މިނިސްޓްރީ އޮފް ހެލްތު

ގައުމީ ހެލްޕް ލައިނެއް ގާއިމުކުރަނީ

ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަބަރަކުން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޝޯޓްކޯޑް ލައިނެއް ގާއިމްކުރުމަށް ކަމާގުޅުން ހުރި މުއައްސަސާތަކުން މަޝްވަރާކޮށްފި އެވެ.

މިބައްދަލުކުރެއްވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނާއި، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ސިފައިންނާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ރައްޔިތުންނަށް ދިމާވާ ކުއްލި ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމުކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލަށް ކަރުދާހެއް ހުށަހެޅީ މިނިސްޓްރީ އޮފް ހެލްތުންނެވެ.

މި ހެލްޕް ލައިން ގާއިމުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.