަންޒަރެވެ. ކޮމިޝަން "މިނިވަންވެ" ކުއްލިއަކަށް ނިންމީ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. މި ކުރެވުނީ ކޮން ކަމެއްކަން ރޭކާލީ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކޯޓުން ހަނދާންކޮށް، އިންޒާރު ދިން ހިސާބުންނެވެ. އެހާ ހިސާބުން އެ މައްސަލާގައި އަތް ނުލާ ބޭއްވި އެވެ.

"ކޮންގްރަސްއެއް ބާއްވާ އަޅުގަނޑުމެން ފާސް ކުރިން ޒިންމާދާރު އިދިކޮޅު ބަޔަކަށް ވުމަށާ ސަރުކާރު ޒިންމާދާރު ކުރުވަން މަސައްކަތް ކުރަން، މިއަދު ކޮންގްރަސް ބޭއްވި ޕާޓީ އަޅުގަނޑުމެން އަތުން ފޭރި ގަތުމުގެ މަސައްކަތް ބަޔަކު ކުރަމުން ދާއިރު، ކޮންގްރަސް ކުރިން އެންޑޯޒް ކުރި ކޮމިޝަނުން މިއަދު އެއީ ކޮންގްރަސްއެއް ކަމަށް ވެސް ނުދެކޭ، އެ ކޮމިޝަނުން ޕީޕީއެމް އާއި ޔާމީންއަށް ތާއީދު ކުރާ ފަރާތްތައްކަށް ޒާތީވެފައިވާ ކަން އެ ކޮމިޝަންގެ ކޮންމެ ނިންމުމަކުން ފެނޭ،" ޕީޕީއެމްގެ އިސް މެންބަރަކު ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަންގެ ފަރާތުން ދެން ފެނިގެން ދިޔަ އާދަޔާ ހިލާފު އަމަލަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމް އިން ވަކި ކުރި މައްސަލަތައް ބަލަން ފެށިތަނެވެ. ކުރިން އެއިން މައްސަލައެއްގައި އަތް ނުލާ އޮވެ، މިއަދު ކުއްލިއަކަށް އެ މައްސަލަ ފެށީ ކީއްވެކަން ސުވާލު އުފެދެ އެވެ. ނަމަވެސް އެކަމާ ގުޅޭ މައްސަލައެއް ވެސް ސުޕްރީމް ކޯޓުން ބަލަމުންދާތީ ވަކި ގޮތެއް ނުނިންމަ އެވެ.

އޭގެ އިތުރުން މައުމޫން ރީފޯމް މޫވްމަންޓު އުފެދުމާއެކު އެ ފަރާތްތަކަށް އިންޒާރުދީ އެ މައްސަލަ ބަލަމުން އަންނާނެ ކަމަށް ބުނި ކޮމިޝަނުން މިއަދު ބުނަނީ ލީޑަރެއްގެ ސަޕޯޓުން ބައްދަލުވުން ބާއްވާ އެއްވެލިޔަސް "މައްސަލައެއް ނޫން" ނެވެ. އެމްއާރްއެމްއާ ގުޅޭ މައްސަލާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވީ ވެސް ނޫސްވެރިން އެއަށް ޕްރެޝަރުކޮށް ސުވާލު ކުރުމުންނެވެ. އޭގެ ކުރިން ކޮމިޝަނުން ތިބި ގޮތެއް ނޭނގެ އެވެ.

ކޮންގްރަސް ޕާޓީ އުފެދުމުގެ ކުރިން ފިއްތުންތައް!

ޕީޕީއެމްގެ މިލްކުވެރިކަން ރައީސް މައުމޫންއަށް ހޯދައިދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެފައިވާ އިރު ސުޕްރީމް ކޯޓުން މިހާރު އަންނަނީ އެ މައްސަލަ ބަލަމުންނެވެ. ނަމަވެސް މިއަދާ ހަމަޔަށް އަޑު އެހުމެއް ބާއްވާފައި ނުވުމާއި މައްސަލަ ދިގުލައިގެން ދިޔުމުގެ ސަބަބުން އަދި އިންތިހާބެއް ބޯމަތިވެފައިވާތީ ރިސްކެއް ނުނަގަން ރައީސް ޔާމީންގެ ސަޕޯޓަރުން ނިންމީ އާ އޮޑިއަކަށް އަރައިގެން މިސްރާބު ޖަހާށެވެ.

ޕީޕަލްސް ނޭޝަންލް ކޮންގްރަސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާ މިދިޔަ ބުދަ ދުވަހު އެ ފަރާތްތަކުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާފައެވެ. މި ދުވަސްވަރު ޕާޓީ މޫސުމެއް ހެން އެތަށް ޕާޓީއެއް އުފެދެމުން ދިޔަ އިރު އެއްވެސް ހުރަހަކާއި މައްސަލައަކާ ނުލާ މަރުހަލާތައް ކުރިޔަށް ދިޔަ އެވެ. ނަމަވެސް ކޮންގްރަސް ޕާޓީ ކަޑައްތު ކުރަން ޖެހުނީ އެހެން ޕާޓީތަކާ ތަފާތު ތަޖުރިބާއެކެވެ.

ކޮންގްރަސް ޕާޓީ އުފެދުނު ފަހުން އިލެކްޝަންސް ކޮމިޝަނުން ލައިވް ޓީވީއެއްގައި ވާހަކަދައްކަވަމުން ހާމަ ކުރި މައުލޫމާތުތައް އެކަނި ބަލައިލިޔަސް އެތަށް ކަމެއް ސާފުވެގެން ދިޔަ އެވެ. ޔާމީންގެ ޕާޓީ އުފެއްދުމަށް ފޯމްތައް ހުށަހެޅުމުން ވަގު ފޯމްތަކެއް ހުންނަ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ މައްސަލައެއް ފެންމަތިވި އެވެ. އެއީ މީގެ ކުރިން ނުވާ ކަމެއް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. ނަމަވެސް އެ ފޯމްތަކާއް އަލުން ބެލުމަށް ފަހު އެ ޕާޓީއަށް ހުއްދަ ދޭން އިތުރަށް ލަސްވާނެ ކަމަށް އީސީ އިން ބުންޏެވެ.

"ކުރިން ރައީސްކަންކޮށް، އަދި އިންތިހާބެއްގައި 96،000 ވޯޓު ކަށަވަރު ކުރި ބޭފުޅަކަށް ސައްހަ 3000 ފޯމް އެއްކޮށް ނުލެވޭނޭ ބުނުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން، ސިޔާސީ ހަގީގަތަކީ ޔާމީންގެ ފިކުރަށް ތާއީދު ކުރާ އެތަށް ބަޔަކު ވެސް އުޅޭ، ވަގަށް ފޯމް ހުށަހެޅިޔަސް އީސީގެ އިހުލާސްތެރިކަމެއް ހުރި ނަމަ އަލަށް ޕާޓީއެއް އުފައްދައިގެން ކުރިޔަށް ދާން ބޭނުންވާ ބަޔަކު ސިޔާސީ މަސައްކަތް ފެށުމުގެ ކުރިން ފަސްބައި ހަޑި ކުރާކަށް އެފަދަ އެއްޗެއް ނުބުނާނެ ސާބިތު ނުވަނީހެއް،" ކުރީގެ މެންބަރަކު ވިދާޅުވި އެވެ.

ކޮންގްރަސް ކުރަމަތި އެލަނީ އަނެއް ބޮޑު ގޮންޖެހުމާއެވެ. އެ ޕާޓީ އުފެއްދަން ޖެހުނު ސަބަބަކީ ވެސް މަޖިލިސް އިންތިހާބާ ކުރިމަތިލާއިރު ޕީޕީއެމްއާ މެދު ގޮތެއް ނުނިންމި އޮތުމެވެ. ނަމަވެސް މިއަދު ވަގު ފޯމްތަކަކާ ހެދި ގޮތެއް ނުނިންމި އޮތީ ކޮންގްރަސް ޕާޓީއާ މެދު ވެސް އެވެ. އަދި އެ ޕާޓީގެ ފޯމްތައް އިތުރަށް ބަލަން ފަށާ ވާހަކައާއެކު ދެން އިއުލާން ކުރީ މި މަހު 26 ގައި ޕްރައިމަރީތައް ބާއްވާ ކެންޑިޑޭޓުން ކުރިމަތިލާން ޖެހޭ ވާހަކަ އެވެ. ނަމަވެސް ޔާމީންއަށް އަދި އުޅެނީ ނުއުފެއްދިގެނެވެ. ޕްރައިމަރީއާއި ޓިކެޓު ހަވާލު ކުރުން އަދި ކޮބާ ހެއްޔެވެ.

ނިމިގެން މިދިޔަ ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކަން ފެށީއްސުރެ އިލެކްޝަން ކޮމިޝަންގެ މިނިވަންކަން ނެތް ވާހަކަ އެމްޑީޕީ އިން ދައްކަމުން ދިޔަ އެވެ. ނަމަވެސް މިއަދު އިންތިހާބާ އެހާ ގާތްވެފައިވާ އިރު ވެސް އެ ކޮމިޝަނަށް އަމާޒުކޮށް ކިޔާނެ ފާޑެއް ނެތެވެ. ކޮމިޝަންގެ ނިންމުންތައް ކޮންމެ ގޮތަކަށް އޮތަސް ބަހެއް ބުނާނެ ބަޔަކު ނެތެވެ. އީސީ ހަގީގަތުގައި ވެސް މިނިވަންވީބާ އެވެ. ނޫނީ އެއް އިރެއްގައި ވެސް މުޅިން އެ ކޮމިޝަން މިނިވަން ކުރަން ބޭނުންވިހޭ ވެސް ހިތަށް އަރަ އެވެ.