ހޮލީވުޑް

ނެޓްފްލިކްސްގެ ފީ ބޮޑު ކުރަނީ

Jan 16, 2019

ދުނިޔޭގެ އެންމެ ގިނަ ބަޔަކު އޮންލައިންކޮށް ފިލްމާއި ސީރީޒް ބަލަން ބޭނުން ކުރާ ވެބްސައިޓް ނެޓްފްލިކްސްގެ ސަބްސްކްރިޕްޝަންގެ އަގުތައް އެމެރިކާގައި ބޮޑު ކުރަން ނިންމައިފި އެވެ.

އެ ކުންފުނީގެ އަގުތަކަށް ބަދަލު ގެންނައިރު އަދި އަގު ބޮޑު ކޮށްފައިވަނީ ވެސް ހަމަ އެކަނި ޔޫއެސްގަ އެވެ. އަލަށް ނިންމުނު ޕްލޭންގައިވާ ގޮތުން، އެއް ޑޮލަރާއި ދެ ޑޮލަރު ސަބްސްކްރިޕްޝަން ތަކުން ބޮޑު ކުރާނެ އެވެ. އެހެންވެ ނެޓްފްލިކްސްގެ 11 ޑޮލަރުގެ ޕްލޭނެއް 13 ޑޮލަރަށް ބަދަލުވާނެ އެވެ. އަދި އަށް ޑޮލަރުގެ ޕްލޭނެއް ނުވަ ޑޮލަރަށް އަދި 14 ޑޮލަރުގެ ޕްލޭނެއް 16 ޑޮލަރަށް ބަދަލުވާނެ އެވެ. އަލަށް އެކައުންޓެއް ހުޅުވާ ފަރާތްތަކަށް ފެންނާނީ އަލަށް ކަނޑައެޅުނު އަގުތަކެވެ.

ނެޓްފްލިކްސްގެ އަގުތަކަށް ބަދަލު ގެންނަން ނިންމީ، ކޮންޓެންޓް އިތުރު ކުރުމަށެވެ. އެހެންވެ ފިލްމުތަކާއި ސީރީޒްތައް އިތުރު ވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރިޕޯޓުތައް ބުނާގޮތުން، ޔޫއެސް އިން 58 މިލިއަން އެކައުންޓުތަކުން ނެޓްފްލިކްސް ބޭނުން ކުރެ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 137 މިލިއަން މީހުން މި ވެބްސައިޓް ބޭނުންކުރެ އެވެ.

މީގެ ކުރިން 2017 ވަނަ އަހަރުވެސް ޔޫއެސްގައި ނެޓްފްލިކްސް ބޭނުން ކުރާ ފަރާތްތަކަށް ސަބްސްކްރިޕްޝަން އަގުތައް ވަނީ ބޮޑު ކޮށްފަ އެވެ.