މެޗުގެ ފަހު މިނިޓުގައި ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ޖެހި ލަނޑާއެކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް އީގަލްސް އާއި ޓީސީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.
މެޗުގެ 39 ވަނަ މިނިޓުގައި އީގަލްސް އަށް ލީޑު ހޯދައިދިނީ އެ ޓީމާ އަލަށް ގުޅުނު ސްޕެއިންގެ ފޯވަޑް ޖެރާޑޯ ޖިމިނޭޒް އެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ކޮންޓުރޯލްކޮށްލުމަށް ފަހު، ޓީސީގެ ޑިފެންޑަރެއް ކައިރީގައި ވިއްދާފައި ހުއްޓައި ޖިމިނޭޒް ވަނީ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
އެކަމަަކު އޭގެ ދެ މިނިޓު ފަހުން ޓީސީ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ނަޓީޖާ ހަމަހަމަކޮށްދިނީ ބްރެޒިލްގެ ފޯވަޑް ރަފީނިއާ އެވެ. ޓީސީ އަށް ޕެނަލްޓީއެއް ލިބުނީ ރަފީނިއާ އަށް އީގަލްސްގެ ހުސެއިން ޝިފާއު ކުރި ފައުލަކާ ގުޅިގެންނެވެ.
ދެވަނަ ހާފު ފެށިތާ މާ ގިނައިރުތަކެއް ނުވެ، އީގަލްސް އިން އަލުން ލީޑު ނެގީ ޖިިމިނޭޒް ޖެހި ލަނޑުންނެވެ.
އެކަމަަކު ޓީސީން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކުރީ ބަދަލު ކުުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޝަފްލޭ މެޗުގެ ފަހު މިނިޓުގައި ޖެހި ލަނޑުންނެވެ. ޓީސީގެ ކުޅުންތެރިއެއް ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޝަފްލޭ ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.
މި މެޗުގެ ނަތީޖާ އަށް ފަހު އީގަލްސް ތާވަލްގެ އެއްވަަނައިގައި އޮތީ އަށް ޕޮއިންޓާއެކު އެވެ. އެކަމަކު ލީގުގައި މިރޭ ބީޖީ ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެ ނަމަ، މާޒިޔާ އެއްވަނަ އަށް އަރާނެ އެވެ. ޓީސީ އޮތީ ފަސް ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.
މެޗަށް ފަހު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މުޅި މެޗަށް ބަލާއިރު މި މެޗުން ޕޮއިންޓަކާމެދު ހިތްހަމަޖެހޭ ކަމަށެވެ.
"އީގަލްސް އަށްވުރެ ބޮޑަށް ޓީސީ މެޗުން މޮޅުވާން ބޭނުންވި. މިރޭ އީގަލްސް އަށްވުރެ ޓީސީން މާ ރަނގަަޅަށް މަސައްކަތްކުރި. އެހެންވީމަ މި މެޗުން ޕޮއިންޓަކާއެކު ނިންމާލެވުނީމަ ވެސް ހިތްހަމަޖެހޭ،" ސާންތީ ބުންޏެވެ. "މި މެޗަށް މި ގެންނަން ޖެހުނު ބަދަލުތަކާއެކު މެޗު އުނދަގޫވާނެކަން ކުރިން ވެސް އެނގޭ. ކެޕްޓަން މެސީ (އިސްމާއިލް އީސާ) ނުލައި ކުޅެންޖެހުމާއި، އެންމެ ފަހު ވަގުތު މުއްކި (މުބީން ރަޝީދު) އަށް ނުކުޅުމާއެކު، މެޗުގެ ފުރަތަމަ ހާފުގަި ކެޕްޓަން މޯޑް (މުހައްމަދު ތަސްނީމް) އަށް އަނިޔާވުމަކީ މި މެޗުގައި ދިމާވި ބައެއް މައްސަލަައް. އަނެއްކޮޅުން އަލަށް ގުޅުނު ސްޕެއިންގެ ފޯވަޑާއި ޑިފެންޑަރު ވެސް ލައިގެން މި ކުޅުނީ."
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މިއީ ޓީސީ އަށް މޮޅެއް ހައްގު މެޗެއް ކަމަށެވެ. އަދި ނިޒާމްބެ ވަނީ ޓީސީގެ ކުޅުންތެރިންނަށް ތައުރީފްކޮށްފަ އެވެ.
"ފުޓްބޯޅައިގައި ހައްގު ނޫން އެއްޗެއް ނުލިބޭނެ. މި މެޗުން ޓީސީ އަށް ލިބުނީ ހައްގު ޕޮއިންޓެއް. ކުރި މަސައްކަތާއި ދެއްކި ކުޅުމަށް ބަލާއިރު ތިން ޕޮއިންޓް ވެސް ހައްގު. ކުޅުންތެރިން ވަރަށް މަސައްކަތްކުރި. މި ގޮތަށް ފަހަތުން އަރައި ރިސްލްޓް ނެރުމަކީ ކޮންމެ ކޮންމެ ޓީމަކަށް ވާނެ ކަމެއް ނޫން،" ނިޒާމްބެ ބުންޏެވެ.