ހަބަރު

ރާއްޖެ އެކަހެރިވެފައި އޮތް އޮތުމަށް ނިމުން ގެންނާނަން: ރައީސް

ރައީސްކަމާއި ހަވާލުވެވަޑައިގެން އިރު ބައިނަލްއަގުވާމީ މުޖްތަމައުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެ ބާކީވެފައި ކަމަށާއި އެކަން ހައްލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޔޫއޭއީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅެމުންދާ ދިވެހިންނާ ރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މުޖްތަމައުގައި ރާއްޖެ ވަރަށް ބޮޑަށް އެކަހެރިވެ ބާކީވެ އެކަހެރިވެފައި އޮތް ނަމަވެސް، މި ސަރުކާރުގެ ސިޔާސަތަކީ ގާނޫނީ ހަމަތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި، ހަމަޔާއި އިންސާފަށް ބޯލަނބާ ކޮންމެ ގައުމަކާއެކު ގުޅުން ދެމެހެއްޓުން ކަމަށެވެ.

ޔޫއޭއީގެ ސަރުކާރުން ވެސް ރާއްޖެއާ މެދު ދެކެނީ، ވަރަށް ގާތް އެއްބަނޑުއެއްބަފާ ގައުމެއްގެ ގޮތުގައިކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ދިވެހިންނަށް 30 ދުވަހުގެ އޮންއެރައިވަލް ވިސާދޭން އެ ގައުމުން ނިންމި ނިންމުމަކީ އޭގެ ހެއްކެއް ކަމަށެވެ. އަދި ގަލްފުގެ އެހެން ގައުމުތަކުންވެސް އެ ލުއިފަސޭހަކަން ލިބޭތޯ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން އެމިރޭޓްސްގައި ގިނަ އަދަދެއްގެ ދިވެހިން ވަޒީފާ އަދާކުރާތީ އެކަމުން ދައްކުވައިދެނީ ރަނގަޅު ތައުލީމާއި ތަމްރީނު ހޯދައިގެން ނުކުންނަ ދިވެހީންނަށް ބައިނަލްއަގުވާމީ ފެންވަރުގެ މަތީ ވަޒީފާތައް ލިބުމުގެ ފުރުސަތު އޮތްކަން ކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ. އޭވިއޭޝަން ދާއިރާގެ އެކިއެކި ވަޒީފާތަކުގެ އިތުރުން މުދާ އެކްސްޕޯޓް ކުރުމުގަ އާއި، ރިޒޯޓް ވަޒީފާތަކުގައާއި، ތައުލީމީ ދާއިރާގައާއި، ފައިވްސްޓާ ހޮޓާތަކުގައި ވަޒީފާއަދާކުރާ ގިނަ އަދަދެއްގެ ދިވެހިން ޔޫއޭއީ ގައި ދިރިއުޅެމުން ގެންދާކަން ރައިސް ފާހަގަ ކުރެއްވި އެވެ.