ހަބަރު

ހުކުރު ދުވަހު ރައީސް ލާމަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ ހުކުރު ދުވަހު ލ. އަތޮޅަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރައީސްގެ ތަރުޖަމާނު އިބްރާހީމް ހޫދު މިއަދު ވިދާޅުވީ، ރައީސް ލ. އަތޮޅަށް އަންނަ ހުކުރު ދުވަހު ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ. އެމަނިކުފާނު އެ އަތޮޅަށް ވަޑައިގަންނަވަނީ އެ އަތޮޅުގައި އޮންނަ ޓޯޓަލް ފިޓްނަސް ގުރޫޕު (ޓީއެފްޖީ) ރަންގައި ބައިވެރިވެ ވަޑައިގަތުމަށް ކަމަށެވެ.

ރައީސް ކަމަށް ވަޑައިގެންނެވި ފަހުން މިއީ އެ މަނިކުފާނު ލ. އަތޮޅަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ޓީއެފްޖީއިން އަންނަނީ ކޮންމެ އަހަރަކުވެސް ބޮޑު ދުވުމެއް ބާއްވަމުންނެވެ. މިއަހަރުގެ ދުވުން އޮތީ ލާމު ލިންކްގަ އެވެ. ދުވުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.