ހަބަރު

ސިޔާސީ ވުޖޫދުގައި މިހާރު ޔާމީނެއް ނެތް: އިމްރާން

ސިޔާސީ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިހާރު ވުޖޫދުގައި ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

"އަވަސް ހުކުރު" ގައި ނޫސްވެރިޔާ އަހުމަދު މުހައްމަދު (އޭޑީ) އިމްރާނަށް އަމާޒުކޮށް ރައީސް ޔާމީންއާއެކު ސިޔާސީ މަސައްކަތެއް ކުރިއަށް އޮތް ތަނުގައި ކުރައްވާނަންތޯ ސުވާލެއް ކުރުމުން އިމްރާން ވިދާޅުވީ އެއްވެސް މީހަކާއެކު މަސައްކަތެއް ނުކުރައްވާނެ ކަމަށް ވިދާޅު ނުވާނެ ކަމަށާއި ނަމަވެސް "ރައީސް ޔާމީންއާއެކު ކުރަންޖެހޭ ސިޔާސީ މަސައްކަތެއް މިއަދު ނެތް" ކަމަށެވެ.

"މިއަދު ރާއްޖޭގައި ފާހަގަކުފެވޭ ފަދަ ސިޔާސީ މަސައްކަތެއް ކުރެވޭ ހިސާބުގައި ރައީސް އަބްދުﷲ ޔާމީން ހުންނެވި ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން، އެހެންވީމަ އަޅުގަނޑު މިއަދު ރައީސް ޔާމީނާއެކު ކުރަންޖެހޭ ސިޔާސީ މަސައްކަތެއް ވުޖޫދުގަ އޮތް ކަމަށް ވެސް ގަބޫލެއް ނުކުރަން، ދެން ކިހިނެއްތޯ މަސައްކަތް ކުރާނީ،" އިމްރާން ވިދާޅުވި އެވެ.

"އެކަމަކު ދުނިޔޭގައި ހާލަތެއް މެދުވެރިވެގެން ދިޔުމަކީ ނެތް ކަމެއް ނޫނެކޭ އަޅުގަނޑު ނުދަންނަވާނަން، އެހެންނަމަވެސް ހާއްސަކޮށް މިއަދު ރައީސް ޔާމީންގެ ސިޔާސީ މާބޮޑު ވުޖޫދެއް ރާއްޖޭގައި އޮތް ކަމަކަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން،"

އިމްރާން ވިދާޅުވީ އޭނާއަކީ ޒާތީ ގޮތުންނާއި ސިޔާސީ ގޮތުން އެއްވެސް މީހަކާ ޖައްސާލައިގެން ކަންތައްތަކެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އިމްރާން އެހެން ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރާނީ ސިޔާސީ ގޮތުން އޮތް ހަސަދައެއްގެ ސަބަބުންތޯ އޭނާއާ ސުވާލުކުރުމުންނެވެ.

ރައީސް ޔާމީނާއި އިމްރާން ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެކުގައި މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގެ ކުރީކޮޅު އިމްރާން ލީޑް ކުރައްވައި، އަދާލަތު ޕާޓީއާ މައްސަލަ ޖެހުނެވެ. އަދާލަތު ޕާޓީ އޭރު އޮތް ސަރުކާރުން ވަކިވެ، ސަރުކާރާ ދެކޮޅަށް އެމްޑީޕީއާއެކު ކޯލިޝަން ހެދި އެވެ.

އޭގެ ފަހުން އިމްރާން ހައްޔަރުކޮށް 12 އަހަރުގެ ޖަލު ހުކުމެއް އޭނާ ދެއްކެވި ވާހަކަތަކެއްގެ ސަބަބުން އިއްވި އެވެ. އިމްރާން ސަލާމަތްވެފައިވަނީ ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން ސުޕްރީމް ކޯޓުން އިއްވި ހުކުމުންނެވެ. އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާއަށް ހޯމް މިނިސްޓަރުގެ މަގާމު ދެއްވާފަ އެވެ. އަދި އެއީ މިހާރު އޮތް ސަރުކާރު ކޯލިޝަންގެ އެއް ލީޑަރެވެ.