ހަބަރު

24 ގަޑިއިރު ވިޔަފަރިކުރެވޭ ސަރަހައްދުތަކެއް ކަނޑައަޅައިފި

މާލެ އަދި ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވެ ސަރަހައްދުތަކެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސައިހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދާއި ކެންޓީނާބެހޭ ގަވާއިދު އަދި އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދުގެ ދަށުން 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް މާލެ އަދި ވިލިމާލޭގައި ދެވޭނީ ވަކި ސަރަހައްދުތަކެއްގައި ކަމަށެވެ.

އެގޮތުން ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނީ ހަމައެކަނި ވިލިމާލެ ފެރީ ޓާމިނަލް ކައިރީގަ އެވެ. ނަމަވެސް މާލޭގެ ބޮޑު 10 މަގެއްގައި ހުންނަ ފިހާރަތަކުގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

24 ގަޑިއިރު ވިޔަފާރި ކުރެވޭ ސަރަހައްދުތައް

  • ބޮޑުތަކުރުފާނު މަގު
  • ކަނބާއައިސާރަނި ހިނގުން
  • ފަރީދީ މަގު
  • ސޯސަން މަގު
  • މެދުޒިޔާރަތް މަގު
  • ޖަނަވަރީ މަގު
  • މަޖީދީ މަގު
  • ބުރުޒުމަގު
  • އޯކިޑު މަގު
  • އަމީނީ މަގު
  • ލޮނުޒިޔާރަތް މަގު
  • ވިލިނގިލި ފެރީ ޓާމިނަލް
  • ޗާންދަނީ މަގު

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން އިމްޕޯޓު މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި ކަމަށެވެ. އަދި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރެވޭނީ ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކު ކުރުމަށް ފަހުގައި ކަމަށާއި ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަން ޖެހެނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.