ހަބަރު

144،607 ބިދޭސީން ރާއްޖޭގައި، 63،000 ގަވައިދާހިލާފު

Jan 17, 2019
11

ވޯކް ވިސާގައި 144،607 ބިދޭސީން ރާއްޖެ ގެނެސްފައިވާ ކަމަށާއި އޭގެ ތެރެއިން 63،000 ބިދޭސީން ގަވައިދާ ހިލާފަށް އުޅެމުންދާކަން ލަފާ ކުރެވޭ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފި އެވެ.

އިމިގްރޭޝަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު
(ހަނަފީ) ވިދާޅުވީ މިިދިޔަ ދުވަސްތަކުގައި ރާއްޖެއަށް އުސޫލުން ބޭރުން ގިނަ އަދަދެއްގެ ބިދޭސީން ގެނެސްފައިވާ ކަމަށެވެ. އަދި އެއްވެސް ހަމައެއް ނެތި ކޯޓާތައް ދޫކޮށްފައިވާ ކަމަށާއި ގަވައިދާ ހިލާފަށް ގިނަ ބިދޭސިންތަކެއް އުޅެމުންދާ ކަމަށް ހަނަފީ ވިދާޅުވި އެވެ.

އެގޮތުން ވޯކް ވިސާގައި 144،607 ބިދޭސީން ރާއްޖެ ގެނެސްފައިވާ ކަމަށާއި އޭގެ ތެރޭގައި ގަވައިދާ ހިލާފަށް 63،000 އުޅޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ބައެއް ކުދި ކެފޭތަކަށް އުސޫލުން ބޭރުން 100 ކޯޓާ ދޫކޮށްފައިވާ އިރު ގެސްޓްހައުސްތަކަށް 80 ކޯޓާ ދޫކޮށްފައިވާ ކަމަށް ހަނަފީ ވިދާޅުވި އެވެ. އަދި ބައެއް މަޝްރޫއުތަކަށް 3700 އަށް ވުރެ ގިނަ ކޯޓާ ވެސް ދޫކޮށްފައިވާ ކަމަށް ހަނަފީ ވިދާޅުވި އެވެ.

"މިދިޔަ ސަރުކާރުގައ ކަންކަން ކުރެވިފައި ހުރީ އެންމެ އެކަށީގެންވާ އުސޫލުގެ ތެރެއިންނެއް ނޫން، އުސޫލެއް އޮތް ކަމުގައިވިޔަސް އުސޫލަށް ބެލުމެއް ނެތި މިކަންކަން ވަނީ ހިނގައިފަ، އިމިރގްރޭޝަން ވަނީ ރައްޔިތުންގެ ކުރިމަތީގައި ވަރަށް އެހެން ކަހަލަ ނަޒަރިއްޔާތަކުން ދެކޭ ތަނަކަށް ވެފައި، އެއީ ހަގީގަތް،" ހަނަފީ ވިދާޅުވި އެވެ.

އިމިގްރޭޝަނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގޮށްތައް ފިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހަނަފީ ވިދާޅުވި އެވެ. އެގޮތުން ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރުމަށާއި އެކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް "ސްޓިން ރޭ"ގެ ނަމުގައި ޕްރޮގްރާމެއް ފެށިގެން ކުރިޔަށް ދާ ކަމަށެވެ. އޮޕަރޭޝަންގެ ތެރެއިން ބިދޭސިންނަށް ފުރުސަތު ދީގެން ފޮނުވާލުމުގެ މަސަައްކަތް ކުރާނެ ކަމަށާއި ހައްޔަރުކޮށްގެން ޑީޕޯޓުކޮށްލާނީ އެންމެ ފަހު މަަރުހަލާއަކަށް ކަމަށް ވެސް ހަނަފީ ވިދާޅުވި އެވެ.

ކޯޓާ ކަންތަކަކީ އެންމެ ބޮޑު މައްސަލަ. އިމިގްރޭޝަންގައި ލައްގަނޑު ޖެހިގެން މި އުޅެނީ އެކަމާ ހެދި.
ހަނަފީ

ހަނަފީ ވިދާޅުވީ ކޯޓާ ދޫކުރާ އަދަދުގެ ރިޕޯޓެއް ހަފްތާއަކު އެއްފަހަރު އާންމު ކުރަން ނިންމާފައިވާ ކަމަށާއި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށެވެ.

ނުގަވައިދުން ރާއްޖެ އަންނަ ފަރާތްތަކަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި ނަމަވެސް ހަގީގީ ފިޔަވަޅެއް އެޅެން އޮތީ ގާނޫނު އިސްލާހުކޮށްގެން ކަމަށެވެ. އެހެންކަމުން އިމިގްރޭޝަން ގާނޫނަށް އިސްލާހުތަކެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށާއި އެ ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަނަފީ ވިދާޅުވި އެވެ.

އިމިގްރޭޝަން އިން މިއަދު އާންމު ކުރި ތަފާސް ހިސަބުތަކުން ދައްކާ ގޮތުގައި އެކި ސަބަބުތަކާ ހެދި މިދިޔަ އަހަރުގެ ތެރޭގައި 275 ބިދޭސީން ވަނީ ޑީޕޯޓުކޮށްފަ އެވެ. ސައްހަ ވިސާއެއް ނެތުމުގެ ސަބަބުން 3211 ބިދޭސީން ފުރުވާލާފައިވާ ކަމަށާއި ސިއްހީ މައްސަލަތަކާ ހެދި 531 ބިދޭސީން ފުރުވާލާފައިވާ ކަމަށެވެ. ވަޒީފާ ދިން ފަރާތްތަކުގެ ތެރެއިން ފިލައިގެން އުޅޭ ބިދޭސީންގެ 2734 މައްސަލައެއް މިދިޔަ އަހަރުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ ހިސާބުތަކުން ދައްކަ އެވެ.