ހަބަރު

ކާނަލް ނާޒިމްގެ މަޖިލިސް ކެމްޕެއިން ރަސްމީކޮށް ފަށައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މަޖިލިސް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މިރޭ ފައްްޓަވައިފި އެވެ.

ކާނަލް ނާޒިމް ކުރިމަތި ލައްވަން ނިންމާފައިވަނީ ދަނގެތީ ދާއިރާ އަށެވެ. މިރޭގެ ރަސްމިއްޔާތުގައި ކެމްޕެއިން ފައްޓަވައިދެއްވާފައިވަނީ މަޖިލިސް ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.

ކާނަލް ނާޒިމަކީ ޖުމްހޫރީ ޕާޓީ އިން މަޖިލީހަށް ކުރިމަތިލައްވާ ކެނޑިޑޭޓުންގެ ތެރެއިން ކެމްޕެއިން ރަސްމީކޮށް ފެއްޓެވި ފުރަތަމަ ބޭފުޅާ އެވެ. ނަމަވެސް ޖޭޕީ އިން އަދި ކާނަލް ނާޒިމަށް އެދާއިރާގެ ޓިކެޓް ދީފައެއް ނުވެ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ، ޓިކެޓް ދޭނީ އެޕާޓީގެ ކައުންސިލުން ކަމަށެވެ. އަދި އެދާއިރާއަށް އިތުރު ބޭފުޅުން ކުރިމަތި ލައްވާފައިވާތީވެ، ޕްރައިމަރީއެއް ބާއްވައި ޓިކެޓްދޭނެ ފަރާތެއް ނިންމާނީ ކައުންސިލުން ކަމަށެވެ. އަދި ކައުންސިލުން ޓިކެޓް ދެއްވާ ބޭފުޅަކަށް އެމަނިކުފާނު ތާއީދު ކުރައްވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ޖޭޕީގެ ޕާލިއަމަންޓް ގްރޫޕްގެ ލީޑަރު އަބުދުﷲ ރިޔާޒާއި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖޭޕީގެ ބައެއް މަޖިލިސް މެންބަރުންގެ އިތުރުން ޖޭޕީގެ ސަޕޯޓަރުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ރަސްމިއްޔާތުގައި ކާނަލް ނާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިންމު މަސައްކަތްތަކެއްކުރާ މަޖިލީހެއް ކަަމަށެވެ. ރާއްޖެއަށް ބޭނުންވާ ގާނޫނުތައް އެކުލަވާލައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި މަޖިލީހުގެ ދައުރު ވަރަށްވެސް ބޮޑު ކަަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިދިޔަ ތަނުގައި ފެނިގެންދިޔަ މަޖިލީހަކީ ވަރަށް އެހެން ކަހަލަ ގޮތަކަށް، އަޅުގަނޑުމެން ރައްޔިތުން އެދޭ ގޮތް ނޫން އެހެން ގޮތަކަށް ކަންތައް ވެގެންދިޔަ މަޖިލީހެއް، އޭރުގެ ސަރުކާރުން ކަންކަން ކުރި ގޮތުން މަޖިލީހުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ގަބޫލު ނުކުރެވޭ ގޮތަށް ނިމިގެންދިޔަ، ހަމަ އެކަންކަން ނިމިގެން ދިޔުމާއެކީގައި ވަރަށް ގިނަ ބަޔަކަށް އަނިޔާތަކެއް ލިބިގެންދިޔަ، އަޅުގަނޑަކީ އޭގެ ތެރެއިން އަނިޔާ ލިބުނު އެކަކު،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، 2019 ވަނަ އަހަރުގެ މަޖިލީހަކީ އިހްލާސްތެރި، ތެދުވެރި، ވަފާތެރި އަދި ގައުމަށް ގައްދާރުނުވާނޭފަދަ މަޖިލީހަކަށް ވެގެންދާނެ ކަމަށެވެ. ޖުމްހޫރީ ޕާޓީން ނިކުމެ ތިއްބެވީ އެކަން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ކެމްޕޭން މިރޭ ފައްޓަވާފައިވާއިރު، އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ މާދަމާ ބޭއްވުމަށްވަނީ ނިންމާފަ އެވެ. އެމްޑީޕީ އިން ވަނީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަ ކުރުމަށް ނިންމާފަ އެވެ. ނަމަވެސް ޖޭޕީ އިން ވާދަ ކުރަނީ ކިތައް ދާއިރާއަށްކަން ހާމަ ކޮށްފައެއް ނުވެ އެވެ.