ހަބަރު

އިންޑިއާގެ ތިންވަނަ ހެލިކޮޕްޓަރެއް ނުގެނޭ: ސިފައިން

Jan 19, 2019
4

މިހާރު ރާއްޖޭގައި އޮންނަ ދެ ހެލިކޮޕްޓަރުގެ އިތުރަށް އިންޑިއާގެ އެހެން ހެލިކޮޕްޓަރެއް ރާއްޖޭގައި އޮޕަރޭޓް ނުކުރާ ކަމަށާއި ހެލިކޮޕްޓަރުތައް އިތުރުކުރި ވާހަކައަކީ ދޮގެއް ކަމަށް ސިފައިން ބުނެފި އެވެ.

ރާއްޖޭގައި އޮންނަ އިންޑިއާގެ ދެ ހެލިކޮޕްޓަރުގެ އިތުރަށް އިންޑިއާގެ ތިން ވަނަ ހެލިކޮޕްޓަރެއް ވެސް ރާއްޖޭގައި އޮޕަރޭޓް ކުރާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދައުރުވާތީ، "އަވަސް" އިން ސުވާލުކުރުމުން އެމްއެންޑީއެފްގެ ކޯސްޓް ގާޑްގެ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ، އިންޑިއާގެ ތިން ވަނަ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮތް ކަމަށް ބުނެ ދައުރުވާ ފޮޓޯއަކީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ހެލިކޮޕްޓަރުތަކުގެ ތެރެއިން އައްޑޫ، ގަމުގައި ބާއްވާފައި އޮންނަ ހެލިކޮޕްޓަރު ސާވިސްކުރަން ގެންދާތީ އޭގެ ބަދަލުގައި ގެނައި ހެލިކޮޕްޓަރެއް ކަމަށެވެ. އަދި އެއްވެސް ހެލިކޮޕްޓަރެއް ސާވިސް ކުރަން ގެންދާ ނަމަ، އޭގެ ބަދަލުގައި އެހެން ހެލިކޮޕްޓަރެއް އިންޑިއާއިން ވަގުތީ ގޮތުން އަބަދުވެސް ފޮނުވައިދޭ ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.

"އެކަން ވެފައި އޮތް ގޮތަކީ، އެންމެ ފަހުން މިކޮޅުގައި ހިންގި ސާވިއަލަންސް އޮޕަރޭޝަނަށް އިންޑިއާގެ ސިފައިންގެ އުޅަދެއް އައިއިރު، ގަމުގައި އޮންނަ ހެލިކޮޕްޓަރު ސާވިސްއަށް ގެންދަން ޖެހިފައި އޮތީމާ އިންޑިއާއިން ފޮނުއްވައި ދެއްވީ އެ ހެލިކޮޕްޓަރު ސާވިސް ނިންމާފައި ގެނެވެންދެން އެހެން ހެލިކޮޕްޓަރެއް. ދެން އަނެއް ހެލިކޮޕްޓަރު ގެންދެވީ ސާވިސްއަށް. އެއީ އަބަދުވެސް އެކަން ކުރާ ގޮތަކީ. ދެ ހެލިކޮޕްޓަރަށް ވުރެ ގިނައިން މިކޮޅަކު ނޯންނާނެ. އެއީ އެއްބަސްވުމުގައި ވެސް އޮންނަ ގޮތް،" ބްރިގޭޑިޔާ ޖެނެރަލް ޒުހައިރު ވިދާޅުވި އެވެ. "އިންޑިއާއިން އިތުރު ހެލިކޮޕްޓަރެއް ރާއްޖެ ހަދިޔާ ކުރި ވާހަކަ އަކީ ދޮގެއް. ދޭތި ހަމަ އޮތީ،"

އޭނާ ވިދާޅުވީ، އިންޑިއާއިން ސާވިސްއަށް ގެންދާ ހެލިކޮޕްޓަރުގެ ބަދަލުގައި އެހެން ހެލިކޮޕްޓަރެއް ފޮނުވައިދެނީ، ރެސްކިއު އޮޕަރޭޝަންތަކަށް ބުރޫ އަރާފާނެތީ ކަމަށެވެ. އަދި އިންޑިއާ ހެލިކޮޕްޓަރުތަކުގެ ބޭނުންކޮށްގެން މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވެސް 10 މެޑިކަލް އިވެކުއޭޝަން ހިންގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަނީ ސީދާ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ކަމަށާއި މެޑިކަލް އިވެކުއޭޝަން އަދި ދިވެހި ސިފައިން އެދުމުގެ މަތިން ސާވިއަލަންސް އޮޕަރޭޝަންތަކުގައި ނޫން ގޮތަކަށް އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހެލިކޮޕްޓަރުތައް އަލުން އޮޕަރޭޓް ކުރަން ފެށިފަހުން މިހާތަނަށް ވެސް ހުސް މެޑިކަލް އިވެކުއޭޝަން މި އޮތީ ހިންގާފައި. އަނެއްކާ އޭގެ [ހެލިކޮޕްޓަރުގެ] ހުރިހާ އޮޕަރޭޝަންތަކެއް އެދަނީ ހަމަ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން. އިތުރު އެހެން ކަންތައްތަކެއް މި ހެލިކޮޕްޓަރުތައް އޮޕަރޭޓްކޮށްގެން ނުކުރާނެ،" ބްރިގޭޑިއާ ޖެނެރަލް ޒުހައިރު ވިދާޅުވި އެވެ.

އިންޑިއާގެ ދެ ހެލިކޮޕްޓަރާ އެކު ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ބުނެ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ދެ ހެލިކޮޕްޓަރު ފޮނުވާލަން މަސައްކަތް ކުރި އެވެ. ނަމަވެސް އެ ސަރުކާރުން ވެސް އެ ހެލިކޮޕްޓަރު ފޮނުވައެއް ނުލަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ވަނީ އެ ހެލިކޮޕްޓަރުތައް ފޮނުވައި ނުލަން ނިންމައި އިންޑިއާޔާ އެކު އެއްބަސްވުން އާކޮށްފަ އެވެ. އަދި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމުގެ އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމާއި ސިޔާދަތަށް ބުރުލެއް ނާރާނެކަން ކަށަވަރުކޮށްފައިވާނެ ކަމަށާއި އެއްވެސް ގައުމަކާ އެކު އެފަދަ އެއްބަސްވުމެއް އެކުލަވާ ނުލާނެ ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އެ އެއްބަސްވުމާ މެދު ވަރަށް ބޮޑު ފާޑު ކިޔައި ޝައްކު އުފައްދަ އެވެ.