ހަބަރު

މޫދަށް އެރި އުޅުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތައް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާތީ މޫދަށް އެރިއުޅުމުގައި ސަމާލުވާން ފުލުހުންގެ އިދާރާއިން އެދިއްޖެ އެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތައް ރިޕޯޓް ކުރާ މިންވަރު އިތުރުވެފައިވާތީ މޫދަށް އެރި އުޅުމާއި މޫދުގައި އެކި އެކި ކުޅިވަރުގެ ހަރާކާތްތައް ހިންގުމުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. އަދި ފަތުރުވެރިންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ ފަރާތްތައް މޫދަށް އެރިއުޅުމުގައި ރައްކާތެރި ކަމަށް އިތުރަށް ފަރުވާތެރިވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ހާއްސަކޮށް މިދުވަސްވަރު އިރުވައި މޫސުމުގެ ވަޔާއެކު އޮއިވަރު ވެސް ބާރު ކަމަށް ފާހަގަ ކުރެވޭތީ ކުޑަކުދިންނާއި ފަތަން ނުދަންނަ މީހުން މޫދަށް އެރިއުޅުމުގައި ވަރަށް ބޮޑަށް ފަރުވާތެރިވުމަށާއި ފަތުރުވެރިން މޫދަށް އެރި އުޅުމުގައި ވެސް ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ވެސް އެދިފައި ވެއެވެ.

މީގެ އިތުރުން މޫދުގައި ފަތުރުވެރިންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް ތަކުރާރުވަމުން ދިއުމާއި ގުޅިގެން ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށާއި އަދި އެފަދަ ހާދިސާތައް މަދުކުރުމަށްޓަކައި ހިދުމަތްދޭ ފަރާތްތަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން މަސައްކަތްތައް ކުރަމުންދާ ކަމަށްވެސްް ފުލުހުން ވަނީ ބުނެފަ އެވެ.