ހަބަރު

އޯލެވެލް ޓޮޕް 10 ގައި 376 ދަރިވަރުން

މިދިޔަ އަހަރުގެ ކޭމްބްރިޖް އައިޖީސީއެސްއީ، ޖީސީއީ އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ޓޮޕް 10 ގައި 376 ދަރިވަރުން ހިމެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބުދުﷲ ރަޝީދު ވިދާޅުވީ، މިދިޔަ އަހަރު ގްރޭޑް 10 އެއްގައި 5433 ކުދިން ތިބި ކަމަށާއި އޭގެ ތެރެއިން ޖީސީއީ އޯލެވެލްގެ މާއްދާތަކުގައި ބައިވެރިވެފައިވަނީ 4571 ދަރިވަރުން ކަމަށެވެ. 862 ކުދިން ފުލް ސްޓްރީމްގައި ކިޔަވާފައިނުވާ ކަމަށާއި އެކުދިންނަކީ ދަސްވާރާއި ބީޓެކް ކިޔެވިކުދިން ކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ، 100 ޕަސެންޓް ފާސްވެފައިވަނީ އެންމެ މާއްދާއަކުން ކަމަށާއި އެއީ ލިޓްރެޗާއިން އެކަނި ކަމަށެވެ. އަދި 2017 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ކުރިއެރުން ހޯދާފައިވާ ކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި މާއްދާތަކުން ފާސްވެފައިވާ ނިސްބަތަކީ:

  • ދިވެހި - %86.1
  • އިސްލާމް - %82.9
  • ހިސާބު - %59.8
  • އިނގިރޭސި - %50.3
  • ކެމިސްޓްރީ - %84.5
  • ފިޒިކްސް - %82.9
  • ބައޮލޮޖީ - %80.4
  • އިކޮނޮމިކްސް - %79.5
  • ކޮމާސް - %65
  • އެކައުންޓް - %75.7
  • ބިޒްނަސް ސްޓަޑީޒް - %77
  • ލިޓްރެޗާ - %100
  • ޖިއޮގްރަފީ - %77
  • ކޮމްޕިއުޓާ ސްޓަޑީޒް - %86
  • ޓްރެވެލް އެންޑް ޓޫރިޒަމް - %70
  • އާޓް - %56

ރަޝީދު ވިދާޅުވީ، 2017 ވަނަ އަހަރާ އަޅާބަލާއި މިދިޔަ އަހަރު އޭ އާއި ބީ އަދި ޑީ ލިބިފައިވާ ނިސްބަތް އިތުރުވެފައިވާ ކަމަށާއި ސީ އަދި އީ ލިބުނު ނިސްބަތް ދަށްވެފައިވާ ކަމަށެވެ. އަދި ޔޫ ލިބުނު ނިސްބަތް ވަނީ އެއްވަރެއްގައި ކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ، ޖަމާލުއްދީން ސުކޫލް ކުދިންގެ ތެރެއިން ކަންފަތަށް އަޑުއިވުމާއި ވާހަކަ ދެއްކުމަށް ގޮންޖެހުންތަކެއްހުރި ތިން ދަރިވަރުން ވަނީ އިމްތިހާނުގައި ރަނގަޅު ނަތީޖާއެއް ހޯދާފައި ކަމަށެވެ. އަދި ލޮލަށް ފެނުމަށް މަހުރޫމްވެފައިވާ ތާޖުއްދީން ސުކޫލުގެ ދަރިވަރަކު ވަނީ އޯލެވެލް ޓޮޕް 10ގައި ހިމެނިފައިވާ ކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.

ރަޝީދު އިތުރަށް ވިދާޅުވީ، ނަތީޖާއަކީ ވަގުތީ ނަތީޖާއެއް ކަމަށާއި ނަތީޖާއަށް ބަދަކު އައިސްދާނެ ކަމަށެވެ. އަދި އޯލެވެލް ޓޮޕްޓެންގެ ނަތީޖާއަށްވެސް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.