ހަބަރު

ކޯލިޝަނުން މައްސަލައެއް ނުފެނޭ، ރޫޅައެއް ނުލެވޭނެ: ނަޝީދު

ތިން ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގުޅިގެން އުފައްދާފައިވާ ކޯލިޝަންގައި ބޮޑު މައްސަލައެއް ޖެހިގެން އުޅޭތަން ފެނިވަޑައި ނުގަންނަވާ ކަމަށާއި ކޯލިޝަން ރޫޅިދާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުގެ ތެރޭގައި ހަދާފައި އޮތް ކޯލިޝަނަކީ އެމްޑީޕީ އާއި އެހެން ޕާޓީތަކުން ވެސް ހިތުގެ އަޑިން ގަބޫލު ކޮށްގެން ވެފައިވާ އެއްބަސްވުމެއް ކަމަށެވެ. އެއީ ވަޒީރުންގެ މަޖިލީހާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެހެނިހެން ސިޔާސީ މަގާމްތައް ޕާޓީތަކުގެ ހިއްސާ އޮވެގެން ބެހުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގައި ޕާޓީތަކުން ހިއްސާވެގެން އެކަން ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި އެކަމަށް އެމްޑީޕީ އެއްބަސް ނުވާނެ ކަމަށެވެ. އެއަށް އެއްބަސްވުމަކީ ރައްޔިތުންނަށް އޮތް ބޭއިންސާފަކަށް ވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިޔާސީ އެކި ފިކުރުތަކުގެ ތެރެއިން ރައްޔިތުން ބޭނުންވާ ޕާޓީއަކަށް ވޯޓު ދިނުމުގެ ފުރުސަތު ރައްޔިތުންނަށް ދޭން ޖެހޭ ކަމަށާއި ޑިމޮކްރަސީގެ އުސޫލަކީ އެއީ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑު އެއްބަސްވާންވީ ވަކި ދާއިރާއެއްގައި އެމްޑީޕީގެ ކެންޑިޑޭޓެއް ނުހުންނަން، ނުހުރެފައި އޭގެ މާނައަކަށް ވާންވީ އަޅުގަނޑުމެން މި ބުންނަންވީ ޖޭޕީގެ ކެންޑިޑޭޓަށް އަޅުގަނޑުމެންގެ ހުރިހާ މެންބަރުން ވޯޓު ދެއްވާށޭ، އެއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ މެންބަރުންނަށް އަދި ރާއްޖޭގެ ރައްޔިތުންނަށް އިންސާފެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޯލިޝަންގެ ތެރޭގައި މިހާރު ދިމާވެގެން އުޅޭ ކަންކަމުގެ ތެރެއިން ވެސް ކޯލިޝަން ރޫޅިގެން ނުދާނެ ކަން ޔަގީން ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. މިހާރު ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އަދި އަދާލަތުން ވެސް ގުޅިގެން ރަނގަޅަށް ސަރުކާރު ހިންގާ ކަމަށާއި ސަރުކާރުގެ ތެރެއިން އިއްތިހާދުގެ ތެރޭގައި އޮތް މައްސަލައެއް ނުފެންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ކޯލިޝަން ރޫޅި ސަރުކާރު ވެއްޓޭނެ ކަމަކަށް ގަބޫލެއް ނުކުރަން، އެކަމަކާ ވިސްނާކަށް ނުޖެހޭނެ، އަޅުގަނޑުމެންގެ އެކި ތަޖުރިބާ އެބަހުރި، ވިއްސާރަ ކުރަން ފެށީމަ އެނގޭނެ،" ނަޝީދު ވިދާޅުވި އެވެ.

ކޯލިޝަންގެ ތެރޭގައި މިހާރު މައްސަލަ ޖެހިގެން އުޅެނީ އެންމެ ބޮޑު ދެ ޕާޓީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ދެމެދުގަ އެވެ. އެއީ މަޖިލީހަށް ވާދަ ކުރައްވާނެ ގޮތް ކަމަށް ބުނެ ރިޔާސީ އިންތިހާބުގެ ތެރޭގައި ޕާޓީތަކުން އޭރު ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު އެއްބަސްވެފައިވާ ގޮތާ ހިލާފަށް އެމްޑީޕީ އިން އަމަލު ކުރުމުންނެވެ.

ރައްޔިތުން މަޖިލީހަށް ވާދަ ކުރުމަށް ކުރިން އެއްބަސްވެފައި ވަނީ ޕާޓީތަކުން ގުޅިގެންނެވެ. އެގޮތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީ 35 ދާއިރާއަށް އަދި ޖުމްހޫރީ ޕާޓީ ވާދަ ކުރާނީ 22 ދާއިރާއަށް ވާދަ ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން އަދާލަތު ޕާޓީއަށް 13 ދާއިރާއަށް ވާދަ ކުރަން އެއްބަސްވެފައިވާ އިރު ރައީސް މައުމޫންއަށް ލިބިވަޑައިގަތީ 17 ދާއިރާ އެވެ. ނަމަވެސް އެމްޑީޕީ އިން ނިންމީ އެއާ ހިލާފަށް ހުރިހާ ދާއިރާއަކަށް ވާދަ ކުރުމަށެވެ.