ގައުމީ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދުގެ ކަނާތު ކަކުލަށް ލިބިފައިވާ ސީރިއަސް އަނިޔާ އަށް އިތުރު ފަރުވާ ހޯދުމަށް އޭނާ ރޭ އިންޑިއާގެ މުމްބާއީ އަށް ފުރައިފި އެވެ.
ވޯލްޑް ކަޕް ކޮލިފައިން މި މަހު ރަށުން ބޭރުގައި ހޮންކޮންގް އަތުން 2-0 އިން ރާއްޖެ ބަލިވި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އިމްރާންގެ ކަނާތު ކަކުލަށް އަނިޔާވީ ހޮންކޮންގެ ކުޅުންތެރިއަކާއެކު ބޯޅަ ހޯދަން މަސައްކަތްކުރަނިކޮށެވެ.
ގައުމީ ޓީމުގެ ޑޮކްޓަރު އަހުމަދު ޝަކީބް ކުރިން ބުނީ އިމްރާންގެ ކަކުލުގެ ޕޮސްޓީރިއާ ކްރޫޝިއޭޓް ލިގަމެންޓް (ޕީސީއެލް) އަށް ގެއްލުންވެފައިވާ ކަމަށް ސްކޭންތަކުން އެނގިފައިވާ ކަމަށާއި މި އަނިޔާގެ ސަބަބަުން ގާތްގަނޑަކަށް ހަ މަސް ދުވަހު އިމްރާނަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށެވެ.
އިމްރާންގެ ކަނާތު ކަކުލަށް ލިބުނު އަނިޔާއަކީ އާންމުކޮށް ދިމާވާ އަނިޔާއެއް ނޫނެވެ. އަދި މި އިންޖަރީގައި އާންމުކޮށް ފަރުވާ ދެނީ އޮޕަރޭޝަނަކަށް ނުގޮސް ކަމަށް ޝަކީބް ވަނީ ބުނެފަ އެވެ.
މި އިންޖަރީއާ ގުޅިގެން، އިމްރާނަށް ވަނީ މި ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް މެޗެއް ކުޅުމުގެ އުންމީދު ގެއްލިފަ އެެެވެ. އެކަމަކު ޑިސެމްބަރު މަހު އިންޑިއާގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް އިމްރާން ފިޓުވުމުގެ ފުރުސަތު އެބައޮތެވެ