ހަބަރު

ކޯލިޝަނަށް އޮތް ހައްލެއް ރައީސަށް ވިދާޅެއް ނުވެވުނު

ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކުގެ މެދުގައި އުފެދިފައިވާ މައްސަލަތައް ހައްލު ކުރެވޭނެ ގޮތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވިދާޅެއް ނުވެވުނެވެ.

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގައި ވާދަ ކުރާނެ ގޮތަކާމެދު ޕާޓީތަކަށް އެއްބަސް ނުވެވުމުގެ ސަބަބުން ގުޅިފައިވާ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ ދެމެދު ވަނީ މައްސަލަތަކެއް ޖެހިފަ އެވެ. އަދި އެކަން ހައްލު ކުރުމުގެ ބަދަލުގައި ދެ ފަރާތުން އަންނަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވީ ޕާޓީތަކުން ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް އައިއިރު ކޯލިޝަން އުފެއްދުމަށްޓަކައި ވެފައިވާ އެއްބަސްވުމެއް އޮތް ކަމަށެވެ.

އަދި ރައްޔިތުން މަޖިލީހުގައި ވާދަ ކުރާނެ ގޮތަކާމެދު ވެސް އެމަނިކުފާނާ އެމްޑީޕީ، ޖޭޕީ އަދި އަދާލަތު ޕާޓީ ދެމެދު ވެސް ވަކިވަކިން ސޮއިކޮށްފައިވާ އެއްބަސްވުމެއް ވެސް އޮންނާނެ ކަމަށެވެ. ރައީސް މައުމޫން ސޮއި ކުރައްވާފައި ނުވާތީ ރައީސް ވިދާޅުވީ މަޖިލީހަށް ކުރިމަތިލާނެ ގޮތާ މެދު ހުރިހާ ޕާޓީއެއް ސޮއި ކުރައްވާ އެއްބަސްވުމެއް ނޯންނާނެ ކަމަށާއި އެ އެއްބަސްވުމަށް ނުދެވި އޮތީ ހިޔާލު ތަފާތުވުންތަކާ ހެދި ކަމަށެވެ.

އެކަމާ ހިޔާލު ތަފާތުވެފައިވާ އިރު އެކަން ހައްލު ކުރައްވާނެ ގޮތެއް ވިދާޅު ނުވެ ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ބޭނުން ވެވަޑައިގަންނަވަނީ ސަރުކާރަށް މެޖޯރިޓީ ލިބޭ ރައްޔިތުންގެ މަޖިލީހެއް އޮންނަން ކަމަށެވެ. އެ މައްސަލަ ހައްލު ކުރެވޭނީ ކިހިނެތްތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ރައީސް އެ ސުވާލުތަކަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. ރައީސް ވިދާޅުވަނީ މައްސަލައެއް އުޅޭ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ކޮންމެ ދުވަހަކު ދެ ފަހަރު ތިން ފަހަރު ކޮންމެ ލީޑަރަކާ އެބަ ވާހަކަދައްކަވަން އެކި އިޝޫތަކުގައި، މައްސަލައެއް ނުފެނޭ އަޅުގަނޑަކަށް، ސަރުކާރު ހިންގުމުގައި އެއްވެސް ބޭފުޅަކު އަޅުގަނޑަކަށް ހުރަހެއް ނާޅުއްވާ. ރަނގަޅު ހިޔާލާ މަޝްވަރާ ދެއްވާ. އެއާއެކުގައި އަޅުގަނޑު ކުރިޔަށް މިދަނީ،" ރައީސް ވިދާޅުވި އެވެ. "އެމްޑީޕީ އިން ހުރިހާ ގޮނޑިއަކަށް ކުރިމަތިލާން ނިންމައިފި، ހަމައެއާއެކުގައި އެހެން ޕާޓީތަކުން ވެސް އެ މަސައްކަތް ފަށައިގެން ކުރިޔަށް ދާތަން، އަޅުގަނޑު ހަމަގައިމުވެސް ބޭނުން ވަނީ ސަރުކާރަށް ތާއީދު ކުރާ މަޖިލީހެއް، ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި މަޖިލީހުގެ ތެރެއިން އެއަށް ތާއީދު ލިބޭ މެޖޯރިޓީއެއް އޮތުން، އެއީ އެކަމުގައި އަޅުގަނޑު ދެކޭ ގޮތަކީ،"

ރައީސް ވިދާޅުވީ ކޯލިޝަން ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި ހަތަރު ލީޑަރުން ވެސް ކޯލިޝަން ދެމެހެއްޓުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިހާތަނަށް އައިއިރު ކޯލިޝަންގައި ހަމަނުޖެހުމެއް އުފެދޭވަރުގެ ކަމެއް އެއްވެސް ޕާޓީއަކުން ކުރައްވާފައި އޮތް ތަނެއް ނުފެންނަ ކަމަށާއި މި ސަރުކާރު ވައްޓާލުމަށް ކޯލިޝަންގެ ތެރެއިން އެއްވެސް ބޭފުޅަކު މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންނަށް ވާހަކަދެކެވިފައި އޮތް ގޮތަށް ކުރިޔަށް އަދި ދިޔުމަށް އެއްބަސްވެފައިވާ ނުވާތި ކޮންމެ ބަޔަކު ވެސް އެ ބަޔަކު ބޭނުންވާ އަދަދަކަށް ގޮނޑި ނެގުމަށް މަސައްކަތް ކުރަމުން އެބަ ގެންދަވާ، އެމްޑީޕީ އިން ވެސް ޖުމްހޫރީ ޕާޓީ ވެސް އެ ކުރައްވަނީ އެ މަސައްކަތް އަދި އެމްއާރްއެމް ވެސް އަދާލަތު ޕާޓީ އިން ވެސް އެ މަސައްކަތް ކުރައްވާނެ، އެއީ ކޯލިޝަން ރޫޅެން އޮތް މައްސަލައެއް ނޫން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޯލިޝަން ދެމި އޮންނާނެ ގޮތާއި ކޯލިޝަން ސަރުކާރު ބައްޓަން ކުރާނެ ގޮތް ގާނޫނެއްގެ ސިފައިގައި އެކުލަވާލައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަށް ގާނޫނު އަސާސީއަށް ބަދަލުތައް ގެންނައުުމަށް ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނާފައިވަ ކަމަށާއި ގާނޫނު އަސާސީ ބަދަލު ކުރެވުމުގެ ކުރިން ގާނޫނެއްގެ ސިފައިގައި އެކަން ކުރުމަށް ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ހުރިހާ ލީޑަރުންގެ ބައްދަލުވުމެއް ބޭއްވުމަށް މިއަދު މަޝްވަރާކޮށްފައިވާ ކަމަށެވެ. ކުރިޔަށް އޮތް ބަންދުގެ ތެރޭގައި ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އަންނަ ހަފްތާގެ މެދުތެރެގައި ލީޑަރުންނާއެކު ބައްދަލު ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.