ރާއްޖެ ކުޅިވަރު

ސޮކާ ވެޓްރަންސް އާއި މާޒިޔާ އެއްވަރު

މައިލޯ ވެޓްރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އެންމެ ފަހުގެ ޗެމްޕިއަން ސޮކާ ވެޓްރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިއްޔެ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

އެއް ނަމްބަރު ޓާފް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި އިއްޔެ ކުޅުނު މެޗުގެ 24 ވަނަ މިނިޓުގައި ސޮކާ ވެޓްރަންސް އަށް ލީޑު ހޯދައިދިނީ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް މުހައްމަދު ނިޒާމް (ތޮައްޑޫ ނިޒާމް) އެެވެ.

މެޗުގެ 55 ވަނަ މިިނިޓުގައި މާޒިޔާ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ އަބްދުﷲ ޝާހިދެވެ.

ދެ ޓީމު އެއްވަރުވެފައި ވަނިކޮށް، މާޒިޔާ އަށް ލީޑު ހޯދައިދޭން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަބްދުއް ރަހީމަށް ރަނގަޅު ދެ ފުރުސަތު ލިބުނު ނަމަވެސް، އޭނާ އަށް އެ ދެ ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.

ސޮކާ ވެޓްރަންސް އިން މެޗުގައި މާޒިޔާގެ ގޯލަށް ރަނގަޅު ހަމަލާތަކެއް ފޮނުވާލި ނަމަވެސް، މާޒިޔާގެ ގޯލް ބަލަހައްޓަމުންދިޔަ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު މުހައްމަދު ސިނާން (ނާނީ) ވަނީ ރަނގަޅު ސޭވްތަކެއްކޮށްފަ އެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް އާއި ކްލަބް ވެލެންސިއާ އެވެ.