މިނިސްޓްރީ އޮފް ހެލްތު

ހެލްތްގައި ހުރި މަދިރި ބޭސް ލީކްވެއްޖެ

ހެލްތް މިނިސްޓްރީ ހިންގަމުން އަންނަ، ރޯޝަނީ ބިލްޑިންއަށް މަދިރި ބޭސް ލީކުވުމުގެ ސަބަބުން އެމްއެންޑީއެފް އިން ހަރަކާތްރެތިވާން ފަށައިފި އެވެ.

މަދިރި ބޭސް ލީކުވެފައިވަނީ އެންމެ ބިޒީކޮށް މުވައްޒަފުން މަސައްކަތުގައި އުޅެނިކޮށް މެންދުރުގެ ވަގުތުގަ އެވެ. ސިފައިން ބުނީ، މިނިސްޓްރީގެ އިމާރާތުގެ ތެރެއަށް މަދިރި ބޭސް ލީކްވާން ދިމާވީ، ވައިގޮޅީގައި ސްޓޯކޮށްފައި ހުރި ބޭސްތަކަކުން ކަމަށެވެ.

މި ހާދިސާގައި ދެ އަންހެނަކު އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ މަދިރި ބޭސް ފުޅިތަކަކީ މުއްދަތު ހަމަވެގެން ނައްތާލަންވެގެން ބިލްޑިންގެ ގްރައުންޑް ފްލޯއަށް ބަލާފައިހުރި ފުޅިތަކެއް ކަމަށެވެ. އޭގެ ތެރެއިން ފުޅިއެއް ފަޅައިގެން ގޮސް ލީކްވީ ކަމަށެވެ.

"މިހާރު ބޭސް ފުޅިތައް ނައްތާލަން ތިލަފުއްޓަށް ގެންދިޔުމަށް ފަޔާ ޓީމް ދަނީ މަސައްކަތް ކުރަމުން،" އެމްއެންޑީއެފްއިން ބުންޏެވެ.

ބޭސް ލީކްވުން މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ. އެ ތަނުގައި 40 ފުޅި ހުއްޓެވެ. ލީކްވީ އެންމެ ފުޅިއަކުންނެވެ.

ހެލްތް މިނިސްޓިރީ ހިންގާ ރޯޝަނީ ބިލްޑިންގައި، ހެލްތް މިނިސްޓިރީގެ ދަށުން ހިންގާ ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑިއޭ ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އަދި ވޯލްޑް ހެލްތް އޯގަނައިޒޭޝަން އިން ރާއްޖޭގައި ހިންގާ އޮފީސްވެސް ހުރެ އެވެ.