ހަބަރު

މަޖިލީހަށް ކުރިމަތިލާން މިމަހު 28 ގައި ހުޅުވާލަނީ

ނަވާރަ ވަނަ ރައްޔިތުން މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަަތު މިމަހުގެ 28 ގައި ހުޅުވައިލާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ މެންބަރު އަހުމަދު އަކުރަމް "އަވަސް" އަށް ވިދާޅުވީ، މަޖިލިސް އިންތިހާބު އިއުލާން ކުރުން މިމަހުގެ 28 ވަނަ ދުވަހު އޮންނާނެ ކަމަށާއި އެ ދުވަހުން ފެށިގެން މަޖިލީހަށް ކުރިމަތިލުމަށް ހުޅުވާލައި އެޕްލިކޭޝަން ފޯމް ހުށަހަޅަން ހުޅުވާލާނެ ކަމަށެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީން ބުނެފައިވަނީ މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާނެ ތާރީހު ފައިނަލް ނުކުރާ ކަމަށެވެ. ނަމަވެސް އޭރުވެސް ވަގުތީ ތާރީހެއްގެ ގޮތަށް ދީފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހެވެ.

އަކުރަމް ވިދާޅުވީ، އެދުވަހު އީސީގެ އާކުލަ އާއި ލޯގޯވެސް އިފްތިތާހް ކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްފައެއްނުވެ އެވެ.

އަކުރަމް އިތުރަަށް ވިދާޅުވީ، މަޖިލިސް އިންތިހާބަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް ގާސިމް އިބްރާހީމާއި މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އަދި މަޖިލިސް އިންތިހާބު އެއްވެސް ދަތިކަމެއްނެތި ބޭއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. މިފަހަރުގެ މަޖިލިސް އިންތިހާބުގައި ދެ ދާއިރާއެއް ވަނީ އިތުރުކޮށްފަ އެވެ. އެއީ މައްޗަންގޮޅި މެދު ދާއިރާ އަދި ހެންވޭރު އުތުރު ދާއިރާ އެވެ. މިފަހަރު 87 ދާއިރާ ހިމެނެ އެވެ.

މަޖިލިސް އިންތިހާބު އޭޕްރީލްމަހު ބާއްވާއިރު، ޕްރައިމަރީތައް މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ބާއްވައި އީސީއަށް ހުށަހަޅަން ވަނީ އަންގާފަ އެވެ. އެގޮތުން އެމްޑީޕީ އިން ވަނީ މަޖިލިސް ޕްރައިމަރީ މިދިޔަ ހުކުރު ދުވަހު ބާއްވާފަ އެވެ. އަދި އަންނަ ހުކުރު ދުވަހު އަދާލަތު ޕާޓީ އިންވެސް ޕްރަމަރީ ބާއްވަން ވަނީ ނިންމާފަ އެވެ.