ހަބަރު

ފުވައްމުލަކު ދެކުނު ދާއިރާގެ ވޯޓުގެ މައްސަލަ ނުބަލަން ނިންމައިފި

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓުން ހޮވަން ބޭއްވި ޕްރައިމަރީއަށްފަހު ފުވައްމުލަކު ދެކުނު ދާއިރާގެ ކެންޑިޑޭޓަކު ހުށަހަޅާފައިވާ ޝަކުވާ އިތުރަށް ނުބަލަން ޕްރައިމަރީގެ ޝަކުވާ ކޮމިޓީން މިއަދު ނިންމާފައިވާ ކަމަށް އެޕާޓީ އިން ބުނެފި އެވެ.

އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ވަނީ، ފުވައްމުލަކު ދެކުނު ދާއިރާގެ އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓާއި ޝަކުވާ ހުށަހެޅި ފަރާތާއި ދެމެދުގައިވާ ފަރަގަކީ 24 ވޯޓުކަމަށާއި ޝަކުވާ ހުށަހެޅި ފަރާތުން ޕާޓީގެ ސަމާލު ކަމަށް ގެނެސްފައިވަނީ 18 ނަމެއްގެ ރީރެޖިސްޓްރޭޝަން މައްސަލަ ކަމަށެވެ.

އެ މައްސަލަތައް ޝަކުވާ ހުށަހެޅި ފަރާތުން އެދުނު ގޮތަށް ޕާޓީން ހައްލު ކޮށްދީފައިވާތީ، އިތުރު 37 މީހެއްގެ ރީރެޖިސްޓްރޭޝަން މައްސަލަ އެބަހުރި ކަމަށް ކުރާ އިލްޒާމް ބަލައި ގަނެވެން ނެތްކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލަ ބެލެނޭ ތަނެއް ނެތްކަމަށް މިއަދު ކޮމިޓީން ކަނޑައަޅާފައިވާ ކަމަށްވެސް އެމްޑީޕީ އިން ބުންޏެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ ޕްރައިމަރީ މައްސަލަ ނުބަލަން ނިންމާފައިވާއިރު، އެމްޑީޕީ އިން އިއްޔެ ވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ހުށަހެޅި މައްސަލަ ވެސް ނުބަލަން ނިންމާފަ އެވެ.

ޕްރައިމަރީއާ ގުޅިގެން ހުށަހެޅި ޝަކުވާގެ މައްސަލަތަކަށްބަލައި އެޕާޓީ އިން ވަބީ ދެ ދާއިރާއެއްގެ ފޮށިތައް އަލުން ގުނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ގުނަން ނިންމާފައި ވަނީ ދެ ކެނޑިޑޭޓުންނަށް ލިބުނު ވޯޓުގެ ފަރަގު ހަނިކަމުން ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް ކަމަށް އެމްޑީޕީ އިން ބުނެފައި ވެއެވެ. އިތުރަށް ބަލަމުން އަންނަނީ ފޮނަދޫ ދެކުނު ދާއިރާގެ މައްސަލައެއް ކަމަށާއި އެއީ 24 ވޯޓުގެ ފަރަގެއް އުޅޭތީ ރީރަޖިސްޓްރޭޝަންގެ މައްސަލަތަކެއް ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ.