ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގައި ތާޒާ ނޫން ކާނާ ފޯރުކޮށްދޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގައި ހިމެނޭ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގައި ބައެއް ސުކޫލުތަކުން ތާޒާ ނޫން ކާނާ ފޯރުކޮށްދޭ ކަމަށްބުނެ ސޯޝަލް މީޑިއާގައި ވަނީ އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފަ އެވެ.
އެކަމާ ގުޅިގެން މިނިސްޓްރީން ބުނީ، ނާސްތާ ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ކަމަށެވެ. އެ އުސޫލުތަކުގެ ތެރޭގައި ދަރިވަރުންނަށް ފޯރުކޮށްދޭ ކާނާތައް ހުންނަންޖެހޭ ގޮތާއި އެތަކެތީގެ ތާޒާކަން ބެލުން ހިމެނޭ ކަމަށެވެ. އަދި ކާބޯތަކެތި ތައްޔާރުކުރާނެ ގޮތުގެ ބަޔާން ސުކޫލަށް ހުށަހެޅުމާއި ދަރިވަރުންނަށް ނާސްތާ ދިނުމުގެ ކުރިން ސުކޫލުން އެކާނާގެ ތާޒާކަން ބެލުންވެސް އެއުސޫލުތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، ނާސްތާ ޕްރޮގްރާމަކީ ދަރިވަރުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށާއި ރަނގަޅު ކާނާ ކެއުމަށާއި ކެއުމުގެ އާންމު އުސޫލުތައް އަށަގެންނެވުމެވެ. އަދި މި ޕްރޮގްރާމްގެ ފެންވަރު ހިފެހެއްޓުމުގައި ސުކޫލުތަކާއި މިނިސްޓްރީންވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް އެމިނިސްޓްރީން ބުންޏެވެ.
"ދަރިވަރުންގެ މަންފާއަށް ހިންގާ މިފަދަ ޕްރޮގްރާމަކާއި ގުޅުވައިގެން މީސްމީޑިއާގައާއި ހަބަރު ފަތުރާ ބައެއް ވަސީލަތްތައް މެދުވެރިކޮށް ތަފާތު ފަރާތްތަކުން ސައްހަ ނޫން މައުލޫމާތު ފަތުރަމުންދާތީ މި މިނިސްޓްރީން އިންތިހާއަށް ކަންބޮޑުވޭ، މިގޮތަށް ތަފާތު ސުކޫލުތަކުގެ ނަންތައް ބޭނުންކޮށްގެން ފަތުރާފައިވާ ހަބަރުތައް މި މިނިސްޓްރީގެ ފަރާތުން ބެލި ބެލުމުން އެފަދަ އެއްވެސް ހާދިސާއެއް އެސުކޫލުތަކުގައި ހިނގާފައެއްނުވޭ،" މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މިނިސްޓްރީން ބުނީ، ނާސްތާ ޕްރޮގްރާއި ގުޅޭގޮތުން ސާފުކުރަން ބޭނުންވާ މައުލޫމާތެއް އެއްވެސް ހުރަހެއްނެތި ފޯރުކޮށްދޭނެ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނާއި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް މައުލޫމާތު ނުފެތުރުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.