ހަތަރު ޕާޓީ ގުޅިގެން ހާދާފައިވާ ކޯލިޝަން ދަމަހައްޓަން ބުރަ މަސައްކަތެއް ކުރައްވާނެ ކަމަށް ކުރީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަށް ނަގަހައްޓައި ރަނގަޅު ވެރިކަމެއް ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ނިސްބަތްވާ މައުމޫން ރިފޯމް މޫމެންޓް (އެމްއާރްއެމް) އިން ހަތަރު ޕާޓީ ގުޅިގެން ހަދާފައިވާ ކޯލިޝަން ދެމެހެއްޓުމަށް މަސައްކަތް ގަދަ އަޅާ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކޯލިޝަން ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލިސް ރައީސް ގާސިމް އިބްރާހީމް ކޯލިޝަން ދޫކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެއްކޮށް ކޯލިޝަން ހަދަން އުޅޭ ވާހަކަ ވަނީ ފެތުރިފަ އެވެ.
އެ ވާހަކަ ފެތުރިގެން ދިޔައީ ގާސިމާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ހިޔާލު ތަފާތުވެ ޕަބްލިކް ފޯރަމްތަކުގައި ދެ ބޭފުޅުން ބަހުގެ ހަމަލާތައް ބަދަލުކުރަން ފެށުމާ ހަމައިންނެވެ. ނަމަވެސް ރައީސް ސޯލިހު ވެސް ރައީސް ނަޝީދު ވެސް މިއަދު ވަނީ ކޯލިޝަން ރޫޅިގެން ނުދާނެ ކަމަށް ވިދާޅުވެފަ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ، ކޯލިޝަން ރޫޅިގެން ހިގައިދާނެ ފަދަ އެއްވެސް ކަމެއް ނެތް ކަމަށާއި، އަދި ގާސިމް ޔާމީން އާއެއްކޮށް ކޯލިޝަން ހަދައިފާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައިވަނީ އެމްޑީޕީއިން އަންނަ ރައްޔިތުންގެ މަޖިލީހުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމާފައިވާތީ އެވެ. އޭގެ ސަބަބުން ޖުމްހޫރީ ޕާޓީ ބާކީވެއްޖެ ކަމަށާއި އެއީ ކޯލިޝަން އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ. އެމްއާރްއެމް އާއި އަދާލަތު ޕާޓީއިން ވެސް އެމްޑީޕީއިން ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ދެކޮޅެވެ. ނަމަވެސް އަދާލަތާއި އެމްއާރްއެމް އޮތީ އެކަމުގައި ހިމޭނުންނެވެ.