ވާހަކަ

ވާހަކަ: ލޯބި އެންމެ ލޯބި

ބާތުރޫމް ސްކޭލްގެ މައްޗަށް އަރައި އަހަރެން ހަމަޖެހިލީމެވެ. ހިންދިރުވާލާފައި ކުޑަކޮށް ކަރުވެސް ކެހިލީމެވެ. ނިކަން ފަރުވާތެރިކަމާ އެކު ދެން ބަލާލީ ތިރިއަށެވެ. އަހަރެންގެ ދެ ފައިތިލައިގެ ދެމެދުން ފެންނަން ހުރި ކުޑަކުޑަ ޑިޖިޓަލް ސްކްރީނުގައި އެނބުރެމުން ދިޔަ ނަމްބަރުތައް ހަމަޖެހިލީ އިރުކޮޅަކުންނެވެ.

ނަމްބަރުތައް ހުއްޓިގެން އަރާފައި އޮތީ 79.50 ކެވެ. އެ ނަމްބަރު ދިއްލިފައި އޮތީ ނިއޯން ރަތް ކުލައިގަ އެވެ. އަހަރެން ހުރީ ހުސްގަޔާ އެވެ. ކުޑަކޮށް އަނގަހުޅުވިފަ އެވެ. ދެން މޫނު މައްޗަށް ވެރިވީ ފޫހިކަމެކެވެ. އެ ފޫހިކަމާ އެކު ބާތުރޫމް ސްކޭލުން ފޭބުމަށް ފަހު ފައެއްގެ އެހީގައި އޭތިގަނޑު ނިކަން ބާރަށް އެނދު ދަށަށް ކޮށްޕާލީމެވެ. މުށިމަތީގައި ކޭއްތެމުން ގޮސް އޭތި މަޑުވީ ފާރުގައި ޖެހިގެންނެވެ. އެ އަޑުއިވުނުއިރު އަހަރެން ގޮސް ހުއްޓިލައިގެން ހުރީ އަލަމާރީގެ ދޮރުގެ ބޭރުގައި ހުރި މޫނު ބަލާ ލޯގަނޑު ކުރިމަތީގަ އެވެ.

އަހަރެންގެ ފަލަ ހަށިގަނޑުގެ އެންމެ ތަންކޮޅެއް ވެސް އެ ލޯގަނޑުގެ ތަސްވީރަކުން ނުގެއްލެ އެވެ. ހުރިގޮތަށް ހުއްޓިލައިގެން ގާވެފައި އަހަރެން ހުރީ އެވެ. ބޯމަތީގައި އެނބުރެމުން ދިޔަ ފަންކާގެ ފިނި ވައިރޯޅިތަކުގައި ޖެހި އަހަރެންގެ ބޮލުގެ ފުސް އިސްތަށިގަނޑު ދިޔައީ ކުރިއަށް ވުރެ ބޮޑަށް ހޭވެމުންނެވެ. އިސްތަށިގަނޑުގައި އަހަރެން ހިފީމެވެ. ރީތިކޮށް ކަނދުރާގެ ދެ ފަޅިން މޭ މައްޗަށް ވައްޓާލީމެވެ. އެއީ އަހަރެންގެ އެންމެ ނަލަ ސިފަ އެވެ. ދިގު އިސްތަށިގަނޑާ އެކު އަހަރެންގެ މޭމަތި އޮތީ ނިވާވެފަ އެވެ.

  *** ** ***

އަހަރެންގެ ނަމަކީ ފަލްމާ އެވެ. މަޝްހޫރު ނަމުން ނަމަ ފަލަމާ އެވެ. ނުވަތަ އަލަ-މާ އެވެ. އެއީ އަހަރެން އުފެދިފައި ހުންނަ ސިފަ އާއި ބައްޓަމަށް ނިސްބަތްކޮށް ސްކޫލްކުދިން ދީފައިވާ ނަން ނަމެވެ. ކޮންމެ ކްލާސް ރޫމަކާ އަރާ ހަމަވާއިރަށް އެއިން ކޮންމެ ވެސް ނަމަކުން ކުދިންތަކެއް ގޮވަން ފަށާނެ އެވެ. އިސްދަށަށް ޖަހައިގެން އަހަރެން ލަދުން ދުއްވައިގަންނަނީ އެވެ. އެކަމަކު ބަރު ދަނުގައި 80 އެއްހާ ކިލޯ ހުންނަ 15 އަހަރުގެ އަންހެން ކުއްޖަކަށް ދުވެލާފައި ދެވޭނެ ގޮތާއި، ދުވެލާފައި ދެވޭނެ ހިސާބު އަހަރެން ކިޔައި ނުދިނަސް ތިއިން ހަމަ ކޮންމެ މީހަކަށް ވެސް ދެން އެނގޭނެ އެވެ.

އަހަރެން ފަލަކަން އަހަންނަށް އެނގެ އެވެ. ލަދު ގަންނުވާލީމާ ކޮންމެ ފަހަރަކު ވެސް ދުއްވައި ގަނެވެނީ އެވެ. ދެން ގޮސް މައިތިރިނުވެ ތަނެއްގައި ޖެހިދާނެ އެވެ. ނުވަތަ ސިޑިން ކައްސާލައިގެން ވެއްޓިދާނެ އެވެ. އަހަރެމެން ގެއާ ޖެހިގެން ހުރި ބޭސްފިހާރައިގެ ފާމަސިސްޓް، ރަތުނާގެ އެހީ އަށް އަހަރެން އެދުނު ސަބަބަކީ މިއީ އެވެ. އެއީ ވަރަށް ވެސް ރަނގަޅު މީހެކެވެ.

ރަތުނާގެ ލަފައާ އެކު އަހަރެން ބޭސްތަކެއް ނަގަން ފެށީ އެވެ. ދެން އެނގެއެއް ނޫން ހެއްޔެވެ؟ އަހަރެން މިއީ އަންހެން ކުއްޖެކެވެ. އަދި ފުރާވަރެވެ. އަނެއްކޮޅުން "ފަލަ ކުއްޖާ" ގެ ބޯޑު އޮންނަނީ އަހަރެންގެ ކަރުގައި އަޅުވައި ތަޅުލައިފަ އެވެ. އެވަރުވީމަ ދެރަވާނެއެއް ނޫން ހެއްޔެވެ؟ ކަންބޮޑުވާނެއެއް ނޫން ހެއްޔެވެ؟ ކޮންމެ ދުވަހަކު ސްކޫލުން ގެއަށް އައިސް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަނެގެން އޮވެ ރޯކަށް އަހަރެން ބޭނުމެއް ނޫނެވެ. ލޯގަނޑުން އަހަރެންގެ ސިފަ ފެންނަ ކޮންމެ ފަހަރަކު އޭގައި އަތުން ޖަހައި އަތް ކަފާލާކަށް ބޭނުމެއް ނޫނެވެ. ރަތުނާ ކައިރިއަށް ދިޔައީ އެހެންވެގެންނެވެ. އަހަރެންގެ ކަންބޮޑުވުންތަކަށް އޭނާގެ އަތުގައި ބޭސް ހުރީމަ އެވެ.

މި ބޭސްފިހާރައަކީ ފަތިހަށި އަންހެން ކުދިންގެ މަރުކަޒެއް ކަހަލަ ތަނެކެވެ. އަހަންނަށް އެނގޭނެއެއް ނޫން ހެއްޔެވެ. ކުރިމަތީގައި ހުންނަ އަރޯމާ ފިހާރައިން އައިސް ކޯން ގަނެގެން ދެ އަތުން ދެ ކޯން ހިފަފައްޓައިގެން ފަހަރަކު އެއްޗެއްގައި އަހަރެން ދޫލަމުން ދާއިރު ރަތުނާގެ ބޭސްފިހާރައިގެ ތެރެއަށް ޖަމާވެފައި އޮންނަ އަންހެން ކުދިންގެ ބައިގަނޑު އަހަރެން ދެކެމެވެ. ލޫޅާފަތި ވަނާތަކުގައި ތައްވެފައިވާ ފަރި ހެދުންތަކުގައި ބޭސްފިހާރައަށް ވަދެ ނުކުމެގެންދާ އަންހެން ކުދިންގެ އަވާގައި އަހަރެން ޖެހި ގިނަ ދުވަސްތަކުގައި އައިސް ކޯން ވެސް ވިރިގެން ފައިބަނީ އެވެ.

ކިތަންމެ ފަލަޔަސް އަދި ކިތަންމެ ސިފަ ހުތުރަސް އަހަރެން ވެސް މިއީ އެހެން އަންހެން ކުދިން ފަދައިން ފުރާވަރުގެ ތަފާތު ގިނަ އިހްސާސްތަކާއި ސިއްރުތަކެއް ވެރިވެފައިވާ ކުއްޖަކީމެވެ. ހަށިގަނޑުގެ ނަލަކަން ދެމެހެއްޓުމަށް ބޭސް ބޭނުންކުރާ އަންހެން ކުދިންނާއި ސިޓްރޮން އަށް އަރައި ކަޅު ކޮފީގަނޑެއް ބޯލާގޮތަށް ހުސްބަނޑާ ތިބޭ ކުދިން ފަދައިން އަހަރެން ވެސް އެގޮތަށް އެތައް ކަމެއް ކުރަން ބޭނުމެވެ. މޫނުގައި ނަގާފައި ހުރި ބިހިތަކަށް ހައްލެއް ހޯދައި މި ސަރުބީތައް ވިރުވައިގެން ބައްޓަން ނަލަކޮށް ހަންގަނޑު އޮމާންކުރަން އަހަރެން ވެސް ބޭނުމެވެ. މަންމަމެންނަށް ވަގަށް މެގަޒިން އާއި ފާޑުފާޑުގެ ސީޑީތައް ގެންގުޅުމަކީ އަހަރެން ވެސް ކުރާ ކަމެކެވެ.

ފެޝަން ބިއުޓީ މެގަޒިންތަކުން އަހަރެން ލަފާ ނަގަމެވެ. ރީތިވާނެ ގޮތާއި މޭކަޕްކުރާނެ ގޮތްތައް ދަސްކުރަމެވެ. އަނެއް ޖިންސުގެ ކުދިންގެ ޝައުގުވެރިކަން އަތުލާނެ ގޮތްތައް ހޯދައި ބަލައި ތަޖުރިބާ ވެސް ކުރަމެވެ. ބޭސް ފިހާރައިން ނުކުމެގެންދާ އަންހެން ކުދިން ފަދައިން، އަހަރެންގެ އެދުންތައް ވެސް ގިނަ އެވެ. މި ހުރިހާ ކަމެއްގެ ހައްލަކަށް އަހަރެން އިހުތިޔާރުކުރީ ރަތުނާ އެވެ. ކޮންމެ ދުވަހަކު ފެނިދެނިވެ ރައްޓެހިކަން ވެސް ބޮޑުވެފައި އޮތް ވަރުންނެވެ. ފުނިޖެހިފައި ހުރި ވާހަކަތައް ހިއްސާކުރަން ފަސޭހަވާނެތީ އެވެ.

އޭނާ ދިނީ ތިން ވައްތަރެއްގެ ބޭހެކެވެ. ނަންތަކެއް އަހަންނަކަށް އެހާ ރަނގަޅަކަށް ނޭނގެ އެވެ. ނަމަވެސް އޭނާ އަށް އިތުބާރުކޮށް އޭގައި ހިފީ އެވެ. އަހަރެން އެދުނީ އޭނާ ކައިރިއަށް އަންނަ ރީތިވަނާތަކުގެ ކުދިންތަކަށް އޭނާ ދޭ ބޭސްތައް އަހަންނަށް ވެސް ދިނުމަށެވެ. ނަމަވެސް ރަތުނާ ބުނީ އެއީ އަދި އެހެން މަރުހަލާއެއްގެ ބޭސްތަކެއް ކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަ ނަގަން ޖެހޭ ބޭސްތައް އޭނާ އަތުން ޖަހައިގެން އަހަރެން އަވަސް އަވަހަށް ނުކުމެގެން ދިޔައީ އެވެ. އެއީ ތިން އިރުގެ ބޭހެވެ. ރަތުނާ އެއަކަށް އަގެއް ވެސް ނުނަގައެވެ. ރައްޓެހިކަން ބޮޑުވީމަ އެވެ.

*** *** ***

އެނދު ދަށަށް ބޯކޮށްޕައިގެން އެންމެފަހުން ބާތުރޫމް ސްކޭލާ އަތު ޖެހިއްޖެ އެވެ. އެއް އަތުގެ ބާރުގައި އޭތި ބޭރަށް ކޮށްޕާލީމެވެ. އެއަށް ފަހު އެނދުދަށުގައި އަހަރެން ތާށިނުވީ ހަމަ ކިރިޔާ އެވެ. ވަރުބަލިކަމާއި ބަރުހެލިކަމާ އެކު އެނދު ދަށުން ދެމިގަނެގެން ނުކުމެ ބޯ ހިއްލާލިއިރު ކޮޓަރީގެ ދޮރު ހުޅުވައިގެން އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުރީ ސަމަދެވެ. އެއީ މަންމަ މިހާރު އިންނަން އުޅޭ މީހާ އެވެ. އޭނާ އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓިފައި ހުރިގޮތުން އޭގެ ފަހަތުގައި ފޮރުވިފައިވީ އެެދުންވެރިކަމެއް އޮތް ކަހަލަ އެވެ.

އަނެއްކާ އަހަންނަށް އޭނާގެ ތޫނު ނަޒަރު ރޭކާލީ އޭނާ އެގޮތަށް ހުންނަތާ ކިހާ އިރަކުން ކަމެއް ވެސް ނޭނގެ އެވެ. ކޮންމެއަކަސް އަހަރެން އެ ދިމާލަށް އެނބުރުމާ އެކު އޭނާ ދޮރު ލައްޕާލާފައި ހިނގައްޖެ އެވެ. އަހަރެން ލައިގެން ހުރި ދޫ ހަރުވާޅު ފަލަ މަސްގަނޑާ ހިސާބަށް ބޭލިފައި އޮތްކަން އިހްސާސްވީ ދެނެވެ. އަހަރެން އަވަސް އަވަހަށް ހަރުވާޅު ރަނގަޅުކޮށްލީމެވެ. ދެން ވަގުތުން އެރީ ބާތުރޫމް ސްކޭލަށެވެ. އެއިން ދެއްކީ 78 ކެވެ. އެހެންވީމަ ރަތުނާ ދިން ބޭސްތަކަށް ތިން ދުވަސް ވެސް ނުވަނީސް ކިލޯއެއް ދުއްވާލެވުނީ އެވެ. އެ ވަގުތު އަހަރެންގެ ތުންފަތްމަތީގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ.

އެ އުފާވެރިކަން އަހަރެން ގޮސް ބަނޑުންކޮށްލީ ރަތުނާގެ ކައުންޓަރަށެވެ. އަހަރެންގެ ހިތް އޮތީ އުފާވެރިކަމުގައި އުތުރިއަރައިގެންފަ އެވެ. ވާހަކަ ވެސް ދެއްކުނީ ފުދޭވަރަކަށް ބާރަށެވެ. ފުދޭވަރަކަށް ނޫނެވެ. ހަމަ އަސްލު ވެސް ނިކަން ބާރަށެވެ. އެއީ އުފާވެފައި ހުރިވަރު ބޮޑުކަމުން ވީ ގޮތެކެވެ. އެކަން އަހަންނަށް އިހްސާސްވާން އިރުކޮޅެއް ނެގި އެވެ.

އޭރު ރަތުނާ ހުރީ ބުނާނެ އެއްޗެއް ނޭނގި ލަދުގެންފަ އެވެ. ފިހާރަ ތެރޭގައި ތިބި މީހުންތައް ކުއްލިއަކަށް ފާޅުވި ކަހަލަ އެވެ. ލަދުރަކި ހިނިތުންވުމަކާ އެކު އަހަރެން މައިތިރިވުމަށް ރަތުނާ ދެ ތިން ފަހަރެއްގެ މަތިން ވަގުވަގަށް އިޝާރާތްކޮށްލުމުން އަހަރެން އިސް ދަށަށް ޖަހައިގެން ގޮސް ފަހަތުގައި ހުރި ގޮނޑިއެއްގައި އިށީނީމެވެ.

އެނބުރި ގެއަށް ދިޔައީ އަނެއްކާވެސް ރަތުނާ ދިން ކޮންމެވެސް ކަހަލަ ބޭސްތަކެއް ހިފައިގެންނެވެ. އޭނާ ބުނީ އެ ބޭސްތައް ބޭނުންކުރަނިކޮށް މޫނުގައި ހުރި ބިހިތައް ރަނގަޅުވެ ހަންގަނޑު ވެސް އިސާހިތަކު އޮމާން ވެދާނެ ކަމަށެވެ. އަހަރެން ހުރީ ނިކަން ވެސް ވެސް ހިތްހަމަޖެހިފަ އެވެ.

މި ހުރިހާ ބޭސްތަކެއް ވެސް އަހަރެން ބޭނުންކުރަމުން ދިޔައީ ވަގަށެވެ. މަންމަ އަށް އެނގިއްޖެ ނަމަ އަހަރެން ނޮޅާލާނެ އެވެ. ބޭސް ފިހާރައިގެ ބިއްލޫރިގަނޑު ވެސް ތަޅާލަފާނެ އެވެ. އެހެންވެ ރަތުނާ ވެސް އޮތީ ބޭސްތަކަށް ފަރުވާތެރިވުމަށް އެދިފަ އެވެ. މި އެއްބަސްވުމުގެ ދަށުން އަހަރެންގެ ހަށިގަނޑުން އެންމެފަހުން ސަރުބީތައް އަނދަން ފެށީ އެވެ.

ހަންގަނޑު އޮމާންވެ ދޮންވާން ފެށީ އެވެ. އޭރު އަދި ރަތުނާ އަމިއްލަ އަށް އަހަންނަށް އެހެން ބޭސްތަކެއް ވެސް ދީފި އެވެ. އަދި އެ ބޭސްތައް ބޭނުންކުރާނެ ގޮތް ވެސް އޭނާ ދިޔައީ ކިޔައި ދެމުންނެވެ. އެ ވަގުތުތަކުގައި އަހަރެމެން ތިބެނީ ބޭސްފިހާރައިގައި ތަޅުލައިގެންނެވެ. އާންމުކޮށް ދެ ނަމާދު ދެމެދެވެ. ބޮކި ނިއްވާލާފައި އޮންނައިރު ބޭރުން ދާ މީހަކަށް ވަހުމެއް ވެސް ނުވާނެ އެވެ. އަނެއްކޮޅުން މަންމަ އޮންނަނީ އަބަދުވެސް ސަމަދުގެ އަވާގައި ޖެހިފަ އެވެ. އަހަރެން މަތިން ގިނަ ފަހަރު ހަނދާނެއް ވެސް ނުހުންނަ ކަހަލަ އެވެ.

ރަތުނާ ދިން ބޭސްތަކާ އެކު އަހަންނަށް އަންނަމުން ދިޔަ އަވަސް ބަދަލުތައް އެންމެ ފުރަތަމަ ލޮލުގައި އަޅައިގަތް މީހަކީ މި ސަމަދެވެ. އެންމެފަހުން އޭނާ މަންމަ މަތިން ވެސް ފޫހިވި ކަހަލަ އެވެ. ކޮޓަރި ތެރޭގައި އަހަރެން އުޅެނިކޮށް އެތެރެއަށް ވަދެ އަހަންނާ އެއް ދުވަހަކު ބެހެން އުޅުނީ އެވެ. އަހަރެންގެ ހަޅޭކުގެ އަޑަށް މަންމަ އަށް އާދެވުނުއިރު އޭނާ އޮތީ އަހަރެންގެ މުޅި ހެދުންގަނޑު ވީދާލައިފަ އެވެ. ފަހުން ހިސާބުގަނޑު މީހުންތައް ނުކުމެ ސަމަދުގެ ގައިގައި ނިކަން ރަނގަޅަށް ތަޅައިލީ އެވެ. އޭނާ ބޭޒާރުކޮށްލީ މަންމަ އެވެ. އޭގެ ފަހުން ސަމަދު އަހަރެމެންގެ ގެއަކަށް ނާދެ އެވެ. އަދި މަންމަގެ އަޅާލުމާއި ލޯބި ކުރިއަށް ވުރެ ބޮޑަށް އަހަންނަށް ލިބެން ފެށި އެވެ. އެ ހިސާބުން ރަތުނާ ގާތުން އަހަރެން ހޯދަމުން ދިޔަ އެހީ އަށް ވެސް ކޮންމެވެސް ވަރެއްގެ ބުރައެއް ކުރިމަތިވި އެވެ.

ނަމަވެސް ރަތުނާ އަކީ އަދިވެސް ގާތް މީހެކެވެ. ކުރިއަށް ވުރެ މާ ހާއްސަ މީހެކެވެ. އަހަރެން ފެންބޮވައިގެންފައި ހުރި ހުރިހާ ކަމެއް ފުއްދައިދިން މީހާ އެވެ. އެކަމަކު އަހަރެން އަދިވެސް ފަލަ އެވެ. ދިމާކުރާނެ ސްކޫލް ކުދިންނެއް މިހާރަކު ނެތެވެ. ކިޔެވުން ނިމުނީ އެވެ. ބައެއް މީހުން އަދިވެސް ފޮށެ އެވެ. ތަންތަން ބޮޑޭ ބުނެ ދިމާކުރެ އެވެ.

ހިނގާފައިދާއިރު ބަލަން ވެސް ބަލަ އެވެ. އެކަމަކު އަހަރެން މިހާރަކު ލަދެއް ނުގަނެ އެވެ. ކޮންމެ ގޮތެއް ވިޔަސް ކުރިއަށް ވުރެ އަހަރެން މިހާރު ފުރިހަމަ ވީމަ އެވެ. ކިއްސަރު ރީތިވީމަ އެވެ. އެކަން އަހަންނަށް އަދި އަހަންނާ ދިމާލަށް ބަލާ މީހުންނަށް ވެސް އެނގޭތީ އެވެ. ހުރިހާ ވެސް ޝުކުރެއް ރަތުނާ އަށެވެ. އޭނާ ދިން ބޭސްތަކަށެވެ.

ފަރި ހިނގުމެއްގައި ގޮސް އަހަރެން ވަނީ ރަތުނާގެ ބޭސްފިހާރަ އަށެވެ. އަހަންނާ ދިމާލަށް ބަލަމުން އައި ފިރިހެން ގޮލަޔަކު އެހެން މީހަކާ މުޑިއެރިތަން ފެނުނެވެ. ބޭސްފިހާރަ އަށް ވަނުމާ އެކު ރަތުނާ ދޮރުގައި ތަޅުލުމަށް ފަހު އަހަރެން ގޮވައިގެން އެތެރެއަށް ވަދެއްޖެ އެވެ. 

އެއަށް ފަހު އޭނާގެ ރަސްމީ ގޮނޑީގައި އިށީނުމުން އަހަރެން އަހަރެން އެ ދިމާލަށް ގުދުވެގަތީމެވެ. (ނިމުނީ)