ވާހަކަ

ބޭނުންވަނީ ޔާރާ

(16 ޖެނުއަރީ 2019 އާ ގުޅޭ)

ދާއިންއަށް ލިބެމުންދިޔަ އާދަޔާ ހިލާފު ލޯތްބާ ގައިގޯޅިވުންތަކުގެ ފަހަތުގައިވަނީ ކީކޭކަން މިއަދު ދާއިންއަށްވެސް އެނގިއްޖެއެވެ. އޭނަވެސް އޭނަގެ ފަރާތުން ރަނގަޅު ކުރަން ހުރިކަމެއް ވެއްޖެޔާ ރަނގަޅުކުރެވޭތޯ މަސައްކަތްކުރިއެވެ. އަދި ކުރިއަށްވުރެ ބޮޑަށް ޒާރާއަށް ވަގުތުދީ އޭނަ އާއިއެކު ހޭދަކުރާ ވަގުތު ގިނަކުރިއެވެ. ދާއިންގެ ހިތުގައި ޒާރާއަށް ދެވިފައިވާ މަގާމާއި ލޯބިވެސް އިތުރުވެގެން ދިޔައެވެ.


* * * * *

އޯލެވެލް އިމްތިހާން ނިންމާލުމަށްފަހު އެދުވަހުގެ ހަވީރު މަންހާ އާއި އޭނަގެ އެކުވެރިން ބޭރަށް ދިއުމަށް ނިންމިއެވެ. މަންހާ ގެއަށް އައީ ސަޢީދު އާއިއެކު ސައިކަލުގައެވެ. އޭނަ ސަޢީދުގެ ކައިރިން ހުއްދައަށް އެދުނީ މަންމަ ވަސީމާއަށް ވުރެ ފަސޭހައިން ގިނަ ސުވާލުތަކަކާއިނުލާ ސަޢީދުގެ ގާތުން ހުއްދަލިބޭނެކަން އެނގޭތީއެވެ. އެހެން ނަމަވެސް ގެއަށް އާދެވުމާއިއެކު ސަޢީދު އެވާހަކަ ވަސީމާގެ ގާތުގައި ބުންޏެވެ. ކުރިއާއި ހިލާފަށް ވަސީމާވެސް ސަޢީދުއާއި އެއްބަސްވީ ވަރަށް ފަސޭހައިންނެވެ. ހަމައެކަނި މަންހާގެ ގާތުން އަހާލީ ކޮންއިރަކުތޯ ދާން ހަމަޖައްސާފައިވަނީއެވެ.

މަޖީދީ މަގުގައި ހުންނަ ޑައިންމޯއަށް މަންހާ އާއި އޭނަގެ އެކުވެރިންނަށް އާދެވުނީ ހަވީރު ހައެއްޖަހަނިކޮށެވެ. ކޮންމެ ކުއްޖެއްމެ ވަނީ ހިތްއަވަސްވެފައެވެ. ގްރޭޑު ދިހައެއް ނިންމާލެވުމުގެ އުފަލުގައެވެ. ގޮތަކަށް މިނިވަންވީއޭ ހިތަށް އަރާފައެވެ. މަންހާ އާއި އޭނަގެ އެކުވެރިން ސިޑިންމައްޗަށް އަރާ އެތަނުގައި ކަނަކަށްވާގޮތަށް ހަދާފައިވާ ދިގު ސްޕޮންޖު ގޮނޑީގައި އިށީނެވެ. ގިނައިރެއްނުވެ އޯޑަރ ނެގުމަށްޓަކައި ވެއިޓަރެއް އައެވެ. ކޮންމެ ކުއްޖަކުވެސް އޯޑަރ ދިނީ ސަބްމެރިންއަށާއި ކޯކް އަށެވެ. އެތަށް އިރެއްވަންދެން އެކުދިންގެ އަމިއްލަ އެކިއެކި ވާހަކަތައް ދެއްކުމުގައި އެތަނުގައި ތިއްބެވެ. މަންހާވެސް ދާއިންގެ ވާހަކަ އެކިފަހަރުމަތިން ފަށަފަށައިގެން ދެއްކިއެވެ. މިފަދަ އުފާވެރި ދުވަހެއްގައި ދާއިން ފެނިލާނެނަމަ ކިހާ ރަނގަޅުހޭ މަންހާ ބުނަމުންދިޔައެވެ. އޭރުން އޭނައަށް ހުރިހާ އުފަލެއް ހާޞިލްވި ފަދައޭ ބުނެލިއެވެ. އެއާއެކު ހުރިހާ ކުދިން އެއްފަހަރާ ހޭންފެށިއެވެ. އެތަނުގައި އެހެން މޭޒުތައް ކައިރީގައި ތިބި ދެޖިންސުގެ ކުދިންނާއި މީހުން މަންހާމެންނަށް އިރުއިރުކޮޅާ ނަޒަރު ހިންގާލައެވެ.

ޑައިންމޯ ތެރެއިން މަންހާއާއި އޭނަގެ ރަޙުމަތްތެރިންނަށް ނުކުމެވޭވަރުވީ އަށެއްވެސް ޖެހިފަހުންނެވެ. ކޮންމެ ކުއްޖެއްގެ ބަނޑުފުރި ބާރުވެފައިވުމުން ތިބީ ފާޑަކަށް ލޮޑުވެފައެވެ. ކޮންމެ ކުއްޖަކަށްމެ ބުނެލެވެނީ ހިނގާފަ ދާން ނުޖެހޭނަމަ ކިހާރަނގަޅުހޭ މިހެންނެވެ. މަގުމައްޗަށް ނުކުމެވުނުއިރު މަޖީދީމަގާއި ޗާންދަނީމަގާ ގުޅުނުކަންމަތީގައި ހަރުކޮއްފައިވާ ޓްރެފިކް ލައިޓް ރަތްވެފައި ހުރުމުގެ ސަބަބުން ދުއްވާއެއްޗެހިތައް ކިއުހަދާލާފައިވެއެވެ. ކޮންމެ މީހަކުވެސް މަސައްކަތްކުރަމުން ދިޔައީ އެކަކަށްވުރެ އަނެކަކަށް ކުރިއެރޭތޯއެވެ. ދުއްވާއެއްޗެހީގެ ބަރުގޮނުގެ އަޑުމުޅި އެހިސާބުގައި ހިފާލާފައިހުއްޓެވެ.

"އޯ.....ހާދަ މީރު ވަހެކޭ އެދުވީ...." އަމާނީ ބުނެލިއެވެ.

"ހޫމް މަށަށްވެސް ދުވި" ޝިފްނާ އަމާނީގެ ފަހަތުން ބުނެލިއެވެ.

"މީނދަ ލެކިއުޓުގެ ދޮރު ހުޅުވުނުތަނާ ތިދުވީ.........ދެން ހިނގާ ހިނގައިގަންނަމާ، ލެކިއުޓްއަށް ވަންނާނަންތަ؟" އަލީޝާ ދާން ހިނގައިގަންނަމުން ހިޔާލެއް ފާޅުކުރިއެވެ.

"އޯކޭވާނެ ދޯ، މީރުދުވަސް ދުވާ ސެންޓުތައް ބަލާލަން ސަޅިއެއްނު" އަމާނީ އުފަލުން ދެއަތްޖޯޑުކޮއްލަމުން ބުނެލިއެވެ.

ކުރިއަށްހުރި އަލީޝާގެ ފަހަތުން މަންހާއި އެހެންކުދިން ލެކިއުޓަށްވަނެވެ. ކުރިއަށްގޮސް ގޮސްހުރި އަލީޝާ ހުއްޓުމުން ކުއްލިއަކަށް އޭނަގެ ފަހަތުން ދިޔަ ކުދިންވެސް ހުއްޓުނެވެ.

"ދާން.........އެހެރީ..........އެހެރީ ދާންތަ؟" ކަންބޮޑުވުމާއިއެކު އަލީޝާ އެއްދިމާލަކަށް ހުއްޓުން އަރާފައިހުރެ ބުނިއަޑު ހުރިހާ ކުދިންނަށް އިވުނެވެ. މަންހާއަށް ތެޅިގަނެވުނެވެ. އަވަސް އަވަހަށް އަލީޝާ ބަލަންހުރި ދިމާލަށްބަލާލިއެވެ. އެވަގުތު އޭނަގެ ހަތަރެސްފައި ގަނޑުވިއެވެ. އަތުގައި އޮތް ވޮލެޓުގައި ބާރަށް ހިފާލެވުނެވެ. ބޭރަށް ލާ ލާހުރި ނޭވާވެސް ހުއްޓުނު ފަދައެވެ. ދެލޯބޮޑުވެ ދެތުންފަތުން މަޑުއާހުގެ އަޑެއްނުކުތެވެ. އެއާއެކު ހިފަހައްޓާލެވިފައިވާ ނޭވާ ބޭރަށް ދޫކޮއްލެވުނީ ނާއުންމީދުވި ހާލުގައެވެ. ހުރިހާ ކުދިންނަށް އެއްފަހަރާ މަންހާއަށް ބަލާލެވުނެވެ. އެއާއެކު އެކުދިންނަށް ފެނުނީ ނާއުންމީދުވެގެން ކަރުއެލުވާލި މަންހާގެ ދެލޯ ކަރުނުން ފުރިބަރާވަމުން ދިޔަތަނެވެ. މަންހާއަށް އަތުގައި އޮތްވެލެޓާއިއެކު ދެއަތްގެނެސް މޭގާ ޖައްސާ މެޔަށް ބާރުކޮއްލެވުނެވެ. އަދި ވަތްދޮރާ ދިމާލަށް އަވަހަށް އެނބުރިލިއެވެ.

އަލީޝާ އާއި އެހެންކުދިން އަވަސް އަވަހަށް މަންހާގެ ފަހަތުން ލެކިއުޓު ތެރެއިން ނުކުތެވެ. އޭރު މަންހާ ދުވާރުމަތީ އެކުދިންނާއި ފުރަގަސްދީގެން އިސްޖެހިފައި ހުއްޓެވެ. އަލީޝާ އާއި އަމާނީ އަވަސް އަވަހަށް މަންހާގެ ދެފަރާތުން ގާތްވެލިއެވެ. އޭރު މަގުމަތިން ދުއްވާއެއްޗެހީގައި ދާބައެއް މީހުންނާއި ކައިރިންލާފައި ހިނގާފައި ދިޔަ ބައެއްމީހުންވެސް އެކުދިންނަށް ބަލަމުން ދިޔައެވެ. އެހެންނަމަވެސް އެކަމަށް އެއްވެސް ފަރުވާލެއްނެތެވެ.

"ހޭ ގާލް...އިޓްސް ޖަސްޓް ނަތިންގ....ޖަސްޓް ނަތިންގ....." އަލީޝާ މަންހާގެ ހިތްހަމަޖައްސާލުމަށް ބުނެލިއެވެ. އޭރު އޭނަވެސް ހުރީ ހާސްވެފައެވެ. އެވަގުތު މަންހާ ދެރަވާނެ ފަދަ އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއްނޫނެވެ.

"އެއީ ތެދެއް، އަހަރުމެންނަށް މި ހީކުރެވެނީ ގޯސްކޮށް ކަމަށްވެދާނެ..." އަމާނީ ވެސް މަންހާއަށް ހިތްވަރު ދޭން މަސައްކަތްކުރިއެވެ.

"ނޫން...ނޯވޭ...އެލީ، އަހަންނަށް އޮޅުނީ، އަހަންނަށް އެނގުނުނަމަ އެއީ މީހެއްގެ ހައްޤެއްކަން، މިހާރު ހުރިހާ އެއްޗެއް ޔަގީންވެއްޖެ...ހީކުރެވުނީ ހަމަ ރަނގަޅަށް، ފެނުނީވެސް ރަނގަޅަށް...އެކަމަކު....ދެން..." މަންހާ ފުންނޭވާ އަކާއިއެކު އޭނަގެ އެކުވެރިންނާ ދިމާލަށް އެނބުރެމުން ބަލާލިއެވެ. އޭރު އޭނަގެ ދެދޮލުންވެސް އެހިތަށް އަސަރުކޮއްފިކަން އެނގެމުން ދިޔައެވެ. ވޭނުންފުރިގެންވި ކަރުނަތައް އެދެލޮލަށް ޖަމާވަމުންދިޔައިރު މަންހާ އެކަރުނަތައް ފައިބައިގެން ދިޔަނުދޭން ކުރަމުންދިޔަ މަސައްކަތްވެސް އެމޫނުމަތިން ސިފަވަމުންދިޔައެވެ. ވާހަކަމެދު ކެނޑި އިތުރަށް ބަހެއްނުބުނެވުނީވެސް ދެތުންފަތުގައި މަޑުތުރުތުރެއް އުފެދުމުންނެވެ.

މަންހާ އިސްޖަހާލުމަށްފަހު ހިނގައިގަތެވެ. އަލީޝާ އާއި ޝިފްނާ އަދި އަމާނީ މަންހާ އާއިއެކު ހިނގައިގަތެވެ. ވަކި ހިސާބަކުން މަންހާގެ މިސްރާބު ހުރީ ގެއާއި ދިމާލަށްކަން ތިންކުދިންނަށްވެސް ވިސްނުނެވެ. ތިންކުދިންވެސް އެކަކު އަނެކަކާއި ދިމާލަށް ބަލާލަނީ ދެން ހަދާނީ ކިހިނެތްހޭ ނޫނީ މަންހާ ގާތު މިފަދަ ވަގުތެއްގައި ދައްކަންވީ ކޮންކަހަލަ ވާހަކައެއް ހޭ އަހާލާ ފަދަ ގޮތަކަށެވެ. އެހެންނަމަވެސް ކޮންމެ މޫނަކުންވެސް ފެނިގެން ދިޔައީ ކަންބޮޑުވުމާއި މާޔޫސްކަމެވެ. ކުރިއަށް ހިނގަމުން ދިޔަ މަންހާ އޭނަގެ މެޔާއި ދެއަތް ދުރުކޮއްނުލައެވެ. އަތުގައި އޮތް ވޮލެޓާއިއެކު ދެއަތް ޖޯޑުކޮއް މޭގައި ޖައްސާބާރުކޮއްލި ގޮތަށް އޭނަ ކުރިއަށް ހިނގަމުންދިޔައެވެ. ނަމަވެސް ކަރުނަޔާއި ކުރަމުން ދިޔަ ހަނގުރާމައިން އޭނަ ބަލިވެއްޖެއެވެ. އެއާއެކު ފިއްތަމުންދިޔަ ތުރުތުރުލާ ތުންފަތުން މަޑުއާހެއްނުކެތެވެ. އަވަސް އަވަހަށް އިނގިލިން ލޯފެހެލީ އޭނައަށް ރޮވިއްޖެކަން ނޭންގުމަށެވެ. އެކަމަކު އޭނަގެ ހިތުގައި މަޑު ގިސްލުމެއްވެސް އުފެދިފައިވެއެވެ. ހިތާއި އެކިއެކި ސުވާލުތައްވެސް ކުރެވެމުންދިޔައެވެ. ލޯބިވާ ކޮންމެ މީހަކު އެލޯބި ނުލިބުމުން ހިތާކުރާ ފުރަތަމަ ސުވާލެވެ. އޭނަދެކެ ލޯބިވެވުނީ ކީއްވެހެއްޔެވެ. އޭނަ އެއްފަހަރުވެސް ލޯބިވެޔޭ ނުބުނަނީހެވެ. ލޯބިވާ ކަމުގެ އިޝާރާތެއްވެސް ނުކުރަނީހެވެ. ކުއްވެރިޔަކީ ހުދު ތިމާހެއްޔެވެ. ލޯބިވުމަކީ ހަމަ ކުށެއްހެއްޔެވެ. އެއީ ވަކި ބަޔަކަށް އޮންނަ ހައްޤެއް ހެއްޔެވެ. އެކަންވެސް އެނގެންވީ ވަގުތު ފާއިތުވީމަ ހެއްޔެވެ.

"މަން...ދެރަނުވެބަލަ...ޕްލީޒް...ޕްލީޒް..." އަލީޝާއަށް މަންހާއަށް ވަމުންދާ ގޮތްތައް ފެނުމުން އެއްޗެއް ނުބުނެ ނުހުރެވުނެވެ.

"ދާންއަށް ވުރެ މާރަނގަޅު، މާ ރީތި މީހަކުވެސް މަންއަށް ވެދާނެއެއްނު..." ޝިފްނާ ގެ ޖުމްލައަށް މަންހާ ބަލާލިއެވެ.

"އެކަމަކު...އެކަމަކު...އަހަރެން ބޭނުންވީ ދާން...އަހަންނަށް ލޯބިވެސް ވެވުނީ ދާންދެކެ..." މަންހާއަށް ބުނެވުނު ބަހަކުން ހުއްޓުން އެރިއެވެ.

މަންހާގެ ގެއަށް އާދެވުމާއިއެކު މަންހާ އެތެރެއަށް ވަންނަން ބޭރު ދޮރުގައި ހިފާލުމުން އަލީޝާ އޭނަގެ އަތުގައި ހިފާ މަޑުކުރުވިއެވެ.

"މަން...މިރޭ ހަތަރުދަމު މަން ރޯނީކަން އަހަންނަށް އެނގޭ، އެކަމަކު އެއީ އަހަރުމެން ބޭނުންވާގޮތެއް ނޫން، އަހަރުމެން މިރޭ މަން ކައިރީ މަޑުކޮއްފާނަން، ޕްލީޒް ބުނޭ އާއެކޭ..." އަލީޝާ ހުރިހާކުދިންގެ މައްޗަށް ވާހަކަދެއްކިއެވެ.

"އެލީ، މީޓީންގ ޔޫ ގައިޒް އިސް ދި ބެސްޓް ތިންގ ހެޕެން ޓުމީ، އެކަމަކު މިރެއަކު ނޫން...މިރޭ އަހަރެން ބޭނުންވަނީ ހުރިހާ ކަމަކާ ދުރުވެ އެކަނިވެލަން، އަހަންނަށް ރޮވޭނެކަން އެނގޭ، އެކަމަކު ހިތްފުރެންދެން ރޯލަންވެސް ބޭނުން...." މަންހާ އަލީޝާގެ ދެއަތުގައި ހިފައިގެން ހުރެ ބުނެލިއެވެ.

"މައްސަލަ އެއްނެތް....މަން ރޯނެވަރަކަށް ރޯންވީ، އަހަރުމެންގެ ޝޯލްޑާރގަ، ވީ އާރ ނޮޓް ލީވިން ޔޫ ލައިކް ދިސް...މަންއަށް ލިބޭ ކޮންމެ އުފަލެއް ހިއްސާކުރަން އަހަރުމެން ތިބޭ އިރު މަންއަށް ލިބޭ ކޮންމެ ހިތާމައަކީވެސް އަހަރުމެންނަށްވެސް ލިބޭ ހިތާމައެއް، ކީއްވެތަ މިފަދަ ވަގުތެއްގަ އަހަރުމެންނާ ދުރުވާން ތިމަސައްކަތްކުރަނީ...މަން އެއްބަސް ނުވަންޏާ މަންގެ މަންމަ ގާތު އަހާފަނަމޭ މިރޭ މިގޭގަ ތިއްބަސް މައްސަލައެއް ނެތްތޯ" އަމާނީ ގޮތްދޫނުކުރާ ފަދަ ގޮތަކަށް ބުނެލިއެވެ.

"އެކަމަކު...އޭރުން...." މަންހާ އެއްޗެއް ބުނަން އުޅުނެވެ.

"އެއްވެސް އެކަމަކުއެއް ނޯންނާނެ...މަންގެ މަންމަ އޯކޭ ވެއްޖެޔާ އަހަރުމެންގެ މަންމަމެން އޯކޭވާނެ، މަންގެ މަންމައަށް އަހަރުންގެ މަންމަމެން އިތުބާރު ކުރޭ، ސޯ އެކަންވެސް ހަމަޖެހޭނެ އުނދަގުލަކާ ނުލާ، މަން ބުނެބަލަ އެއްފަހަރުވެސް އާއެކޭ، އަހަރުމެން މަޑުކުރިޔަސް އޯކޭ އޭ" އަމާނީ އަނެއްކާވެސް ވާހަކަދެއްކިއެވެ.

"ހޫމް..." މަންހާ ހޫ ލައްވާ ލަމުން އަމާނީގެ ގައިގާ އޮޅުލައިގަތެވެ. އެވަގުތު މަންހާއަށް ހަމަރަނގަޅަށްވެސް ރޮވުނީއެވެ.

އަމާނީ މަންހާ ދުރުކޮއްލުމަށްފަހު އޭނަގެ ލޯފޮހެލަދިނެވެ. ތިންކުދިންގެ އެހީގައި މަންހާގެ ލޯ ޓިޝޫއަކުން ފޮހެލުމަށްފަހު މޫނުމަތީގައިވާ ހިތާމެރި ކުލަވަރު ބަދަލުކުރަން މަސައްކަތްކުރިއެވެ. ގޭގެ ދޮރާށި ހުޅުވާލުމަށްހު ފުންނޭވާއެއް ބޭރުކޮއްލުމާއިއެކު މަންހާ ގޭތެރެއަށް ވަދެގެން ދިޔައެވެ. އޭނަ އާއި ދާދި އެކުއެކީހެން އޭނަގެ ތިން ރަޙުމަތްތެރިންވެސް ވަދެގެން ދިޔައެވެ.

"ސަޕްރައިޒް..." ސޯފައިގައި އިން ޝަރަފްއަށް މަންހާ ފެންނަންވާއިރަށް ފުންމައިގެން ތެދުވެ ބުނެލިއެވެ.

މަންހާ ލުއި ހިނިތުންވުމެއް ދިނުމާއިއެކު މަންމަ ވަސީމާގެ ގާތަށް ޖެހިލިއެވެ. ސިޓިންގ ރޫމުގައި އެވަގުތު މަންހާގެ އާއިލާގެ ހުރިހާ މެމްބަރުން ތިއްބެވެ. ޝިމާދު އާއި ޝަރަފް އެވަގުތުކޮޅުވެސް ދެބަސްވެލީ ޝަރަފްގެ އަތުގައި އޮތް ކޮތަޅު މަންހާއަށް ދޭނީ އެދެބެން ތެރެއިން ކާކުގެ އަތަކުންތޯއެވެ. ޝިމާދު ދޮށީ ކުއްޖާ އާދައިގެ މަތިން ޝަރަފަށް ދޫދިނެވެ. އޭނަ އަވަސް އަވަހަށް އައިސް ވަސީމާގެ ގާތުގައި ހުއްޓިހުރި މަންހާގެ އަތަށް ކޮތަޅު ދިއްކޮއްލިއެވެ. އަދި މަންހާގެ ގާތުގައި ތިބި އޭނަގެ ރަޙުމަތްތެރިންނަށް ކޮންމެ ކުއްޖެއް ވަކިވަކިން ގޮވާލިއެވެ. ތިންކުދިންވެސް ތުއިގޮތަކަށް ހިނިތުންވެލަމުން މަންހާގެ އަތަށް ދިންކޮތަޅުގައި އޮތީ ކޮންއެއްޗެއްތޯ ބެލުމަށް އަވަސްވެ ގަތެވެ.

ރިހި ކުލައިގެ ގަނޑަކުން ޕާރުސަލް ކޮއްފައިވާ ފޮއްޓެކެވެ. މަންހާ ފޮށީގެ ވަށައިގެން ލެވިފައިވާ ކަރުދާސް ނައްޓާލުމާއިއެކު އެއީ ކޮންއެއްޗެއްކަން އެނގުނެވެ. އެމޫނަށްވުރެ އެވަގުތު އެތާތިބި އެހެން މީހުންގެ މޫނަށްވެރިވެގެން ދިޔަ އުފާވެރިކަން ބޮޑެވެ.

"ކިހިނެތްވީ...މަންކޮއަށް ކަމުނުދަނީތަ" ޝަރަފް ހީކުރިވަރުގެ އުފާވެރިކަމެއް މަންހާގެ ފަރާތުން ނުފެނުމުން އަހާލިއެވެ.

"އުހޫ...ވަރަށް ލޯބި، ތެންކިއު..." މަންހާ ހިނިތުންވެލަމުން ބުނެލިއެވެ.

"މަންކޮ ހާދަ....ހޫމް...ކޮންމެވެސް ކަމެއް ވެފަ ތިހުރީ، އަނެއްކާ ކީއްކޮއްފަ ތިއައީ" ޝަރަފް މިފަހަރު މަންހާއަށް ބަލާލީ ތަފާތު ގޮތަކަށެވެ.

"އެލީ ބުނެފާނަމޭ، މަންގެ މަންމަ ގާތު ހުއްދަ އަހަން ބޭނުންވެގެން މިއުޅެނީ" އާދައިގެ މަތިން ހުރިހާ ކަމަކަށްވެސް އިސްނަގާ އަލީޝާ ވާހަކަދެއްކިއެވެ.

"އަނެއްކާ ކޮންކަމަކަށް މަންކޮ މަންމަ ކައިރިން ހުއްދަ ބޭނުންވަނީ" ވަސީމާ ހައިރާންކަމާއިއެކު އަހާލިއެވެ.

"އެއީ...އެއީ...މިރޭ މަން އާއިއެކު މިގޭގައި އޯވަރ ނައިޓް ސްލީޕް އޯވަރ އެއް ބޭއްވިޔަސް އެންމެ ރަނގަޅުތޯ" ވަރަށް ބިރުންހުރި ގޮތަކަށް އަލިޝާ ބުނެލިއެވެ.

ސަޢީދު ހޭންފެށިއެވެ. އަދި ވަސިމާ އަށް ބަލަން އިނީ އޭނަ ބުނާނެ އެއްޗެއް އަޑުއެހުމަށެވެ.

"ސްލަމްބަރ ޕާރޓީއެއް ދޯ...ވާވު، އޮންލީ ގާރލްސްތަ؟" ޝަރަފްއަށް އަނގައިން ނުބުނެއެއް ނީދެވުނެވެ.

"މަންމަ ކީކޭ ބުނަންވީ ތިކަމަށް، ތެދެއް ސަޢީދު، އަހަރެން މިކުދިންނަށް ހުއްދަ ދޭންވީތަ" ވަސީމާ ހިނިއައިސްފައި އިން ސަޢީދުއަށް ބަލާލަމުން އަހާލިއެވެ.

"އާ ދެން އެކުދިންތިބޭނީ މިގޭގަ އަހަރުމެންގެ ބެލުމުގެ ދަށުގަތާ ދޯ، ބޭރަށް ދަނީކީ ނޫނެއްނު، ތިކުދިންގެ މައިންބަފައިން ގަބޫލުކަމަށް ވަންޏާ މައްސަލައެއްނެތް މަންކޮ ބައްޕަގެ" ސަޢީދު ބުނެލިއެވެ.

"އެއީ ތެދެއް، ތިކުދިންގެ މައިންބަފައިންނަށް އެނގިފަ މިރޭ މަންކޮ ކައިރީ މަޑުކުރިޔަސް އެންމެ ރަނގަޅު، އެކަމަކު މީ ކޮންމެ ކޮންމެ ރެއަކު ދޭނެ ހުއްދައެއް ނޫން އިނގޭ" ވަސީމާ ބުނެލިއެވެ.

ކުޑައިރުކޮޅެއްގެ ތެރޭ ވަސީމާއަށް މަންހާގެ ރަޙުމަތްތެރި ކުދިންގެ މަންމަ އާއި ވާހަކަދައްކަން ޖެހުނެވެ. އެއީ އެކުދިން ތިބީ ވަސީމާ އާއި ސަޢީދުގެ ބެލުމުގެ ދަށުގައިކަން ޔަގީންކޮއްދިނުމުގެ ގޮތުންނެވެ. ގޭތެރޭގައި ކުރިއަށްވުރެ އަޑުގަދަވިއެވެ. ވަސީމާ ހުރިހާ ކުދިންނަށް ވާވަރަށް ސްޕެގެޓީ ތައްޔާރުކޮއްދިނުމަށް އުޅުނެވެ. މަންހާ އަވަސްވެގަތީ އޭނަގެ ކޮޓަރިއަށް ދިއުމަށެވެ. ޝަރަފް އާއި ޝިމާދުވެސް ހުރިހާ ކުދިންނާއިއެކު މަންހާގެ ކޮޓަރިއަށްވަނެވެ. އެންމެން ވަދެ ހަމަޖެހިލިއިރު މުޅިކޮޓަރިވަނީ ކުޑަވެފައެވެ. މަންހާ އޭނަގެ އެނދުގައި އިށިންނަމުން އަތުގައި އޮތް ފޮށިގަނޑަށް ބަލާލިއެވެ. އެއީ ފޯނު ފޮށިގަނޑެކެވެ. މަންހާ ފޮށިގަނޑަށް ރަނގަޅަށް ބަލާލިއެވެ. އޭގައިވަނީ އެޕަލް އައިފޯނެކެވެ. އެހެންނަމަވެސް އެކަމާ އޭނަ އެހާ އުފަލެއްނުވިއެވެ.

"އިޓްސް މައި އައިޑިއާ" ޝަރަފް ފޮނިވެލާފައި ބުނެލިއެވެ.

"އެއީ ދޮގެއް، ދޮންބެ ބުނީ މަންކޮއަށް އައިފޯނެކޭ ދޭނީ" ޝިމާދުވެސް ގޮތްދޫނުކޮށް ބުނެލިއެވެ.

"ކާކު ގަނެދިނީ؟" އަމާނީ އިނދެ އަހާލިއެވެ. އޭރު އަލީޝާ އާއި އެހެން ކުދިން މަންހާގެ އަތުން ފޮށިގަނޑު އަތުލައިގެން އޭގައިވާ ފޯނު ނަގައިފިއެވެ.

"އޯ...ބައްޕަ ގަނެދިނީ" ޝަރަފް ނުބުނަން އިން ގޮތަކަށް ބުނެލިއެވެ.

"ސޯ ނޯ ކްރެޑިޓް ފޯ ޔޫ ޓޫ...ހެ ހެ ހެ" އަލީޝާ އެހެން ބުނެލަމުން ހޭންފެށިއެވެ.

މަންހާ މަޑުމަޑުން ތެދުވެގެން ގޮސް ކޮމްޕިއުޓާރ ކައިރީ އިށީނެވެ. އަދި ގޮނޑީގައި ހަމަޖެހިލުމަށްފަހު ފުންނޭވާއެއް ބޭރުކޮށްލުމާއިއެކު ދެލޯމަރާލިއެވެ. އެހިތާ ސިކުނޑީގައި ހިނގަމުންދާ އެއްވެސް ކަމެއް އެކަކަށްވެސް އިޚްސާސް ކުރާކަށް ނޭގޭނެއެވެ. އެކަނިވެލަން ބޭނުންވިޔަސް އެކަންވެސް ވާކަށްނެތެވެ. މަންހާ ވިސްނިވަރަކަށް އޭނަގެ ބޮލުގައި ރިއްސަންވެސް ފަށައިފިއެވެ. ހިތަށްވުރެ ސިކުނޑީގެ ބޭނުން ކުރުމަށް އޭނަ މަސައްކަތް ކުރަމުންދިޔައެވެ. އަމިއްލަ ނަފްސަށް ވިސްނާދެވޭތޯ މަސައްކަތްކުރިއެވެ. މަންހާ ސިހިގެން ދިޔައީ އޭނަގެ ގޮނޑީގައި ހިފާ މީހަކު އަނބުރާލުމުންނެވެ.

"ކިހިނެތްތަވީ، މިރޭ މަންކޮއަށް ކޮންމެވެސް ކަމެއްވެއްޖެކަން ޔަގީން" ޝަރަފް އާއި ދިމާލަށް މަންހާގެ ގޮނޑި އަނބުރާލުމާއިއެކު މަޑުމަޑުން އަހާލިއެވެ.

މަންހާ ދެފަރާތަށް ބޯހޫރުވާލީ ކަމެއްނުވާކަމަށް ހެދުމަށެވެ. ހުރިހާ ކަމެއް ސިއްރުކުރުމަށެވެ. އެކަމަކުވެސް ޝަރަފަށް މަންހާގެ މަޑުމޮޅިކަން ފާޅުކަން ބޮޑުގޮތެއްގައި ފާހަގަކުރެވެމުން ދިޔައެވެ. އޭނައަށް މަންހާގެ އަނގައިން ވެގެން އުޅޭގޮތެއް އޮޅުން ނުފިލުވޭނެކަން އެނގުނެވެ. އެތަކެއް ސުވާލުތަކެއް އުފެދިފައިވިއެއް ކަމަކު ޝަރަފްގެ މަސައްކަތް ހުއްޓާލަން ޖެހުނީ ކާމިޔާބު ނުލިބޭނެކަން އެނގިގެންނެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން ވާއިރަށް މަންހާގެ ރަޙުމަތްތެރިން ގެއަށް ގޮސް އެނބުރިއައީ އެރެއަށް ބޭނުންވާނެ ހުރިހާ އެއްޗެއް ހިފައިގެންނެވެ. ކާމޭޒުދޮށުން މިރޭ ވަސީމާ އާއި ސަޢީދު ތަންކޮޅެއް ކުރިން ކައިގެން ފޭބުމަށްފަހު ތަންދެއްކީ މަންހާ އާއި އޭނަގެ ރަޙުމަތްތެރިންނަށެވެ. އަދި އެމީހުންގެ ދޮށީ ދެފިރިހެން ދަރިންނަށެވެ. އެހެން ރޭރެއާއި ބަލާފައި ކާމޭޒުދޮށުގައި މިރޭ ވަރަށް ފޯރި ހުއްޓެވެ. އެންމެ ހިނދުކޮޅަކަށްވެސް އަޑުކަނޑައިގެން ނުދެއެވެ. އެންމެންގެ ތެރެއިން ބަސްމަދުވެފައި އިނީ މަންހާއެވެ.

ކެއުމަށް އިންސާފު ކުރުމަށްފަހު ހުރިހާ ކުދިންވެސް ވަސީމާގެ ހުނަރުވެރި ކެއްކުމަށް ތަޢުރީފުކުރިއެވެ. އަދި ޖެހިގެން އޮތް ދުވަހަކީވެސް މަންހާ އާއި އޭނަގެ ރަޙުމަތްތެރިންނަށް ބަންދު ދުވަސްތައް ފަދަ ދުހަކަށްވާނެތީ އެހާ އަވަހަށް ނިދާކަށް އެކަކުވެސް އެއްބަހެއްނުވިއެވެ. ޝަރަފް އާއި ޝިމާދުވެސް އެކުދިންނާއި އެއްބައިވަމުން ނިދަން ނުގޮސް މަޑުކުރީއެވެ. ސިޓިން ރޫމުގެ ސޯފާތަށް ހުރިހާ ކުދިން ފުރާލީ އެތަނުގައި އިން ސާޅީސް އަށްއިންޗީގެ ފްލެޓް ސްކްރީން ޓީވީގައި ފިލްމެއް އަޅުވަން އުޅުމުންނެވެ. އެކަމުގައި އިސްކޮށް އުޅުނީ ޝަރަފްއެވެ. އޭނަ ސިޓިން ރޫމުގެ ލައިޓު ނިއްވާލުމަށްފަހު ނިދަން ދަމުން އާމުކޮށް ސިޓިން ރޫމުގައި ދިއްލާފައި ހުންނަ ފެހި ބޮކި ދިއްލާލިއެވެ. އަދި ޑިމަރުން ލައިޓުގެ އަލި މަޑުކޮއްލިއެވެ.

"ބިރުވެރި ފިލްމެއް ދޯ އަޅުވާނީ..." ޝަރަފް އޭނަގެ އަތުގައިއޮތް ހާޑުޑްރައިވް ޓީވީ އާއި ގުޅާލަމުން ބުނެލިއެވެ.
މަންހާ ނޫން އެހެން ކުދިން އެއްފަހަރާ އަޑުގަދަ ކޮއްލީ ނޫނެކޭ ބުނަމުންނެވެ. ޝަރަފް ހެމުން ހެމުން ފިލްމު ސެޓުކޮއްލުމަށްފަހު އައިސް ވަކިން އިން ސޯފާ ގޮނޑީގެ ތެރެއަށް ވެއްޓިގަތެވެ. އަދި އުނގުމަތީ ރިމޯޓުތައް ބާއްވާލިއެވެ. ހުރިހާ ކުދިންވެސް ފިލްމު ބަލަން ތައްޔާރުވެލިއެވެ. ޝިމާދު އޮތީ ޝަރަފް އާއި ކުރިމަތިވާގޮތަށް ވަކިން އިން މެދު ސައިޒުގެ ސޯފާ ގޮނޑީގައި ދެފައި ދަމައިލައިގެން އޮށޯވެގެންނެވެ. ބޮޑު ގޮނޑީގައި ތިބީ މަންހާ އާއި އޭނަގެ ތިން ރަޙުމަތްތެރިންނެވެ.

ފިލްމު އަޅުވައިގެން ނިމުމަކާއި ހަމައަށް ދެވެންދެންވެސް ހުނުމުގެ އަޑެއް ނުކެނޑެއެވެ. އެހެނީ ބަލަމުން ދިޔައީ ހެއްވާ މަޖާ ވައްތަރުގެ ފިލްމަކަށް ވީކަމެވެ. މަންހާ ކައިރީގައި އިން ޝިފްނާގެ ކޮނޑުގައި ބޯއަޅާލައިގެން އިންއިރު އޭނަގެ ދެލޯވަނީ މެރިފައެވެ. އިރު އިރުކޮޅާ އަލީޝާ މަންހާއަށް ގޮވާލާނެއެވެ. ފިލްމުން މަންޒަރެއް ދައްކާލަމުން ބެލިންތޯ އަހާލާނެއެވެ. މަންހާގެ ރަޙުމަތްތެރިން މަސައްކަތްކުރަމުން ދިޔައީ އޭނަ އެކަމަކާއި އެންމެ ހިތްދަތިވެފައިވާ ހިޔާލުތަކާއި ދުރުކުރެވޭތޯއެވެ. އެހެންނަމަވެސް މަންހާ އެއްވެސް ކަމަކަށް ގަޔާވާތީ ނުފެނުނެވެ. ފިލްމު ނިމުމާއިއެކު އަލީޝާ ނިދިއައިސްފި ކަމަށްބުނެ މަންހާ ގޮވައިގެން ކޮޓަރިއަށް ދިޔައެވެ. ޝިމާދުވެސް ހެނދުނުން އޮފީހަށް ދާން ޖެހޭނެތީ އަވަސްވެގަތީ އޭނަގެ ކޮޓަރިއަށް ދިއުމަށެވެ. އޭނަ ދަމުން ދިޔައީ ޝަރަފްވެސް ގޮވައިގެންނެވެ. އިތުރަށް މަންކޮމެންނަށް އުނދަގޫ ކުރާނެކަމެއް ނެތޭ ބުނަމުންނެވެ. (ނުނިމޭ)