ވާހަކަ

ބޭނުންވަނީ ޔާރާ

(21 ޖެނުއަރީ 2019 އާ ގުޅޭ)

މަންހާގެ ރަޙުމަތްތެރިން މަސައްކަތްކުރަމުން ދިޔައީ އޭނަ އެކަމަކާއި އެންމެ ހިތްދަތިވެފައިވާ ހިޔާލުތަކާއި ދުރުކުރެވޭތޯއެވެ. އެހެންނަމަވެސް މަންހާ އެއްވެސް ކަމަކަށް ގަޔާވާތީ ނުފެނުނެވެ. ފިލްމު ނިމުމާއިއެކު އަލީޝާ ނިދިއައިސްފި ކަމަށްބުނެ މަންހާ ގޮވައިގެން ކޮޓަރިއަށް ދިޔައެވެ. ޝިމާދުވެސް ހެނދުނުން އޮފީހަށް ދާން ޖެހޭނެތީ އަވަސްވެގަތީ އޭނަގެ ކޮޓަރިއަށް ދިއުމަށެވެ. އޭނަ ދަމުން ދިޔައީ ޝަރަފްވެސް ގޮވައިގެންނެވެ. އިތުރަށް މަންކޮމެންނަށް އުނދަގޫ ކުރާނެކަމެއް ނެތޭ ބުނަމުންނެވެ.

މަންހާގެ އެނދުކައިރީ ގޮދަޑިއެއް ބާއްވާ ރީތިކޮށް ބެޑު ޝީޓު އަޅާފައިއޮތެވެ. އަދި އޭގެ މަތިން ބޯރަޖައެއް އަޅާފައި އޮތެވެ. ވަސީމާ އެކޮޓަރީގައި ދެއެނދު ނެތްކަމުގައި ވިޔަސް ހުރިހާ ކުދިންނަށް ނިދޭގޮތް ހަމަޖައްސާފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. އެގެއަކީ ބައިވަރު ކުދިންތަކެއް އުޅޭ ގެއަކަށް ނުވިއެއްކަމަކު ކޮންމެ ކުއްޖަކަށްވެސް ބާލީހެއް އޮތެވެ. އަދި ގައިމަތީ އެޅުމަށް އަރާމު ރަޖައެއް ވަކިން އޮތެވެ. ކޮޓަރިއަށް ވަތްއިރު ކޮޓަރީގައިވާ އޭސީގެ ވައިން ކޮޓަރިވަނީ ހެޔޮވަރު ވަރަކަށް ފިނިކޮށްލާފައެވެ.

"މްމްމްމް...ހާދަ އަރާމު ފިންޏެކޭ، އެލީ ނިދާ މަން އާއިއެކު، ޝިފޫ އާއި މާނީ ނިދާނަމް މިތާނގަ" ޝިފްނާ ތިރީގައި އޮތް ގޮދަޑީގައި އިށިންނަމުން ބުނެލިއެވެ. އެއާއެކު އަމާނީވެސް އެކަމާއި އެއްބަސް ވެއްޖެއެވެ.

"މަން ދެން އޯކޭވެބަލަ...ދެން ތިހެން އިނީމަ މަންއަކާ ނުވެސް ގުޅޭ، އެއޮށް މަޖާ ފިލްމު ބެލިއިރުވެސް މަން ހީވެސް ނުލާ އެންމެ ފަހަރަކުވެސް" އަލީޝާ ޝަކުވާކޮއްލިއެވެ.

"ތިހެން އަނގައިން ނުބުނެ އިނީމަ މާނީމެންނަކަށްވެސް ނޭގެ މަން ތިވިސްނަނީ ކީކޭކަމެއްވެސް، މަން އެންމެ ކަންބޮޑުވަނީ ކޮންކަމަކާ ކަމެއްވެސް...އެނގޭހާވެސް ކަމަކީ ހުރިހާ ކަމެއް ގުޅިފަވަނީ އެ ދާއިން އާކަން" އަމާނީ މަންހާގެ އަނެއްފަރާތުން އެނދުގައި އިށިންނަމުން ބުނެލިއެވެ.

"އަހަރެން ދެން ކިހިނެތްތައް ހަދަންވީ، ދާން ގެ މަތިން ހަނދާން ނައްތާލަންވީތަ...ނޫން، ނޫން، އެކަމެއްނުވާނެ، އެތަށް ދުވަހެއް ވަންދެން ހިތުގައި ފޮރުވައިގެން އުޅެފަ ނެރެ އެއްލާ ލާނީ ކިހިނެތް؟ މިހާރު އަހަރެންގެ ހަށިގަނޑުގައި ހިނގާ ލޭގަވެސްވަނީ އެނަން، ހަމަ ދާއިން...ދާން...ބޯ ހީވަނީ ފަޅައިގެން ހިނގައިދާނެހެން، ހިތް ހީވަނީ ފޮޓޯ އެއްޗެއްހީގަ ފެންނަ ގޮތަށް ދެފަޅިއަށް އިރާލެވިފަ ވާހެން، ވައިނޮޅި ބުރިކޮއްލުމުން މަރަށް ތެޅޭ ފަދައިން އަހަރެންގެ ހިތް ތެޅެމުންދަނީ، އަތްއަޅާ ހިފަހައްޓަންވެސް މަސައްކަތް ކޮއްފިން، އެކަމަކު...އެކަމަކު އެކަންވެސް ވަނީ ބޭކާރު...ދެން ބުނެބަލަ، ކީއްވެތަ މިހާރު އެއްޗެއް ނުބުނެ ތި ތިބީ، އެލީ...ޝިފޫ...މާނީ...ދެން ބުނެބަލަ، އަހަރެން ކިހިނެއްތަ ހަދަންވީ، އަހަރެން ކިހާ ފޮނި އުއްމީދު ތަކެއް ކުރިން، ހަމަ އެފަދަ ފޮނި ޖަވާބު ތަކެއް ލިބޭނެ ކަމުގެ އިންތިޒާރުގައި އަހަރެން ހުރީ، އެހެންނަމަވެސް ކަމުގެ ހަގީގަތް އެނގުމުން ހުރިހާ ކަމެއް ބޭކާރުމިވީ ހިނދުކޮޅެއްގެ ތެރޭ..." މަންހާގެ އަރުބެދެން ފެށިއެވެ. އޭރު އޭނައަށް ރޮވެނީއެވެ. ގިސްލެވެނީއެވެ. އަލީޝާ މަންހާ އޭނައާއި ކައިރިކޮއްލިއެވެ. އަދި މަންހާގެ ބޮލުގައި ފިރުމަމުން ދިޔައެވެ.

"އައި ނޯ ޑިއަރ، އައި ނޯ...އިޓްސް ނޮޓް ފެއަރ...އެމް ސޮރީ..." އަލީޝާ މަޑުމަޑުން ބުނަމުންދިޔައެވެ.

އެތަށް އިރެއްވަންދެން މަންހާ ރުޔެވެ. އެހުރިހާ އިރު އޭނަގެ ގާތުގައި އޭނަގެ ހިތާމައިގައި ބައިވެރިވުމުގައި އޭނަގެ އެކުވެރިންތިއްބެވެ. ކޮންމެ ކުއްޖަކުވެސް މަންހާގެ ހަށިގަނޑުގައި ފިރުމަމުން ދިޔައީ ރުއިން ހުއްޓާލުމަށް އެދެމުންނެވެ. އެކުވެރިންގެ އެތަށް އެތަށް އާދޭހަކާއި ހިތްވަރާއިއެކު މަންހާއަށް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުނެވެ. އަދި ރުއިން ހުއްޓާލަން މަސައްކަތްކުރިއެވެ.

މަންހާ އެނދުގައި ރީތިކޮށް ބޭއްވުމަށްފަހު ހުރިހާ ކުދިންވެސް ނިދަން އޮށޯވެވުނީ އެކެއް ޖަހަނިކޮށެވެ. އެކަމަކު އެއްވެސް ކުއްޖެއްގެ ޝަކުވާއެއްނެތެވެ. އެތިންކުދިންވެސް ވަނީ މަންހާ އާއި ދޭތެރޭ ހަމްދަރުދީވެފައެވެ. ތިންކުދިންގެ ދެލޯ ނިދި ބަރުކަމުން މެރެމުން ދިޔައިރުވެސް ހިތުގެ އެންމެ އަޑީގައިވެސް ވާ ދުޢާ އަކީ މަންހާއަށް ދާއިން ލިބުމެވެ. ނޫނީ އެފަދަ މީހަކު އައިސް މަންހާގެ ކުދިކުދިވެފައިވާ ހިތަށް ޝިފާއެއްދީ ދާއިންގެ މަތިން ހަނދާން ނައްތުވާލާނެ ނަމައެވެ.

ދަންވަރުގެ ހަމަހިމޭން ކަމުގެ ތެރެއިން މަޑު ގިސްލުމުގެ އަޑެއް ކޮޓަރިއަށް ފެތުރެމުންދިޔައެވެ. އޭރު ތިނެއްޖަހަނީއެވެ. އަލީޝާ މަޑުމަޑުން ލޯހުޅުވާލީ ކަންފަތަށް އިވެމުންދާ އަޑަކީ ހަގީގަތެއްތޯ ބަލާލުމަށެވެ. އަލީޝާއަށް ފުރަގަސްދީގެން އޮތް މަންހާ އާއި ކަންފަތް ގާތްކޮއްލިއެވެ. އާއެކެވެ. އެމަޑު ގިސްލުމުގެ އަޑު އަންނަނީ މަންހާގެ ފަރާތުންނެވެ. އަލީޝާ ތެދުވެ އެނދުގައި ދެފައިވައްކޮއްލައިގެން އިށީނދެ މަންހާއަށް ގޮވަންފެށިއެވެ.

"މަން، މިކޮޅަށް އެނބުރިބަލަ، ބަލަ އަދިވެސް ރޮނީތަ، ދެން ރޮއެ ރޮއެ ތިވަރަށް ހިތް ހަލާކު ކުރަންވީ ކީއްކުރަން، ތިކަމުގެ ހުރިހާ ނޭދެވޭ އަސަރެއް ކުރާނީ ހަމަ މަންއަށް، ދާއިންގެ ލޮލަށް އިޙްސާސް ވާނެތަ ތިގޮތަށް މަންގެ ލޮލުން ކަރުނަ އެޅުމުން، ބަލަ މަން، ނިކަން މިކޮޅަށް އެނބުރިބަލަ.." އަލީޝާ ވާހަކަ ދައްކާ ވަރަކަށް މަންހާގެ ގިސްލުން އަވަސް ވަމުންދިޔައެވެ.

އަލީޝާ ގަދަކަމުން މަންހާ އޭނަ އާއިވީ ފަރާތަށް އަނބުރާލިއެވެ. އޭރު މަންހާ ގެންގުޅޭ ސްޕޮންޖު ބޮބް ބާލީހުގައި ހިފަހައްޓައިގެން އޮވެ ގަދައަށް ރޮނީއެވެ. ފެންދެމޭ ކޯރެއްފަދައިން ހުއްޓުމެއްނެތި އެރީތި ދެދޮލުން ހޯސްލާފައި ކަރުނަތައް ކޯތާފަތުގައި ބޮސްދެމުން ފައިބައިގެން ދެއެވެ. އަލީޝާ މަންހާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަންނަން މަސައްކަތް ކުރިއެވެ. މަންހާ މަޑުމަޑުން އައިސް އަލީޝާގެ އުނގުގައި ބޯއަޅާލިއެވެ.

"އެލީ، އެލީ...އަހަރެން މަރުވެދާނެ، އަހަރެން ހާދަ ލޯބިވެޔޭ ދާންދެކެ، އަހަރެން ބޭނުން ދާން، ކޮންމެ ގޮތަކުންވެސް ބޭނުން، އެކަމަކު އެއީ ރަނގަޅު ގޮތެއްވެސް ނޫންކަން އެނގޭ، އެހެންނޭ ކިޔާފަ އަހަންނަށް އޭނަގެ ހިޔާލުތަކާއި ދުރުވެވޭކަށްވެސް ނެތް، އެލީ ޕްލީޒް، އަހަރެން ހާދަ ލޯބިވޭޔޭ، ކީއްވެތަ އެހާ ލޯބިވާންވީ، އެލީ...މިހިތަށް ހާދަ ތަދުވެޔޭ، ދެލޯ މަރާލާ ކޮންމެ ފަހަރަކު ފެންނަނީ އެ ސޫރަ، ދާއިންގެ ސޫރަ، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެންގެ ހިތަށް އަސަރު ކުރުވި ހިނިތުންވުން، ހިތްގަތުލުވެގެން ދިޔަ ބަލާލުން، ކަންފަތުގައިވަނީ ދާންގެ އަނގައިން އަހަންނައްޓަކައި ފުރަތަމަ ފަހަރަށް ނުކުތް ދެލަފްޒު...ސޮރީ، އަހަރެން މަރުވެދާނެ އެލީ، ނޫނީ އަހަރެން މޮޔަވަނީ ކަންނޭގެ، އެލީ، އަހަރެންގެ ހިތުގެ ވިންދު ހުއްޓަސް އެހިތް ވަނީ ހުއްޓިފަ، އެހިތުގަ އެއްވެސް ދިރުމެއްނެތް، ކީއްވެތަ އަހަރުމެން އިންސާނުންގެ ހިތަކީ އެހާ ބަލިކަށި އެއްޗަކަށްވީ، އެހިތަށް ލޯބި ދެނެގަންނަން އެނގުނީ ކީއްވެތަ، މަށިން އުފެދިފައިވާ ހަށިގަނޑަކަށް ބިއްލޫރިފަދަ ހިތެއް ލިބުނީ ކީއްވެތަ؟ އެލީ...އަހަރެން ހާދަ ލޯބިވެޔޭ..." އަލީޝާގެ އުނގުގައި ބޯއަޅައިގެން އޮވެ ރޮމުން ގިސްލަމުން ދިޔަ މަންހާގެ ސަބަބުން އަލީޝާގެ ދެލޯވެސް ކަރުނުން ފުރިއްޖެއެވެ.

އެފަދަ ދަރަޖައަކަށް މަންހާ ލޯބިވެދާނެ ކަމަށް ހުދު އަލީޝާވެސް ހިއެއްނުކުރެއެވެ. އެކަމަކު ހަމަ ހަގީގަތުގަވެސް މަންހާ ދާއިންދެކެ ވެވުނު ލޯބި ފޮހެލުމަކީ ވާނޭކަމެއްނޫންކަން އަލީޝާއަށް ވިސްނުނެވެ. އަލީޝާ އޭނަގެ ދެލޯ ފޮހެމުން މަންހާގެ ބޮލުގައި ފިރުމަމުން ދިޔައެވެ.

ފަތިސް ނަމާދަށް ގޮވަން ވަސީމާ އައި އިރު ކޮޓަރި ތެރޭގައި ހުރިހާ ކުދިންވެސް އުޅެނީ ހޭލައެވެ. އެހެންވެ މަންހާ ގާތު ހުރިހާ ކުދިން އެއްކޮށް ނަމާދުކޮއްލައިގެން މައިލޯ ބޯން ތިރިއަށް އައުމަށް ބުނެލިއެވެ. ނަމާދު ކުރަން ޖެހުނީ ފަހަރަކު ދެކުދިންނެވެ. އެއީ އަލީޝާ އާއި ޝިފްނާ ނަމާދުކުރާ އެއްޗެހި ނުގެންނާތީ އެދެކުދިން ބޭނުންކުރީ މަންހާ އާއި އަމާނީގެ އެއްޗިއްސެވެ. ނަމާދުކޮއްލައިގެން ހަތަރުކުދިން ތިރިއަށް ދިޔައެވެ. މަންހާ އޭރުވަނީ ހަމައަކަށް އެޅިފައެވެ. ނަމަވެސް ރޭގައި ރުއިމުގެ ސަބަބުން މަންހާގެ ދެލޯވަނީ ވަރަށް ބޮޑަށް ރަތްވެގެންގޮސް ދުޅަވެފައެވެ. ފެންނަ ކޮންމެ މީހަކަށް އެކަން އެނގޭނެއެވެ.

"ދަރިފުޅުމެން ރޭގަ ނުނިދަނީތަ؟" ވަސީމާއަށް މަންހާގެ ލޯފެނުމުން އަހާލެވުނެވެ.

"ނޫން މަންމާ" މަންހާ މަޑުމަޑުން ބުނެލިއެވެ. އަދި އަވަސް އަވަހަށް މޭޒުމަތީ މައިލޯ އަޅާފައިހުރިތަނުން މަގެއް ހިފައިގެން ދާން ހިނގައިތެވެ.

"ބަލާ ތިހިރަ ލޮލެއް، މާ ސަކަރާތް ބޮޑުކޮއްލައިގެން ނުނިދާ އުޅުނީ ދޯ، މަންމައަށް އޭރުވެސް ހީވިޔޭ ރޭގަ ތީގެތެރޭން އެއްކުއްޖަކުވެސް ނުނިދާނެހެން، ދެން މައްސަލައެއްނެތް، އެންމެ ރެއަކުތާ ދޯ" ވަސީމާ ޝިފްނާއަށް މައިލޯ އަޅާފައިވާ މަގެއް ދިއްކޮއްލަމުން ބުނެލިއެވެ.

"މަންމާ އަޅުގަނޑުމެން މިތިބީ ބެލްކަނީގަ، ސައިބޯނީ ދޮންބެ އާއި ބައްޕަ އޮފީހަށް ދުރުވީމަ، ދޯ" މަންހާ އޭނަގެ އެކުވެރިންނަށް ދޯ ކިޔާލިއެވެ.

"ހޫމް، މައްސަލައެއްނެތް" ވަސީމާ ބަދިގޭގެ ކަންތައްތަކުގައި މަސްޢޫލުވަމުން ބުނެލިއެވެ.

ބެލްކަނީގައި މައިލޯ ތަށި ހިފައިގެން އަތްއަޅުވައިލައިގެން ބަރިއަކަށް ހަތަރު ކުދިން ތިއްބެވެ. އެންމެ ފުރަތަމަ ވާހަކަ ދެއްކީ މަންހާއެވެ. އޭނަ ރޭގަ އޭނައަށް އުޅެވުނު ގޮތާއިމެދު މާފަށް އެދުނެވެ. ކުއްލިއަކަށް ޝޮކެއް ލިބުމުން އެކަން ތަހައްމަލު ކުރަން ނޭގުނީ ކަމުގައި ބުންޏެވެ. އަދި މިހާރު އޭނަގެ ހާލު ރަނގަޅު ކަމުގައި ބުންޏެވެ. އެހެންނަމަވެސް އެއީ ދޮގެއްކަން މަންހާގެ ރަޙުމަތްތެރިންނަށާއި އޭނަގެ އަމިއްލަ ޒަމީރަށް އެނގެއެވެ. ހަގީގަތް އެނގުނަސް އެކަން މަންހާ ބޭނުންވާ ގޮތަށް ދޫކޮއްލުން އެއީ މިވަގުތަށް އެންމެ ރަނގަޅުގޮތް ކަމުގައި އޭނަގެ އެކުވެރިން ދެކުނެވެ. އަލީޝާ އެތަށް ފަހަރެއްގެ މަތިން މަންހާ ލައްވާ ވަޢުދު ކުރުވީ އަތުންފައިން ގޯހެއް ދުވަހަކުވެސް ނުހެދުމަށެވެ. އެކަމަށް މަންހާ ވަޢުދުވިއެވެ. އެފަދަ މޮޔަކަމެއް ނުކުރާނަން ކަމުގައެވެ. އެއީ އޭނަގެ މައިންބަފައިންނަށްޓަކައިވެސް މެއެވެ.

އަމިއްލަ ފުރާނައަށް ގެއްލުމެއް ދިނުމަކީ ކިހާވަރެއްގެ ކަމެއްކަން ހުދު މަންހާއަށްވެސް އެނގެއެވެ. އަނެއްކާ އޭނަގެ މައިންބަފައިން މިހާދުވަހު އޭނައަށް ކޮއްދިން ހުރިހާ ކަމެއްގެ އަގު އަދާކޮއްދޭން ބޭނުންވަނީ އެފަދަ ގޮތަކަށް ނޫނެވެ. މަންހާގެ ކައިރީގައި ހުރި އަމާނީ އޭނަގެ ކޮނޑަށް އަތްވައްޓާލަމުން ހިތްވަރުގެ ހިނިތުންވުމެއް ދިނެވެ.

"ޕޮއް" މަންހާގެ ފަހަތުން ޝަރަފް ތަންކޮޅެއް ބާރަށް ބުނެލިއެވެ.

ތިންކުދިން އެއްފަހަރާ ހޭންފެށިއިރު މިފަހަރު މަންހާވެސް ހުރީ ހިނިއައިސްފައެވެ. ޝަރަފްއަށް މަންހާގެ ދެލޯ ފެނުމާއިއެކު ކަންބޮޑުވިއެވެ. އެވަގުތު އެއްވެސް ސުވާލެއް ނުކުރިއެއްކަމަކު ހުރިހާ ކުދިން ސައިބޯން ދިޔަވަގުތު ޝަރަފު މަންހާގެ އަތުގައި ހިފާ މަޑު ކުރުވުމަށްފަހު ސުވާލުކުރިއެވެ. މަންހާ ހިނިތުންވެލަމުން ރޭގަ ނުނިދާ އުޅުމުގެ ސަބަބުން ވެފައި ހުރިގޮތެއް ކަމުގައި ބުންޏެވެ. ޝަރަފްއަށް އެއީ ދޮގެއްކަން ވަގުތުން އެނގުނެވެ. އެހެންވެ އިތުރު ސުވާލުތައް ކުރަން ފެށިއެވެ.

* * * * *

"ހަމަ އެ ޓެސްޓު އަލުން ހަދުވަނީތޯ" ޒާރާއަށް އަނެއްކާވެސް ޑޮކްޓަރުގެ ގާތުން އަހާލެވުނެވެ.

"ލައްބަ، އަދިވެސް އަޅުގަނޑު ޔަގީންކޮއްލަން ބޭނުންވަނީ، ދެދުވަސް ފަހުން ރިޕޯރޓު ލިބޭނީ، އެހާތަނަށް އަޅުގަނޑުގެ އެޕޮއިންމެންޓެއްވެސް އެބަދެން" ޑޮކްޓަރ ޒޭން ބުނެލިއެވެ.

ޒާރާ އާއި ދާއިން އެކުގައި ބޯޖަހާލަމުން ޑޮކްޓަރަށް ހިނިތުންވެލިއެވެ. އަދި ތެދުވެގެން ޑޮކްޓަރު އިންނެވި ކޮޓަރިން ބޭރަށް ނުކުތެވެ.

"ތިހާ ކަންބޮޑު ނުވެބަލަ، ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ" ދާއިން ޒާރާގެ ކޮނޑުގައި ހިފާ ގާތްކޮއްލަމުން އޯގާތެރި ރާގެއްގައި ބުނެލިއެވެ.

* * * * *

"އެލީ ތިހެން ބުންޏަސް ކިހިނެއް ހުރިހާ ކަމެއް ރަނގަޅުވާނީ، ނަތިންގ ވިލް ބީ ސޭމް" މެންދުރު ކައިނިންމައިގެން ގެއަށް ދާން ތައްޔާރުވަމުން ދިޔަ އަލީޝާއަށް މަންހާ ބުނެލިއެވެ.

"އެކަމަކުވެސް ހެޔޮ، މަން ދެން އެގޮތަށް ނުރޯތި، އަހަރެންގެވެސް ހިތްފަޅައިގެން ގޮސްދާނެ އޭރުން" އަލީޝާ އޭނަގެ ދަބަހަށް އެއްޗެހި އަޅަމުން ހެވިފައި ބުނެލިއެވެ.

"އޯކޭ، އޯކޭ އައި ޕްރޮމިސް" މަންހާ އޭނަގެ ރަޙުމަތްތެރިންނަށް ބަލާލަމުން ބުނެލިއެވެ.

"ދެން އެއްކަލަ ކަންތައް ހުއްޓާލަންވީ ދޯ" އަމާނީ އަލީޝާއަށް ބަލާލަމުން ބުނެލިއެވެ.

"ތެދެއް މަން، އެކަން ހުއްޓާލަންވީތަ" އަލީޝާ އަހާލީ މަންހާ ގާތުގައެވެ.

"ނޫން، އެއީ ހަމައެކަނި އަހަރެންގެ އަތުގަ އޮތް އެއްޗަކީ، އެކަން އަހަރެން ބުނަންދެން ކުރިއަށް ގެންދޭ، އަހަރެން މެއިލް ކުރާނަން" މަންހާ އަވަސް އަވަހަށް ބުނެލިއެވެ.

ހަވީރު ވާން ވާއިރަށް މަންހާގެ ރަޙުމަތްތެރިން އެނބުރިގެއަށް ދިއުމުން އަނެއްކާވެސް މަންހާގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. މީގެ ކުރިން އެކަނިވެރިކަން އިޙްސާސް ނުކުރެވޭ މަންހާއަށް މާބޮޑަށް އެކަނިވެރިކަން އިޙްސާސް ކުރެވެނީއެވެ. ކޮޓަރީގައި އޭނަ އޮތްއިރު ކޮމްޕިއުޓަރުން ޖަހަމުން ދިޔައީ ހިތާމަވެރި ލަވަތަކެވެ. ނަމަވެސް އެހިތަށް އެކަމުން ފިނިކަން ލިއްބައިދެއެވެ.

އިރުއޮއްސެން ގާތްވެފައި ވަނިކޮށް ޝަރަފް އައިސް މަންހާގެ ކޮޓަރިއަށް ވަނެވެ. އޭރު އޭނަ ހިނިއައިސްގެންގޮސް އަނގައިގައި ވާ ހުރިހާ ދަތެއް ފެންނަންހުއްޓެވެ.

"ގުޑް ނިއުސް..." ޝަރަފްއަށް ކޮމްޕިއުޓަރ ކައިރީއިން މަންހާ ފެނުމުން ބުނެލިއެވެ.

"މަންކޮއަށްތަ؟ ނޫނީ ތިއްތޭއަށްތަ؟" މަންހާ ހައިރާންވެފައި އަހާލިއެވެ.

"މަންކޮވެސް އުފާވާނެ ހަބަރެއް ދޭން މިއައީ" ޝަރަފް މަންހާގެ އެނދުމައްޗަށް ވެއްޓިގަންނަމުން ބުނެލިއެވެ.

"އިންޓަރވިއު އަކަށް ގޮއްސަ ދޯ ތިއައީ" މަންހާއަށް ޝަރަފް ހެދުން އަޅާފައިވާލެއް ފުރިހަމަކަމުން ބުނެލެވުނެވެ.

"ނޫން، ލާސްޓު ވީކުގަ އިންޓަރވިއުއަށް ދިޔަތަނުން ހަވީރު ގުޅާފަ ބުނީ އައިސް ދީ ފާނަންހޯ" ޝަރަފް ބުނެލިއެވެ.

"ދެން، ޖޮބް ލިބުނީ ތަ؟" މަންހާއަށް އަވަހަށް އަހާލެވުނެވެ.

"ހެ ހެ ހެ.....އިނގޭތަ މީކާކު ކަން މިހާރު، މީ އައި.ޓީ ޑިޕާރޓުމެންންޓުގެ ހެޑް، ވަކިން ކެބިން އަކާއި ސެކްރެޓެރީ އަކާއި.....ސަޅި އިނގޭ" ޝަރަފް ހީވަނީ އުފަލުން އުދުއްސައިގަނެދާނެހެންނެވެ.

"އައިމް ސޯ ހެޕީ، ވަރަށް ވަރަށް އުފާވެއްޖެ، މަންމަ ކީކޭ ބުނީ، ބައްޕަ ގާތު ބުނެފިންތަ؟" މަންހާ ހިނިއައިސްފައި އަހާލިއެވެ.

"އެންމެ ފުރަތަމަވެސް މިބުނީ މަންކޮ ކައިރީ، ދެން ދޮންބެއަށް ލަކީ ގެސްއަކުން އެނގުނީ، އެހެންނުވާނީ ދޮންބެގެ ސައިކަލު ފަހަތުގަވިއްޔަ ދާން ޖެހުނީ" ޝަރަފް މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ.

ޝަރަފްއަށް ވަޒީފާ ލިބުންވީ މުޅިގެއަށް އައި އީދަކަށެވެ. ވަސީމާ އާއި ސަޢީދު ހުރީ އެހާވެސް އުފާވެފައެވެ. އެހެންނަމަވެސް އެކަކަށްވެސް މަންހާގެ އާދަޔާ ހިލާފު މަޑުމައިތިރި ކަމާއި މޮޅިވެރި މޫނު ދެނެގަންނާކަށް ނޭގުނެވެ. ޝަރަފްގެ ސަމާލުކަންވެސް ހުއްޓުނީ އޭނައަށް އަލަށް ލިބުނު ވަޒީފާއަށެވެ. ކޮންމެ މީހަކު އެމީހެއްގެ އަމިއްލަ ކަމަކާއިގެން މަސްޢޫލުވެއްޖެއެވެ. ސްކޫލު ދުވަސްތައް ނިމުމަކަށް އައުމުން މަންހާ ކުރާނެ ކަންތައްތައް ނެތި ވަގުތުތައް ދިގުވެއްޖެއެވެ. ރެޔާއި ދުވާލު އޭނަގެ ހިތުގައިވަނީ ދާއިންއެވެ. ގިނަވުތު ހޭދަކުރަމުން މަންހާ ދިޔައީ އޭނަގެ ކޮޓަރީގައެވެ. އެނދުމަތީ އޮވެ ދޭތެރެއަކުން ދާއިންގެ ނަން ކިޔާލާނެއެވެ. ހަޔާތް ނިމިގެން ދާނީ ދެން މިހެންބާއޭ މަންހާގެ ހިތަށް އަރައެވެ. އެހެންވާކަށް އޭނަވެސް ބޭނުމެއްނުވެއެވެ.

ހަފްތާތައް ދިގުވެ މަސްދުވަސް ވޭތުވެގެން ދިޔައިރު މަންހާގެ ހިތުގެ ހާލަށް ބަދަލެއް ނައެވެ. އެހެނީ އެންމެ ފުރަތަމަ ނަޒަރުންވެސް އެހިނދުކޮޅުން ފެށިގެންވެސް މަންހާގެ ހިތުގައި ދާއިންގެ ސޫރަ ބިންވަޅުނެގިގެން ދިޔައީ ދުވަހަކުވެސް ފޮހެވިގެން ނުދާނޭހާ ފުންކޮށެވެ. އެނަން އަބަދުވެސް ދުލުން ކިޔާލެވޭނެއެވެ. ކޮންމެ ދުވަހެއްގެ ހެނދުނު ސްކޫލަށް ދާއިރު ދާއިންގެ އެހިތްގައިމު ހިނިތުންވުން އަބަދުވެސް އެހިތާ ދުރުނުވެއެވެ. މުޅި އުމުރަށްވެސް އެހަނދާންތައް ވާނެއެވެ. އެކަމަކު ދާއިންއަކީ ޒާރާގެ މީހެއްކަން ހިތަށް ވަންނަ ކޮންމެ ފަހަރަކު އަދިވެސް އެދެލޮލުން ކަރުނަ ފާއްދާލައެވެ. މަންހާ އެހާލުގައި އުޅޭކަށް ބޭނުމެއްނޫނެވެ. އެކަމަކު އެނޫންގޮތެއްވެސް މިއަދު ނެތެވެ.

މަންހާގެ އެކުވެރިން ތަފާތު ހިޔާލުތައް މަންހާއަށް ދެމުންދިޔައެވެ. އެގޮތުން އެއްދުވަހު އަމާނީ މަންހާގެ ގާތުން އެދުނީ ކޮންމެވެސް ކަހަލަ މަސައްކަތެއް ގޭގަ ހުރެގެން ކުރަންފެށުމަށެވެ. އެއީ ކުދިންއަށް ޓިއުޝަން ދިނުންފަދަ މަސައްކަތެކެވެ. ނޫނީ ވަގުތީ މުވައްޒަފެއްގެ ގޮތުގައި އަމިއްލަ ކޮމްޕެނީއަކަށް ކުރިމަތި ލުމަށެވެ. އެގޮތަށް މަސައްކަތެއްގެ ތެރޭ މަސްޢޫލުވެ އުޅެން ފެށުމުން މަޑުމަޑުން ދާއިންގެ މަތިން ހަނދާން ނެތިދާނެ ކަމަށް ބުންޏެވެ. އެހިޔާލު މަންހާ ގަބޫލު ކުރިއެވެ. އެކަމަކު އޭނަ ޓިއުޝަން ދޭކަށް ބޭނުމެއްނޫނެވެ. އެހެންވެ ޝަރަފްގެ ގާތުގައި އެކަމާއި ގުޅިގެން ވާހަކަ ދައްކާ ހިޔާލު ބަދަލުކޮއްލުމަށް މަންހާ ވިސްނިއެވެ.

"ތިއްތޭ، ކިހިނެތްވާނީ މަންކޮވެސް ޖޮބަކަށް ދިޔައްޔާ، މިބުނީ ރިޒަލްޓު ލިބެންދެން މިހެން ހުންނަންވީމަ ވަރަށް ފޫހިވޭ" ޝަރަފް އޮފީހުން އައިސް ހަމަޖެހިލި ވަގުތު މަންހާ އެކޮޓަރިއަށް ވަދެ ޝަރަފް އާއި ވާހަކަދެއްކުމަށް މަސައްކަތް ކުރިއެވެ.

"ސީރިއަސްކޮއްތަ؟" ޝަރަފް މަންހާ ބުނިއެއްޗެއް ޔަގީންކޮއްލަން ބޭނުންވިއެވެ.

"ހޫމް، ހިތަށް އަރަނީ މިހެން ގޭގަ ފޫހިވެގެން އުޅުމަށްވުރެ މާ ރަނގަޅުވާނެއޭ ކޮންމެވެސް ޖޮބަކަށް ދިޔައީމަ" މަންހާ ފޫހިވެފައިވާ ގޮތަކަށް ބުނެލިއެވެ.

"ފަހަރެއްގަ އަމިއްލަ ތަނަކުން ވަޒީފާއެއް ދީފާނެ، އެހެންވިޔަސް މަންކޮ ކުރާހިތްވަނީ ކޮންކަހަލަ ކަމެއްތަ؟" ޝަރަފް އޭނަގެ ކޮޓަރީގެ ފާރުގައި ހަރުކޮއްފައި ހުރި ޓީވީ ހުޅުވާލަމުން އެނދުގައި ހަމަޖެހިލިއެވެ.

"މަންކޮއަކަށް ނޭގެ، ތިއްތޭ ބުނެބަލަ، ކޮންކަހަލަ ޖޮބެއްތަ މަންކޮއާއި ގުޅޭނީ" މަންހާ އެނދުމައްޗަށް އެއްފައި އަރުވާލަމުން ޝަރަފް އާއި ދިމާލަށް އެނބުރިލިއެވެ.

"ތިއްތޭ ބުނަންޏާ ބުނާނީ، މަންކޮ ވައްތަރީ އެއަރ ހޮސްޓެސް އަކާއޭ...ހެ ހެ ހެ" ޝަރަފް ހޭންފެށިއެވެ.

"ދެން ސީރިއަސްކޮށް ބުނެބަލަ" މަންހާ ޝަރަފްގެ ކޮނޑުގައި އަތްއަޅާ ކޮއްޕާލަމުން ބުނެލިއެވެ.

"މަންކޮ އަދިވެސް ނުބުނަމެއްނު ކޮން ދާއިރާއަކުން ކަމެއް ކުރިއަށް ދާނީވެސް، އޭރުން ކިޔަވަން ދާންވާއިރަށް ކޮންމެވެސް ވަރެއްގެ އެކްސްޕީރިއެންސްއެއް ލިބޭނެއެއްނު" ޝަރަފް ޓީވީގެ ޗެނެލްތައް ބަދަލުކުރަމުން ބުނެލިއެވެ.

މަންހާ ޝަރަފް ބުނިއެއްޗަކާއިމެދު ވިސްނާލަން އިނެވެ. އޭނަގެ ކުރިމަގު ބިނާކުރަން ބޭނުންވަނީ ކޮންދާއިރާއަކުން ކަމެވެ. ކުއްލިއަކަށް އޭނަގެ ހިޔާލަށް އައީ ސްކޫލަށް ދިޔައިރު ކޮންމެ ދުވަހަކު ހެނދު ފެންނަ ނަންބޯޑު މަތިންނެވެ. އެއާއެކު މަންހާގެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނަ ބޭނުންވި ސުވާލުތަކުގެ ޖަވާބު ލިބުނީއެވެ. ކުރިމަތިން ދާންވީމަގު ސާފުވެ ފެނުނީއެވެ. އެކަމެއްގައި މަންހާގެ ހިތާ ސިކުނޑި އެއްބައިވެއްޖެއެވެ.

"ތިއްތޭ...އައި ނޯ ވަޓް އައި ވޯންޓް" މަންހާ އެއްދިމާލަކަށް ގެއްލިފައި އިނދެ ބުނެލިއެވެ.

"ޓެލް މީ" ޝަރަފް މަންހާއަށް ބަލާލަމުން ބުނެލިއެވެ. އޭނަ މަންހާ ބުނާނެ އެއްޗެކަށް އިނީ ކެތްމަދުވެފައެވެ.

"މަންކޮ ބޭނުމީ އާކިޓެކްޗާރ އާއި އިންޓީރިއާ ޑިޒައިންނިންގެ ރޮނގުން ކުރިއަށް ދާން....މަންކޮ ބޭނުމީ މިހާރު ކިޔަވަން ދާން ފުރަން، އަންނަ އަހަރުގެ ބެޗެއްގަ ބައިވެރިވެވޭގޮތަށް" މަންހާގެ މޫނުމަތިން އާދަޔާހިލާފު އުފާވެރިކަމެއް ފާޅުވެގެން ދިޔައެވެ.

"އޯ ސަޅި، އެކަމަކު ދެން މަންކޮއަކާ ނުގުޅޭ، ސީރިއަސްކޮށް މަންކޮ ބޭނުންވަނީ އާކިޓެކްޗަރ ދާއިރާއިން ކުރިއަށް ދާންތަ، އެއްގޮތަކުން ވަރަށް ސަޅި، މިގޭގަ އޭރުން ހުންނާނެ ދޯ އާކިޓެކްޗަރ އެއްވެސް، ވަރަށް މުއްސަނދިވާނެ ދޯ...ހެ ހެ ހެ" ޝަރަފް މަންހާ އާއި ކުޑަކޮށް ދިމާކޮއްލިއެވެ.

"ހޫމް، ހަމަ ފައިނަލް، މަންކޮގެ މި ނިންމުން ދެން ބަދަލެއް ނުވާނެ، މަންކޮ ބޭނުންވަނީ ވީހާވެސް އަހަވަހަކަށް ފުރަން، ކީކޭ ތިއްތޭ ބުނަނީ؟" މަންހާ ކުރިއަށްވުރެވެސް ބޮޑަށް ޝައުގުވެރިވެލިއެވެ.

"ހަމަ އޯކޭ، ސީ.އެޗް.އެސް.އީ އަށް ދިއުމުގެ މާބޮޑު ބޭނުމެއްނެއްތޭ އަސްލު، ޑިގްރީއަކާއި އަމައަށް މިހާރުއްސުރެ ފަށައިގެން ދެވިދާނެއެއްނު، ފޯ އިޔަރސް ވަރު އެކަމަކު ނަގާނެ، އެހާ ދުވަސް މަންކޮއަށް ކެތްވާނެތަ މަންމަމެންނާ ދުރުގަ" ޝަރަފް އަހާލިއެވެ.

"ހޫމް، މަންކޮ ވަރަށް ކެތްތެރިވާނެ، މިރޭ ކާގަޑީގަ މަންމަމެން ގާތު ބުނުން ކިހިނެތްވާނެ؟" މަންހާ ބޭނުންވަނީ ވީހާވެސް އަވަހަކަށް އެކަމަށް ޢަމަލީ ސިފައެއް ގެންނާށެވެ.

"އާ ރަނގަޅުވާނެ، އެކަމަކު ކޮންތާކުން ހަދާނީ، މެލޭ އިންތަ" ޝަރަފް އަހާލިއެވެ.

"ތިއްތޭ މަންކޮއަށް ބަލާދީބާ ސަޅިތަނަކުން" މަންކޮ އާދޭހުގެ ގޮތަކަށް ބަލާލަމުން ބުނެލިއެވެ.

ރޭގަނޑުގެ ކެއުމަށް ވަސީމާ ތައްޔާރު ވަމުން ދިޔައިރު އޭނައަށް އެހީތެރިވުމުގައި މަންހާވެސް އުޅެއެވެ. ވަސީމާއަށް މަންހާގެ އެފަދަ ކުދިކުދި ކަންތައްތަކުންވެސް ހިތްހަމަޖެހި އުފާވެއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅަކީ ކިޔަވައިގެން ހުރި މޮޅު ކުއްޖަކަށް ވުމުގެ އިތުރުން އެދަރިފުޅު ގެވެހި އަންބެއްގެ ގޮތުގައި ދުށުމުގެ ހުވަފެންވެސް އޭނަ ދެކެއެވެ. އޭނަ ދިން ތަރުބިއްޔަތުގެ ނަތީޖާ އެދުވަހަކުން ފެންނާނެކަން އެނގެއެވެ.

"މަންމާ، އަޅުގަނޑު މަންމަ ގާތު ވާހަކައެއް ބުނަންވެފަ އެބައޮތް" މަންހާ ބުނެލިއެވެ.

(ނުނިމޭ)