ހަބަރު

ދީނަށް ފުރައްސާރަ ކުރުން ހައްލުކުރަން ކޮމިޓީއެއް އުފައްދައިފި

Jan 22, 2019
12

އިސްލާމްދީނަށް ފުރައްސާރަކުރާ މައްސަލަ ހައްލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮމިޓީއެއް އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ކޮމިޓީ އެކުލަވާލާފައިވަނީ އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތައް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ހައްލެއް ހޯދުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މިއަދު ކަމަށެވެ.

އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ނައިބް ރައީސް ފައިސަލް ނަސީމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ.

ރައީސް އޮފީހުން ބުނީ، ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާނީ ސޯޝަލް ކައުންސިލްގެ ދަށުންކަމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި ކޮމިޓިގެ މައިގަނޑު މަސައްކަތަކަށްވާނީ، ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް އިސްލާމްދީނުގެ ގަދަރާ ހައިބަތައް އުނިކަން އަންނަ ގޮތައް އަދި ދީނުގެ ނަމުގައި މީހުންގެ މުދަލާއި، ފުރާނައަށް ގެއްލުން ލިބޭގޮތަށް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކުގައި މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތަކާއި ދުރު މުސްތަގްބަލެއްގައި މިފަދަކަންކަމަށް ހައްލުހޯދުމުގައި އަޅާނެ ފިޔަވަޅުތަކާމެދު ގޮތްތަކެއް ނިންމުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

އިސްލާމްދީނަށް ފުރައްސާރަވާ ގޮތަށް މީހުން ވާހަދައްކާ މައްސަލަ ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހާއި މަޖިލީގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ދެއްކެވި ވާހަކަތަކާއި ގުޅިގެން އިއްޔެވެސް ވަނީ މުޒާހަރާ ކޮށްފަ އެވެ. އަދި އޭނާ ވަނީ ފުލުހަށްވެސް ހާޒިރުކޮށްފަ އެވެ.

މީގެ އިތުރުން މިނިވަން ރޭޑިއޯގެ ނޫސްވެރިޔާ އާއިޝަތު އާނިޔާވެސް ވަނީ އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތައް ވާހަކަ ދެއްކި މައްސަލައިގައި ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.