ހަބަރު

އެމްޑީޕީ ޕްރައިމަރީގެ ދެ ދާއިރާއެއްގެ ވޯޓު އަލުން ގުނަން ނިންމައިފި

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އިން ވާދަ ކުރާ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީއާ ގުޅިގެން ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު ދެ ދާއިރާއެއްގައި އަލުން ވޯޓު ގުނަން އެ ޕާޓީ އިން ނިންމައިފި އެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީއާ ގުޅިގެން އަށް ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތައް ބެލުމަށް ފަހު ދެ ދާއިރާއެއްގެ ފޮށިތައް އަލުން ގުނަން ނިންމާފައިވާ ކަމަށެވެ. އަދި އިތުރު އެއް ދާއިރާއެއްގެ މައްސަލަ އިތުރަށް ބެލުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީ އިން ބުންޏެވެ. ދެން ހުރި މައްސަލަތައް ބަލާނެ ތަނެއް ނެތް ކަމަށް ވެސް އެ ޕާޓީގެ ޕްރަމަރީއާ ގުޅޭ ކޮމިޓީ އިން ނިންމި ކަމަށް އެމްޑީޕީ އިން
ބުންޏެވެ.

އެގޮތުން ގުނަން ނިންމާފައި ވަނީ ދެ ކެނޑިޑޭޓުންނަށް ލިބުނު ވޯޓުގެ ފަރަގު ހަނިކަމުން ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް ކަމަށް އެމްޑީޕީ އިން ބުންޏެވެ. އިތުރަށް ބަލަމުން އަންނަނީ ފޮނަދޫ ދެކުނު ދާއިރާގެ މައްސަލައެއް ކަމަށާއި އެއީ 24 ވޯޓުގެ ފަރަގެއް އުޅޭތީ ރީރަޖިސްޓްރޭޝަންގެ މައްސަލަތަކެއް ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ.