ދުނިޔެ

ކުޑަކުދިންގެ ނެޕީން ނުރައްކާތެރި ކެމިކަލެއް ފެނިއްޖެ

Jan 23, 2019

ޕެރިސް (ޖެނުއަރީ 23) - ކުޑަކުދިންގެ ނެޕީގައި ރައްކާތެރި މިންގަޑަށްވުރެ އިތުރަށް ކެމިކަލް ފެނިފައިވާ ކަމަށް، ފްރާންސްގެ ސިއްހަތާބެހޭ، އިދާރާ، އެންސެސް އިން ބުނެފި އެވެ.

އެންސެސް އިން ބުނި ގޮތުގައި، ކުޑަކުދިންގެ ނެޕީގައި އިންސާނުންނަށް ނުރައްކާތެރި މާއްދާތައް އެކުލެވޭ ކެމިކަލްތަކެއް ހުރިކަން ޓެސްޓުތަކުން ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ކެންސަރަށް މަގުފަހިވާ ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލެއް ހިމެނޭ ކަމަށް ވެސް އެ އިދާރާއިން އިތުރަށް ބުނެފައިވެ އެވެ.

މިއީ ކުޑަކުދިންގެ ނެޕީ ޓެސްޓު ކުރި ފުރަތަމަ ފަހަރު ކަމަށާއި، ތުއްތު ކުދިން ރައްކާތެރި ކުރުމަށް ވަރަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް އެންސެސް އިން ވަނީ ގޮވާލައިފަ އެވެ.

ނަމަވެސް، ފްރާންސްގެ ހެލްތު މިނިސްޓަރު ވަނީ "މި ވަގުތު ނެޕީ ބޭނުން ކުރުމުގައި ކުޑަކުދިންނަށް ނުރައްކަލެއް ނެތް" ކަމަށް ވިދާޅުވެފަ އެވެ.

"ހަމަ ޔަގީނުން ވެސް ކުޑަކުދިން ނެޕީ ޖެއްސުން ވަގުތުން ވަގުތަށް ހުއްޓާލާކަށް ނުޖެހޭ، އެކަމަކީ ފާއިތުވި 50 އަހަރު ތެރޭގައި ވެސް އަހަރެމެން އެންމެން ކުރަމުން އައި ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް، އެކަމާއި ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ނެޕީ އުފައްދައި ކުންފުނިތަކަށް 15 ދުވަހުގެ މުއްދަތެއް ފްރާންސްގެ ސަރުކާރުން ދީފައިވާ ކަމަށް ހެލްތު، ފިނޭންސް އަދި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

އެ ދިރާސާގައި، ނެޕީގެ އެކި ބްރޭންޑުތައް ޓެސްޓު ކުރެވިފައިވާ ކަމަށް އެންސެސް އިން ބުނެފައިވެ އެވެ. ނަމަވެސް، އެ ރިޕޯޓުގައި ޓެސްޓުކުރި ބްރޭންޑުތަކުގެ ނަންތަކެއް ހިމަނާފައެއް ނުވެ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، "ކުޑަކުދިން ކުޑަކަމުދާ ނިޒާމުން ހަށިގަނޑުގެ ތެރެއަށްވަދެވޭނެ ފަދަ ކެމިކަލްތަކާއި، ގިނަ ދުވަހު ބޭނުން ކުރުމުގެ ސަބަބުން ހަންގަނޑަށް ވެސް އަސަރުކުރާ ފަދަ އެތަކެއް ކެމިކަލެއް އެ ޓެސްޓުން ފެނިފައިވެ އެވެ.