ދުނިޔެ

ހަނދުގައި ހެއްދި ފުރަތަމަ ގަސް ދިރިހުރީ ވަގުތުކޮޅަކަށް

Jan 17, 2019
1

ޗައިނާއިން ހަނދުގެ ބިއްދޮށު ފަރާތަށް ފޮނުވި އުޅަނދުގައި ގެންދިޔަ އޮށުން، ފުރަތަމަ ފަހަރަށް ހަނދުގައި ފެޅުވި ގަސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި މަރުވެއްޖެ އެވެ. މިއީ ހަނދާއި އެހެނިހެން ވެސް ޕްލެނެޓްތަކުގައި ދިރުންތައް އާބާދު ކުރުމަށް ލިބުނު ކުޑަނަމަވެސް އުންމީދަށް އަނެއްކާ ވެސް ލިބުނު ނުތަނަވަސްކަމެކެވެ.

ހަނދުގެ ބިއްދޮށު ފަރާތަށް ކާމިޔާބު ކަމާ އެކު ޖެއްސި، ޗައިނާގެ "ޗޭންޖް-4" އުޅަނދުން ގެންދިޔަ ހާއްސަ ކެނިސްޓާއެއްގެ ތެރޭގައި ހެއްދި ކަފަ ގަސް މަރުވާން ދިމާވީ، ހަނދުގެ ދުރު ފަރާތަށް އިރުއޮއްސުމާ ގުޅިގެން، ހަނދުގެ ފިނި ހޫނުމިން މައިނަސް 170 ޑިގްރީސެލްސިއަސްއަށް ދަށަށް ދިޔުމާ ގުޅިގެން އެވެ. ހަނދުގެ ބިއްދޮށު ފަރާތަށް އިރުއަރައި އާ ދުވަހެއް ފަށަން އަނެއްކާ ވެސް ހަފްތާއެއްހާ ދުވަސް ނަގާނެ އެވެ. އިރުގެ އަލިކަން ކެނޑުމާ ގުޅިގެން، ސޯލާ ޕަވާއިން މަސައްކަތް ކުރާ އުޅަނދު، "ޗޭންޖް-4" ވެސް މިހާރު ވަނީ ވަގުތީ ގޮތުން މަސައްކަތް ހުއްޓާލައިފަ އެވެ. އެ އުޅަނދު އަލުން މަސައްކަތް ކުރަން ފަށާނީ ހަނދަށް އިރުގެ އަލިކަން ލިބުމުން އެވެ. މިއީ މި އުޅަނދު ހަނދުގައި ޖެއްސި ފަހުން އެންމެ ފުރަތަމަ ހަނދަށް އައި ރޭގަނޑެވެ.

ހަނދުގައި ގަސް ފެޅުވުމުގެ އެކްސްޕެރިމަންޓްގައި އިސްކޮށް އުޅުއްވާ ޗައިނާގެ ޗޮންގްޔިން ޔުނިވަސިޓީގެ ޕްރޮފެސަރު، ޒީ ޖެންޒިން ވިދާޅުވި ގޮތުގައި ހަނދަށް އިރުއޮއްސިއްްޖެ ނަމަ، ކެނިސްޓާގެ ތެރޭގައި ހެދޭ ގަސް މަރުވާނެ ކަމަށް ކުރިން ވެސް ލަފާކުރެވުނު ކަމަށެވެ.

"މީގެ ކުރިން މިކަހަލަ އެކްޕެރިމަންޓެއް ހެދިފައެއް ނެތް، އެހެންވެ ލަފާކޮށްލަން ވެސް އުނދަގޫ ހަނދަށް އިރުއޮއްސުނީމާ އެތަނުގެ އެންވާރުމަންޓް ބަދަލުވެގެން ދާނެ ގޮތެއް،" ޒީ ވިދާޅުވި އެވެ. ގަސް ހައްދާ ކެނިސްޓާ ފަރުމާކޮށްފައި ވަނީ، އޭގެ ތެރޭގައި ހައްދާ ގަސް މަރުވެއްޖެ ހާލަތުގައި ގަސް އޭގެ ޒާތުގައި އަމިއްލައަށް ހަލާކުވެ ކުންޏަށްވާ ގޮތަށެވެ. އޭގެ ސަބަބުން، ހަނދުގެ ތިމާވެއްޓަށް ގެއްލުންތަކެއް ނުވާނެ ކަމަށް ޒީ ވިދާޅުވި އެވެ.

ކަފަ އޮށުގެ އިތުރުން، އަލުވި އޮށް ޔީސްޓްގެ ބާވަތެއްގެ އޮށެއްވެސް ހަނދަށް ގެންދިޔަ އެވެ. އެހެން ނަމަވެސް އަލުވި އޮށާއި ޔީސްޓްގެ އޮށުން ގަސް ފަޅާ ގޮތެއް ނުވި އެވެ. މީގެ އިތުރަށް، "ޗޭންޖް-4" އިން މެހީގެ ބިސް ވެސް ހަނދަށް ގެންދިޔަ އެވެ. ޒީ ވިދާޅުވީ، މެހީގެ ބިހުން ދިރުން އުފެދިއްޖެ ނަމަ އެއީ ކާމިޔާބެއް ކަމަށާއި އެކަމަށް އަދި އިންތިޒާރު ކުރަން ޖެހޭނެ ކަމަށެވެ.

ސްޕޭސް ސްޓޭޝަންގައި މިހާރުވެސް ތަކުރާރީ ފަދަ ބާވަތްތައް ހައްދަ ވެ. އެހެން ނަމަވެސް ހަނދުގައި ބަޔަކު ގަހެއް ހެއްދި މިއީ ފުރަތަމަ ފަހަރެވެ. އަދި މިއީ ސްޕޭސް ރޭސްގައި ޗައިނާއިން ދުނިޔޭގެ ބާރުތަކުގެ މައްޗަށް ހޯދި ބޮޑު ކާމިޔާބީ އެކެވެ.