އެފްއޭއެމް ބިލްޑިންގް ކޮވިޑަށް ފަރުވާދޭ ފެސިލިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ފެސިލިޓީތަކާއި ވަސީލަތް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.
އެފްއޭއެމް ބިލްޑިންގް ކޮވިޑަށް ފަރުވާދޭ ފެސިލިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދަނީ ސިފައިންނެވެ. ސިފައިން މިއަދު ބުނީ ފެސިލިޓީގެ 70 އިންސައްތަ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.
އެމްއެންޑީއެފް ސަރވިސް ކޯގެ ބެލުމުގެ ދަށުން ކުރަމުންދާ މި މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނީ އެމްއެންޑީއެފް ސާވިސް ކޯގެ ދަށުން މަސައްކަތްކުރާ ޔުނިޓްތައް ކަމުގައިވާ މެކޭނިކަލް އިންޖިނިއާސް (އެމްއީ) އާއި އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް (އީއެމްއީ) އަދި ސިގްނަލްސްގެ ސިފައިންނެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މި މަސައްކަތް ސިފައިންނަށް ހަވާލުކުރުމާ އެކު ސިފައިން އެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ހުއްޓާނުލައި ސިފައިން މަސައްކަތްކުރަމުންދާއިރު އެތަނުގައި ކަރަންޓް ވަޔަރުކުރުމާއި ކަރަންޓްގެ އެހެނިހެން މަސައްކަތްތަކާއި އެތަނުގެ ތެރޭގައި ހަރުކުރަންޖެހޭ ސީސީޓީވީ ކެމެރާ ހަރުކުރުމާއި ކުލަލުމާއި އަދި ކުރަންޖެހުނު ބައެއް ސިމެންތި މަސައްކަތްތައް ވެސް ސިފައިން ދަނީ ކުރަމުންނެވެ،
ސިފައިން ކުރަމުންދާ މި މަސައްކަތުގައި ސަރުކާރުގެ އެހެނިހެން އެޖެންސީތަކާއި ކުންފުނިތަކުން ވެސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ދެއެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ހެލްތާއި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ އިތުރުން އެސްޓީއޯ އަދި ވެމްކޯ ހިމެނެއެވެ.