ހަބަރު

އެމްޓީސީސީގެ ކުރީގެ ދެ ވެރިއެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި

އޭސީސީން ދައުވާކުރަން ފޮނުވީ އެ ކުންފުނީގެ ކުރީގެ ހިއުމަން ރިސޯސް ހެޑް ހ. ހަހިފާ، އާބިދާ ރަޝީދާއި އެ ކުންފުނީގެ ކުރީގެ ބިޒްނަސް ޑިވެލޮޕްމަންޓް ހެޑް، މ. ސަނދު، އަހުމަދު ނަސީމްގެ މައްޗަށެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާކުރަން ފޮނުވީ އިއުލާން ކުރުމެއް ނެތި އަދި އިންޓަވިއު ކުރުމެއް ވެސް ނެތި އެ ކުންފުނީގެ ގްރެފިކްސް ޑިޒައިނާގެ މަގާމަށް މީހަކު ނަގާފައިވާތީ ކަމަށް އޭސީސީން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ. އަދި އިންޓަވިއު ސިލެކްޝަން އެޕްރޫވަލް ޝީޓް އެ ދެ ބޭފުޅުން ސޮއި ކުރައްވާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ދެ ބޭފުޅުންގެ އެ އަމަލަކީ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައި ދިނުން ކަމަށް ބެލެވޭތީ އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާކުރަން އެދިފައިވަނީ ކޮރަޕްޝަން މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ.

އެ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ ސީއީއޯގެ މައްޗަށް ތުހުމަތު ކުރެވުނު ނަމަވެސް އެކަމުގައި އޭނާ ބައިވެރިވި ކަން ފާހަގަ ނުކުރެވޭ ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.