މާމިގިލި ދާއިރާގެ މެމްބަރުކަމަށް ހަތަރު ވަނަ ދައުރަކަށް ގާސިމް އިބްރާހީމް އިންތިހާބުވެ ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ ޖުމްހޫރީ ޕާޓީ 19 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރި ގިނަ ދާއިރާތަކުން ނާކާމިޔާބުވެއްޖެ އެވެ.
މިއަދު ބޭއްވުނު އިންތިހާބުގައި، މިހާރުގެ މަޖިލީހުގެ ރައީސް ގާސިމް ކާމިޔާބުކުރެއްވީ ކުޑަ އަގުލަބިއްޔަތަކުންނެވެ. އެ ދާއިރާއިން ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ އެމްޑީޕީ ޓިކެޓުގައި ވާދުކުރެއްވި އަލީ އަމީޒަށެވެ. ދާދި ފަހުން އުފެއްދި ލޭބާ ޕާޓީގެ ކެންޑިޑޭޓު އަހުމަދު އިބްރާހިމް ވެސް ވާދަކުރި އެވެ.
ވެރިކަން ކުރާ ކޯލިޝަނާ ނުލައި ޖޭޕީއަށް ދެރަ
މިދިޔަ ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބަށް ކޯލިޝަނަށްވީ ވައުދު އެމްޑީޕީއިން އުވާލާފައިވާކަމަށް ބުނެ ޖޭޕީން ވަނީ 41 ދާއިރާއަކަށް ކެންޑިޑޭޓުން ނެރެފަ އެވެ. އަދި ޖޭޕީގެ އިސް މެމްބަރުން ދެކޮޅު ހަދަމުން ދަނިކޮށް، ގާސިމް އިސްވެ ވަނީ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އާ ގުޅިގެން ވާދަކުރަން ނިންމައިފަ އެވެ. ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން، ޖޭޕީގެ ބައެއް ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެބިނެޓުގައި ތިއްބަވަނިކޮށް، އިދިކޮޅު ޕާޓީތަކާ ގުޅުމުން، ޖޭޕީއަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
މަޖިލީސް އިންތިހާބަށް ޖޭޕީގެ 41 ކެންޑިޑޭޓުން ވާދަކުރެއްވި އިރު، ރައްޔިތުންގެ ތާއީދު ލިބިގެން އިންތިހާބުވީ އެންމެ ހަތް ކެންޑިޑޭޓުންނެވެ.
އޭގެ ތެރެއިން ފާހަގަކޮށްލެވެނީ ކެންދޫ ދާއިރާ އަލީ ހުސެއިންނާއި ތިމަރަފުށި އަބްދުﷲ ރިޔާޒެވެ. ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމަށް ދަނގެތި ދާއިރާގެ ގޮނޑި ވަނީ ލިބިފަ އެވެ.
ޖޭޕީގެ "ވަރުގަދަ" ކެންޑިޑޭޓުންނަށް ނާކާމިޔާބު
ޖޭޕީއަށް އެހާ މަދު ގޮނޑިތަކެއް ކާމިޔާބުވީ، އެ ޕާޓީގެ އެންމެ "ވަރުގަދަ" ކެންޑިޑޭޓުން އިންތިހާބުން ނާކާމިޔާބުވީމަ އެވެ. އެގޮތުން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ވިލިމާލޭ ދާއިރާއިން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާއިރު، މިހާރުވެސް ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮން މަނިކު ވެސް މިފަހަރު ވަނީ ނާކާމިޔާބުވެފަ އެވެ. ވަރަށް ވަރުގަދައަށް ކެމްޕޭނު ކުރެއްވި ނަމަވެސް، އަލްހާން ފަހުމީއަށް ވެސް ވަނީ ހެންވެއިރު އުތުރުން އަގުލައްބިޔަތު ނުލިބިފަ އެވެ.
ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސެއިނާއި އުނގޫފާރު ދާއިރާއަށް އިލްހާމް އަހުމަދު ވެސް ބައްޔެވެ. ހަމައެހެން ވިލުފުށި ދާއިރާ ރިޔާޒް ރަޝީދާއި ތިނަދޫ ދެކުނު ދާއިރާއަށް އަބްދުﷲ އަހުމަދު ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. އެ ދާއިރާތައް ނެގީ އެމްޑީޕީއިންނެވެ.
މިހާރުވެސް ބިލެއްދޫ ދާއިރާގެ މެމްބަރުކަން ކުރައްވައި، އަހުމަދު މުބީން ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.
އޭގެ އިތުރުން، ގަލޮޅު ދެކުނަށް ވާދަކުރެއްވި ކުރީގެ އެކްޓިންގް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒުގެ އިތުރުން، މިހާރުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކަށް ވެސް އެ ދާއިރާގެ ގޮނޑި ހިފެހެއްޓޭ ގޮތް ނުވެފަ އެވެ. ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމަށް ހެންވެއިރު ދެކުނުން އަގުލަބިއްޔަތެއް ނުލިބުނެވެ.
ކޯލިޝަން ވެރިކަމުގައި ޖޭޕީގެ ދައުރާމެދު ސުވާލު އުފައްދަމުން ދަނިކޮށް އިންތިހާބުގެ ނަތީޖާއާއެކު އެމްޑީޕީއަށް މެޖޯރިޓީ ނުދިނުމަށް ޖޭޕީއިން ކުރި މަސައްކަތް މިވަނީ ވަރަށް ބޮޑުތަނުން ފެއިލްވެފަ އެވެ.
އަދި ކުރިއަށްއޮތް ތަނުގައި ކޯލިޝަނު ސަރުކާރުގައި ޖޭޕީ ދެމިއޮތުމާމެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.