ކޮމަންވެލްތްގައި ރާއްޖެ އަލުން ބައިވެރިވާން ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަންނަ މަހު ނިމޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކޮމަންވެލްތްގައި އަލުން ބައިވެރިވުމުގެ މަސައްކަތްތައް ކުރިއަށް ހިނގާ ކަމަށާއި އަންނަ މަހުގެ ތެރޭ އެހުރިހާ ކަމެއް ނިމޭނެ ކަމަށެވެ.
ރާއްޖެއިން ކޮމަންވެލްތްގައި އަލުން ބައިވެރިވާން ހުށަހެޅީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. ކޮމަންވެލްތްގައި އަލުން ބައިވެރިވާން ހުށަހެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކޮމަންވެލްތާ އަލުން ގުޅުމަށް ކެބިނެޓް ފާސްކޮށް، މިދިޔަ މަހު އެކަމަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތުން ރުހުން ލިބުމާ ގުޅިގެން ރައީސް ސޯލިހު، ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް، ޕެޓްރީޝިއާ ސްކޮޓްލެންޑް އަށް ވަނީ ސިޓީއެއް ފޮނުއްވައި ރާއްޖެ އަލުން ކޮމަންވެލްތްގައި ބައިވެރިވާން ބޭނުންވާ ކަމަށް ދަންނަވާފަ އެވެ. އެ ސިޓީގައި ރައީސް ސޯލިހު ވަނީ ރާއްޖެއިން ކޮމަންވެލްތްގެ ޗާޓަރު ގަބޫލުކޮށް އެ ޖަމާއަތުން ނަގަހައްޓާ އުސޫލުތަކަށް އިހުތިރާމް ކުރާނެ ކަމުގެ ޔަގީން ކަން ވެސް ދެއްވައިފަ އެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމައި، މަޖިލީހުން އޭރު ފާސްކުރީ، އޮކްޓޯބަރު، 13، 2013 ގަ އެވެ. ރާއްޖެ އޭރު ކޮމަންވެލްތުން ވަކިވާން ނިންމީ، ސަރުކާރުގެ އޭރުގެ އަމަލުތަކާ ގުޅިގެން އެ ޖަމާއަތުން ރާއްޖެ ސަސްޕެންޑް ކުރަން މަސައްކަތް ކުރުމުންނެވެ.
ރާއްޖެ އެންމެ ފުރަތަމަ ކޮމަންވެލްތްގެ މެންބަރަކަށްވީ، 9 ޖުލައި 1982 ގައި އެވެ.