ހަބަރު

ރައީސުން މަޖިލީހަށް ވާދަނުކުރެވޭ ބިލަށް ވޯޓު ނުދޭތި: އުމަރު

ރައިސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިނުލެވޭ އިސްލާހަށް މެންބަރުން ވޯޓް ނުދިނުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައިފި އެވެ.

އުމަރު ފޭސްބުކް ޕޭޖުގައި މިއަދު ވިދާޅުވެފައިވަނީ، ވަކި ބޭފުޅުން ތަކަކަށް ޓާގެޓްކޮށް 65 އަހަރުވެފައިވާ ބޭފުޅުންނަށް ކުރިމަތިނުލެވޭ ގޮތަށް ޕީޕީއެމުން މަޖިލީހަށް ހުށަހެޅި އިސްލާހަށް އެމްޑީޕީ މެންބަރުން ވޯޓް ދެއްވި ކަމަށެވެ. މިއަދު އަނެއްކާވެސް ވަކި ބޭފުޅުން ތަކަކަށް ޓާގެޓް ކޮށްގެން ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ޕީޕީއެމާއި އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީ އިން ވޯޓް ނުދެއްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އުސޫލާއި ހަމަ އަބަދުވެސް ހިފަހައްޓަންވާނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

އިސްލާހު ހުށަހަޅުއްވާފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދެވެ. ލަތީފަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ މިއަދު ހުށަހަޅުއްވާފައިވަނީ ގާނޫނު އަސާސީ އިސްލާހުކުރުމަށެވެ.

އޭނާ ވަނީ ހަމަ އެ އިސްލާހު މީގެކުރިން އިންތިހާބުތަކާބެހޭ ގާނޫނަށް ވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ގާނޫނީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަ ނުކުރެވޭ ގޮތް ހެދުމަށް ތާއިދު ނުކުރައްވާ ކަމަށާއި އެގޮތަށް މަޖިލީހުން އެ އިސްލާހު ފާސް ކުރި ނަމަވެސް ތަސްދީގު ނުކުރައްވާނެ ކަމަށެވެ.

މި އިސްލާހަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރާ އިސްލާހެއް ކަމަށް އެމްޑީޕީއިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެމަނިކުފާނު އަންނަ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާއަށް ވާދަ ކުރެއްވުމަށް ނިންމަވާފަ އެވެ.