ރިޕޯޓް

ވީ އެއްވެސް ކަމެއް ހަނދާނަކު ނެތް!

Jan 24, 2019
17

ރައްޔިތުން މަޖިލީހުގެ އިންތިހާބު ކައިރީގައި އޮތް އިރު އަނެއްކާވެސް ސިޔާސީ މަސްރަހު މިވަނީ ހަލަބޮލިވެފަ އެވެ. ސިޔާސީ ވަރުގަދަ ލީޑަރުންނާއެކު އުފެދުނު ބޮޑު ބިޔަ ކޯލިޝަންގެ ވެރިކަމަށް ވެސް މިހާރު ވަނީ ފާޑެއްގެ ހިޔަންޏެއް އެޅިފަ އެވެ. ލީޑަރުންގެ ކޯޅުން ބޮޑުވެފައިވާއިރު ކޯލިޝަން ރޫޅުމާ ދިމާއަށް ސިޔާސީ އޮއި އޮތީ ބަދަލުވެފަ އެވެ. އެމްޑީޕީ އާއި ޖޭޕީގެ ކޯޅުން ބޮޑުވެ އާ ކޯލިޝަނެއް އުފަން ވެދާނެ ކަމުގެ އަލާމާތްތައް ފެންނަން ވެސް ފަށައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމްގެ ސިޔާސީ ކޯޅުން ބޮޑުވެ، އެންމެ ފަހުން ގާސިމްވަނީ "ހަނގުރާމަ" އިއުލާން ކުރައްވާފަ އެވެ. މަޖިލިސް އިންތިހާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީތަކާއެކު މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެ "އޯޕެން އިންވިޓޭޝަން" ގާސިމް ދެއްވުމަކީ މަސްރަހު މުޅީން ބަދަލުވުމެވެ. ސިޔާސީ ގޮތުން ފެންނަ އަލާމަތްތަކުން ހީވާން އުޅެނީ ރައީސް އަބްދުﷲ ޔާމީނާއި ގާސިމްގެ "ސިޔާސީ އިސް ނެގުމެއް" ތެދުވެ ހިންދެމިލާން އުޅެނީހެނެވެ.

ކޯޅުން ބޮޑުވެގެން ގޮސް ކަންކަން ހައްލު ނުވުމާއި އެކަންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ހައްލުކޮށް ނުދެއްވެވުމުން ގާސިމް ވިދާޅުވާ ގޮތުން "ވަކި ބޭފުޅަކާ ވާހަކަ ނުދެއްކުމުގެ މާނައެއް މިހާރު ނެތެ" ވެ.

ކޯލިޝަނެއްގައި ހުންނަވައި ގާސިމްގެ ދެއްވާފައިވާ ދައުވަތާއެކު ކޯލިޝަންގެ ލޮޅުން ވަނީ ބޮޑުވެފައެވެ. މިތުރުން ހަތުރުންނަށްވެ އަނެއްކާވެސް ހަތުރުން މިތުރުންނަށްވާން ފަށައިފި އެވެ.

އެންމެ އަނިޔާވެރި ވެރިއަކީ ރައީސް ޔާމީންކަމަށް ވިދާޅުވެ، އެންމެ ބާރަށް ވާހަކަފުޅު ދެއްކެވީ ގާސިމެވެ. އެކަމަކު އެކަން މާޒީގެ ތެރެއަށް އަނެއްކާވެސް ދަނީ އެވެ. އަދި އެންމެ ބޮޑަށް އޭނާއަށް ފާޑު ވިދާޅުވި ބޭފުޅުންނާއެކު އިށީނދެވޭ ގޮތް ވެސް ވެއްޖެ އެވެ.

އިއްޔެ ވަނީ އެފިޔަވަޅުގެ ފުރަތަމަ "ޓްރެއިލާ" ދައްކާލާފަ އެވެ. އިއްޔެ ގާސިމް ވަނީ ރައީސް ޔާމީންގެ މެންބަރުންނާއެކު މަޝްވަރާއަށް އަރުއްވާފަ އެވެ. އަދި އޭގެ ފަހުން ގާސިމާއި ރައީސް ނަޝީދު ރެއާއި މިއަދު ހެނދުނު ދެއްކެވި ވާހަކަތަކުން "ގާތްގަނޑަކަށް ކޯލިޝަން ނިމިއްޖެ" ކަމަށް އާންމުން ޔަގީން ކުރަން ފަށައިފި އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވި ގޮތުގައި ރައީސް ޔާމީނުގެ މެންބަރުން ގާސިމާއެކު ބޭއްވި ބައްދަލުވުމަކީ ދެ ފަރާތް ގުޅިގެން މަސައްކަތް ކުރަން އެޅޭ ފުރަތަމަ ރަސްމީ ފިޔަވަޅެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް ދެ ފަރާތުގެ ލީޑަޝިޕުން މަޝްވަރާކޮށް ވާހަކަތަކެއް ތިލަ ކުރާނެ އެވެ.

ގާސިމަށް މިހާރު އެމްޑީޕީ އާއި ރައީސް ނަޝީދު ކަމަކު ނުދެ އެވެ. މިހާރު ސިފަ ކުރައްވަނީ ސަރުކާރެއް ކާމިޔާބުވުމާ ހަމައިން އަނެއްކާވެސް އެ މަނިކުފާނާއި ޖޭޕީ މަގުމައްޗަށް އެއްލައިލުމުގެ ގޮތުގަ އެވެ. ކުރިން ވެސް އެއީ އެކަން ހިނގާ ގޮތެވެ. އަނެއްކޮޅުން މިއޮއް ހުރިހާ ދުވަހު ގާސިމަށް ނިސްބަތްކޮށް "ދަރަނިބޯ" ކަމަށް ސިފަ ކުރި ފަރާތްތަކުން ބުނަން ފަށައިފައި ވަނީ "ގާސިމަކީ ޖަވާހިރެކޭ" އެވެ. އަދި އެމްޑީޕީން މިހާރު ގާސިމް ސިފަ ކުރަނީ އަނެއްކާވެސް "ބާޣީ" އެއްގެ ގޮތުގަ އެވެ.

ސިޔާސީ މައިދާނުގައި އަނެއްކާ ވެސް މިފެންނަނީ ލޭންޑްސްކޭޕް ބަދަލުވާ ތަނެވެ. ގާސިމަށް ވެސް އެކަން އެނގިވަޑައިގަންނަވަ އެވެ. އަދި މިހެން ވިދާޅުވެ އެވެ: "އަޅުގަނޑުމެންގެ ނެތޭ ޒާތީ ރުޅިވެރިކަމެއް އެކަކާ މެދުގައިވެސް، އިއްޔެ އަޅުގަނޑުމެންނާ ދިމާލަށް އެއްޗެހި ގޮވި މީހުން، އިއްޔެގެ ހަތުރުން މިއަދުގެ މިތުރުން، މިއަދުގެ މިތުރުން މާދަމާގެ ހަތުރުންނަށް ވާނީ، މިއީ ނޫންތޯ ދުނިޔެ ހިނގާ ގޮތަކީ،"

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބިޔަ ކޯލިޝަން ސަލާމަތް ކުރެވެން އޮތީ ރައީސް ސޯލިހަށެވެ. ހިޔާލު ތަފާތު ހަތަރު ލީޑަރުން އެއްގަލަކަށް އަރުވައި ކޮނޑުމައްޗަށް ލައިގެން ވެރިކަމަށް ވަޑައިގެންނެވި ގޮތަށް މި މައްސަލައަކީ ހައްލު ނުކުރެވޭ ވަރުގެ މައްސަލައަކަށް ވެގެނެއް ނުވާނެ އެވެ. ނަމަވެސް އެ މަންޒަރެއް މިހާރު ސާފުކޮށެއް ނުފެނެ އެވެ.