އަމާޒަކީ ކޯލިޝަން ސަރުކާރު ދަމަހައްޓައި، ސަރުކާރުގެ އަގުލަބިއްޔަތު އޮންނަ މަޖިލީހެއް އިންތިހާބު ކުރުން ކަމަށް އަދާލަތު ޕާޓީ އިން ބުނެފި އެވެ.
އަދާލަތު ޕާޓީ އިން މިގޮތަށް ބުނެފައިވަނީ، މަޖިލިސް އިންތިހާބަށް އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލައި، އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީ އިން ތައްޔާރަށް އޮތް ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމާއި ގުޅިގެނެވެ.
އަދާލަތު ޕާޓީ އިން ކުރި ޓްވީޓެއްގައި ބުނީ، އެ ޕާޓީ އިން ބައިވެރިވާ ކޯލިޝަންގެ ވެރިކަން ދަމަހައްޓައި، ސަރުކާރަށް އަގުލަބިއްޔަތު އޮންނަ މަޖިލީހެއް އިންތިހާބުކުރުމަކީ އަދާލަތު ޕާޓީގެ މުހިންމު އަމާޒެއް ކަމަށެވެ. ޕާޓީގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ގައުމުގެ ހަމަޖެހުމަށް އިސްކަންދީގެން ކުރިއަށްދިއުމަކީ އަދާލަތު ޕާޓިގެ އަބަދުވެސް ވިސްނުން ކަމަށްވެސް އެޕާޓީ އިން ބުންޏެވެ.
އަދާލަތު ޕާޓީ އިން މިގޮތަށް ބުނެފައިވާއިރު، އެކަމާ ގުޅިގެން ކޯލިޝަންގެ ލީޑަރެއް ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވަނީ، ހަތަރު ޕާޓީ އިން ކޯލިޝަނެއް އުފެއްދީ އިންސާފުވެރި ހެޔޮ ވެރިކަމެއް ގާއިމްކޮށް ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރުމަށް ކަމަށާއި އެހެންކަމުން ޕާޓީގެ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސް ކުރަން ޖެހޭ ކަމަށެވެ.
ކޯލިޝަން ރޫޅާ ނުލައި ދެމެހެއްޓުމަކީ އެންމެންގެ ވާޖިބެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހަތަަރު ލީޑަރުންގެ މައްސޫލިއްޔަތު ވަރަށް ބޮޑު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކޯލިޝަން ޕާޓީތަކުން ސަރުކާރާ ހަވާލުވުމުގެ ކުރިން ވެސް އަދި ވެރިކަމަށް އައުމަށް ފަހުގައި ވެސް އެންމެ ބޮޑު ދެ ޕާޓީ، އެމްޑީޕީ އާއި ޖޭޕީ ދެމެދު ދެބަސްވުންތަކެއް އުޅޭ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ. އެކަންތައް ބޮޑުވެ، ދެ ޕާޓީ ރޫޅޭ ހިސާބަށް ދިޔައީ މަޖިލިސް އިންތިހާބުގައި ވާދަ ކުރާނެ ގޮތަކާ މެދު ޕާޓީތަކަށް އެއްބަސް ނުވެވުމުންނެވެ. އަދި އެމްޑީޕީ އިން ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ނިންމުމުންނެވެ.
ދެ ޕާޓީގެ ލީޑަރުން ކަމަށްވާ ގާސިމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ރައްދުކޮށްފަ އެވެ. ގާސިމް ވަނީ ފާޅުގައި ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި މަޖިލިސް މެޖޯރިޓީ އެއް ޕާޓީއަކަށް ދިނުމަށް ދެކޮޅު ހަދާފަ އެވެ.
އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ރިޔާސީ އިންތިހާބު ކާމިޔާބު ވުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރީ އެމްޑީޕީ އާއި ޕާޓީގެ މެންބަރުން ބުރަކޮށް ކުރި މަސައްކަތުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އާ ސަރުކާރެއްް ރައްޔިތުން އިންތިހާބު ކުރީ ބޮޑެތި އުންމީދުތަކަކާ އެކު ކަމަށާއި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭނީ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ސަރުކާރަށް އޮވެގެން ކަމަށެވެ.