ހަބަރު

މަޖިލިސް އިންތިހާބަށް އޮފިޝަލުން ހޯދަން އިއުލާންކޮށްފި

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިއުލާން ކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އޭޕްރިލް ހައެއްވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުންނަށް ވުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. އެގޮތުން ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމު ފުރިހަމަކޮށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނަށް އަދި އަތޮޅުތެރޭގައިނަމަ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އިއުލާންގައި ވެއެވެ.

އޮފިޝަލަކަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުމާއި އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ހަރަކާތެއްގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ. އަދި ކެންޑިޑޭޓެއްގެ އާއިލާގެ މީހަކަށް ނުވުމާއި އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުމާއި މިފަދަ މަސައްކަތަކަށް ސިއްހީ ގޮތުން ގާބިލް މީހަކު ކަމުގައިވުމުގެ އިތުރުން ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެ އެވެ. އެ ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުސަތު ނުލިބޭނެ ކަމަށާއި އެތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދާނީ އަންނަ މާޗް މަހުގެ ތެރޭގައި ކަމަށްވެސް އިއުލާންގައި ވެއެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް އީސީ އިން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. މިފަހަރު 87 ދާއިރާއެއް ހިމެނޭއިރު، މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް މިމަހު ހުޅުވާލާނެ ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ.