ހަބަރު

ހައިވޭގައި އެކްސިޑެންޓެއްވެ ރޯޑް ޑިވައިޑާތައް ފުނޑުފުނޑުވެއްޖެ

Jan 16, 2019
14

ހުޅުމާލެ އާއި ބްރިޖް ގުޅުވައިދޭ ހައިވޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ހައިވޭގައި ޖަހާފައި ހުރި ރޯޑް ޑިވައިޑާތަކުގެ ބައެއް ވަރަށް ބޮޑަށް ހަލާކުވެއްޖެ އެވެ. އެކްސިޑެންޓްގައި މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.

އެކްސިޑެންޓްގެ ފަހުން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ލޮރީއެއް ކޮންޓްރޯލުން ނުވެގެން ގޮސް ހައިވޭގައި ހުރި ރޯޑް ޑިވައިޑާތަކުގައި ޖެހި ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ. ގާތްގަނޑަކަށް ރޯޑް ޑިވައިޑާތަކުގެ ބޮޑު ބައެއް އޮތީ މުޅިން ކުދި ކުދިވެ ހަލާކުވެފަ އެވެ. މި އެކްސިޑެންޓްގެ ސަބަބުން ލޮރީގެ ކުރީގެ ބޮޑު
ބައެއް ވެސް ވަނީ ހަލާކުވެފަ އެވެ.

ފުލުހުން ބުނީ ރޭ ފަތިހު، 4:17 އެހާކަންހާއިރު އެ އެކްސިޑެންޓް ހިނގީ ހައިވޭގެ ޔޫޓާން ނަގާ ހިސާބުގައި ކަމަށެވެ. އަދި އެ އެކްސިޑެންޓްގައި ރޯޑް ޑިވައިޑާތަކުގައި ލޮރީ ޖެހުމުގެ ސަބަބުން، 40 ފޫޓްގެ ރޯޑް ޑިވައިޑާތައް މުޅިން ހަލާކުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މިހާރު އެ އެކްސިޑެންޓްގެ ތަހުގީގު ކުރަމުން އެވެ. މިއީ ބްރިޖް ހައިވޭގައި މި ހަފްތާ ހިނގި ދެވަނަ އެކްސިޑެންޓެވެ. ބްރިޖާއި ހައިވޭގައި އެކްސިޑެންޓްތައް ހިނގުން ވަނީ އާންމު ކަމަކަށްވެފަ އެވެ.