ޕެންޝަން އޮފީސް

މުއިއްޒު ގެންގުޅުއްވަނީ ޕެންޝަން ފަންޑު ބަނގުރޫޓްވާ ސިޔާސަތެއް: އިޔާދު

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ޕެންޝަން ފަންޑުން ފައިސާ ދޫކުރުމަށް ގެންގުޅޭ ސިޔާސަތުގެ ސަބަބުން ޕެންޝަން ފަންޑު ބަނގުރޫޓް ވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މުހައްމަދު އިޔާދު ވިދާޅުވެއްޖެ އެވެ.

މާފަންނު ސަހަރާ ކައިރީގައި މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޖަލްސާގައި އިޔާދު ވިދާޅުވީ ޕެންޝަން ފަންޑުން ފައިސާ ނެގުމަށް މުއިއްޒު ގެންގުޅޭ ސިޔާސަތުގެ ސަބަބުން އޭނާއަށް އިގްތިސާދު މެނޭޖުކުރަން އެނގިވަޑައިނުގަންނަވާ ކަން ހާމަވާ ކަމަށެވެ.

އިޔާދު ވިދާޅުވީ ޕެންޝަން ފަންޑަކީ އަވަސް އަވަހަށް ފައިސާ ނެގޭ ގޮތަށް ހުންނަ ބޭންކް އެކައުންޓް ފަދަ އެކައުންޓެއް ނޫން ކަމަށެވެ. އެހެންކަމުން މުއިއްޒު ހުށަހަޅުއްވާ ސިޔާސަތާ އެއްގޮތަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހެދުމަކީ ބިޔަ ބޮޑު އެ ފަންޑު ބަނގުރޫޓް ވާނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެެވެ.

"ޕެންޝަން ފަންޑަކީ އިރުއިރުކޮޅާ ފައިސާ ނެގޭ ގޮތަށް ހުންނަ ފަންޑެއް ނޫން،" އަދާލަތު ޕާޓީގެ ނައިބް ރައީސްގެ ގޮތުގައިވެސް ހުންނެވި އިޔާދު ވިދާޅުވި އެވެ.

އދ. މަހިބަދޫގައި މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ޕެންޝަން ފަންޑުގައި 20 ބިލިއަން ރުފިޔާ ހުރި ނަމަވެސް ފަންޑުގެ ހައްގުވެރިންނަށް ޕެންޝަން ފައިސާ އެންމެ ހެޔޮ ގޮތުގައި ބޭނުންކުރެވޭނެ ގޮތެއް މިވަގުތު ނެތް ކަމަށެވެ. އެހެންވެ މުއިއްޒުގެ ހުށަހެޅުމަކީ ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރާތާ ގިނަ ވެގެން 10 އަހަރުގެ ތެރޭގައި ފައިސާ ނެގޭ ގޮތް ހެދުމެވެ.

ޕެންޝަން ފަންޑުން ކުރިން ފައިސާ ނެގެނީ ވަޒީފާއިން މުސްކުޅި ކުރުމުން އުމުރުން 65 އަހަރުވުމުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްފަހު ވަނީ އެޕާޓްމަންޓް ގަތުމަށާއި ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހަދައިދީފަ އެވެ.