ރާއްޖެ ކުޅިވަރު

ސީޒަން ޓިކެޓުތައް ކްލަބުތަކާ ހަވާލުކޮށްފި

މި އަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ތައާރަފްކުރި ސީޒަން ޓިކެޓުތައް މިއަދު ކްލަބުތަކާ ހަވާލުކޮށްފި އެވެ.

އެފްއޭއެމް ހައުސްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެފްއޭއެމްގެ ފަރާތުން ކްލަބުތަކަށް ޓިކެޓުތައް ހަވާލުކޮށްދެއްވީ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް އެވެ.

އެފްއޭއެމް އިން ވަނީ ކޮންމެ ކްލަބަކަށް ވެސް ގޮނޑިބަރިން 100 ސީޒަން ޓިކެޓު ދީފަ އެވެ. މީގެ އިތުރުން ކްލަބުތަކުގެ ޗެއާމަނުންނަށް ދޭ ހާއްސަ ވީވީއައިޕީ ޓިކެޓުތަކާއި ކްލަބުތަކަށް ދޭ ވީއައިޕީ ޓިކެޓު އަދި ގޮނޑިބަރީގެ ޓިކެޓުތައް ވެސް ވަނީ ކްލަބުތަކާ ހަވާލުކޮށްފަ އެވެ.

ސީޒަން ޓިކެޓު ނުވަތަ ފާހެއްގެ ގޮތުގައި އެފްއޭއެމް އިން ދޫކުރަނީ ކާޑުތަކެކެވެ. ކޮންމެ ކްލަބަކަށް ދީފައިވާ ކާޑުތަކުގައި އެ ކްލަބެއްގެ ލޯގޯ ވަނީ ޖަހައިފަ އެވެ.

"މިއީ އަޅުގަނޑުމެން އެފްއޭއެމްގެ މެނޭޖްމަންޓާ ހަވާލުވެ ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ބަދަލު،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ ސީޒަން ޓިކެޓުތަކާއި ގޮނޑިބަރީގެ ޓިކެޓުތައް ސަޕޯޓަރުންނަށް ޑިސްޓްރިބިއުޓް ކުރަނީ ކްލަބުތަކުން ކަމަށެވެ. އަދި ކްލަބުތަކުން ބޭނުންނަމަ ޓިކެޓު ނުވިއްކަައި، ސަޕޯޓަރުންނަށް ހިލޭ ވެސް ދެވިދާނެ ކަމަށެވެ.

"ކްލަބުތަކުން ބޭނުންވެއްޖެއްޔާ ޓިކެޓު ވިއްކަންވީ. އެ ވިއްކައިގެން ކްލަބުތަކަށް އިތުރު އާމްދަނީއެއް ލިބޭނެ. ޓިކެޓު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ލިބޭނީ ކްލަބުތަކަށް. އެއީ ކްލަބުތަކުގެ ނިންމުމެއް. ބޭނުމިއްޔާ ހަމަ ހިލޭ ވެސް ޓިކެޓުތައް ދޭންވީ،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭގެ ފީފާ ރެފްރީންނަށް ވެސް މިއަދު ވަނީ ސީޒަން ފާސްތައް ހަވާލުކޮށްފަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ އާއި ވެލެންސިއާ އެެވެ.