ޣައްސާން މައުމޫން

ޣައްސާންގެ އުއްމީދަކީ މައުމޫނާއި ޔާމީން އެކުވުން!

ސިޔާސީ ގޮތުންނާއި އާއިލީ ގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި އެންމެ ތަފާތު ހާލަތެއްގައި ހުންނެވި ބޭފުޅަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ވާނެ އެވެ. ބައްޕާފުޅުގެ ބަދަލުގައި ސިޔާސީ ގޮތުން ޣައްސާން ނެންގެވީ ބޮޑުބޭބޭފުޅު، ރައީސް އަބްދުﷲ ޔާމީންގެ ފަޅި އެވެ. އެކަމަކު އާއިލީ ގޮތުން ޣައްސާން ހުންނެވީ ދެ ފަޅީގަ އެވެ.

ޣައްސާ ވަނީ "އަވަސް ހުކުރު" ޝޯގައި ބައިވެރިވެ ވަޑައިގެން ރައީސް މައުމޫނާއި ރައީސް ޔާމީނާއި ދެމެދު ހިޔާލު ތަފާތުވެގެން ދިޔައިރު ކުރެއްވި މަސައްކަތްތައް ވިދާޅުވެ ދެއްވާފަ އެވެ. ޣައްސާން ވިދާޅުވި ގޮތުގައި އޭނާ ހުންނެވީ ދެ ފަރާތާ ވެސް ވާހަކަ ދެއްކެވޭ ހިސާބުގަ އެވެ. އެގޮތުން ދެ ބޭފުޅުންނާ ވާހަކަ ދައްކަވައިގެން ހިޔާލު ތަފާތުވުންތައް ކުޑަ ކުރަން މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެކަން ކާމިޔާބު ނުކުރެއްވުނު ކަމަށެވެ.

"އެއްވެސް ދެބަސްވުމެއް ހައްލެއް ނުކުރެވޭނެ އިތުރު ދެބަސްވުމެއް އުފެދޭ ކަހަލަ ކަމެއް ކޮށްގެނެއް، ހަނގުރާމައެއް ވެސް ހުއްޓޭނީ ވާހަކަ ދައްކައިގެން، ދެބަސްވުމެއް ވެސް ހައްލު ކުރެވޭނީ ވާހަކަ ދައްކައިގެން، އެގޮތުން އަޅުގަނޑު ހުރީ ދެ ފަރާތާ ވެސް ވާހަކަ ދެއްކޭ ހިސާބުގައި. ހައްލު ކުރެވޭތޯ، އާއިލީ ގުޅުންތައް ބަދަހި ކުރެވޭތޯ، އެކަމަކު މިފަހަރު އެކަން އަޅުގަނޑަށް ކާމިޔާބު ނުވީ، އެކަމަކު އަދިވެސް އަޅުގަނޑު މަސައްކަތް ކުރާނަން އެކަން ކާމިޔާބުވޭތޯ، އަޅުގަނޑުގެ އަޒުމަކީ ވެސް އުއްމީދަކީ ވެސް އެއީ،" ޣައްސާން ވިދާޅުވި އެވެ.

ރައީސް މައުމޫނާއި ބޭބެފުޅު އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށް ޖަލުގައި އެތައް ދުވަހަކު ބަންދުކޮށްގެން ގެންގުޅުމުން ވެސް ޣައްސާން ފާޅުގައި ނުކުމެވަޑައި ނުގެންނެވުމުން ފާޑުކިޔުން އަމާޒުވި އެވެ. ޣައްސާން ވިދާޅުވީ ބޭރަށް ނުފެނުނަސް އޭނާ މަސައްކަތްތަކެއް ކުރައްވާފައި ވާނެ ކަމަށެވެ.

"ނުފެންނަ ހުރިހާ ކަމަކީ ނުވާ ކަމެއް ކަމަށް ވެސް ގަބޫލު ކޮށްގެން ނުވާނެ، އަޅުގަނޑެއް އެހާ ބޮޑަކަށް ގަބޫލެއް ނުކުރަން ކަންތައްތައް ހައްލު ވާނީ އެ ރޫޓްގައި ކަމަކަށް [މަގު މައްޗަށް ނުކުމެގެން]، ތިބުނާ ކަންކަން ދިމާވީމަ ވެސް އަޅުގަނޑު ހުންނާނެ މަސައްކަތްކޮށްފައި. ބައްޕަ ވެސް ޖަލުގަ ހުންނަވަނިކޮށް އަރިހަށް ގޮސް މިކަން ހައްލު ކުރެވޭތޯ ގިނަގުނަ މަސައްކަތްތައް ކޮށްފައި ހުންނާނެ،" ޣައްސާން ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ރައީސް މައުމޫން ސިޔާސީ މަސައްކަތް ކުރެއްވުމަކީ މުސްތަގުބަލުގައި ރައީސް ޔާމީންއާއެކު ވެސް ރައީސް މައުމޫން މަސައްކަތް ކުރައްވައިފާނެ ކަމުގެ ހެއްކެއް ކަމަށް ޣައްސާން ވިދާޅުވި އެވެ. ޣައްސާން ވިދާޅުވީ ގޮތުގައި "ލޭ ފެނަށްވުރެ އޮލަވާނެ" އެވެ.

ޣައްސާން ވިދާޅުވި ގޮތުގައި އެ އާއިލާއަކީ އަބަދުވެސް ސިޔާސީ ހިޔާލު ތަފާތުވުން އޮންނަ އާއިލާއެއް ކަމަށާއި ނަމަވެސް އެއީ އާއިލީ ގުޅުން ހީނަރުވާ ކަމެއް ނޫނެވެ. ބައްޕާފުޅާއެކު ވެސް ގާތް ގުޅުމެއް އެބަ އޮތް ކަމަށާއި އާއިލާ އޮތީ ވަރަށް ބަދަހިކަމާއެކު ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ.

ރައީސް މައުމޫން ވަނީ ޣައްސާން ވާދަ ކުރައްވައި ތ. ގުރައިދޫ ދާއިރާއަށް ކެންޑިޑޭޓެއް ނެރުމަށް ނިންމަވާފަ އެވެ. ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރައްވައި ޣައްސާންއާ ދެކޮޅަށް އޭނާ ނުކުންނެވީ ރައީސް މައުމޫންގެ ތާއީދާއެކު އެވެ. ޣައްސާން ވިދާޅުވީ އެއީ އޭނާ ހިތްނުތަނަވަސްވާ ކަމެއް ނޫން ކަމަށެވެ.

"ހިތްުގެ ނުތަނަވަސް ކަމެއް ނެތް، ތަރުބިއްޔަތުކޮށްފައި ހުރީ ކޮންމެ ކުއްޖަކު ވެސް އެ ކުއްޖަކަށް ފެންނަ އެންމެ ރަނގަޅު ރޮނގަކުން ކުރިއަށް ދިޔުމަށް ފެންނަ މަގަކުން ކުރިއަށް ދާން، އިހްލާސްތެރިކަމާއެކު މަސައްކަތް ކުރަން. އަޅުގަނޑުމެންގެ ގޭގައި މިގޮތަށް މަސައްކަތް ކުރާތާ މިއީ އަދި ފުރަތަމަ ފަހަރެއް ވެސް ނޫން، ދުރު މަޒީއަށް ވިސްނައިފިނަމަ ސިޔާސީ ހިޔާލު ތަފާތުވުން އަބަދުވެސް އަޅުގަނޑުމެންގެ ގޭގައި އޮވޭ، އެހެން ނަމަވެސް އާއިލީ ގުޅުންތައް ވަރަށް ބަދަހި ކަމާއެކު ބާއްވައިގެން އަޅުގަނޑުމެން ކުރިއަށް ދާނީ،" ޣައްސާން ވިދާޅުވި އެވެ.

ރައީސް ޔާމީން ކޮރަޕްޝަނެއް ނުހިންގަވާނެ

ޣައްސާން ގަބޫލު ކުރައްވާ ގޮތުގައި ރައީސް ޔާމީނަކީ ކޮރަޕްޝަން ފަދަ ކަންކަމާ ގާތްވާނެ ބޭފުޅެއް ނޫނެވެ. އޭނާއަކީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި ހުންނެވި ބޭފުޅަކަށްވާއިރު ޣައްސާން ވިދާޅުވީ އުސޫލުން ބޭރުން އެއްވެސް މަޝްރޫއެއް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައި ނުވާނެ ކަމަށެވެ.

އޭނާ ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. ރައީސް ޔާމީނަކީ ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވާފައިވާ ބޭފުޅެއް ކަމަށާއި އެކަން ރައްޔިތުން ވެސް ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ.

"ހުސް ހައްޓާ ނުކުމެވަޑައިގެން ހުންނެވިއިރު ލިބިވަޑައިގެންނެވީ ކުޑަ ތާއީދެއް ނޫން، މުޅި ރާއްޖޭގެ ނިސްބަތުން ވަރަށް ބޮޑު ތާއީދެއް ރައީސް ޔާމީނަށް އޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަން، އެހެން އެވަނީ ރައީސް ޔާމީނަކީ ވަރަށް މަސައްކަތްތެރި، ހިދުމަތްތެރި، ވިދާޅުވާ ކަންތައްތައް ނުވަތަ ވެވަޑައިގަންނަވާ ވައުދުތައް ވީ އެންމެ ފުރިހަމައަކަށް ފުރިހަމަކޮށް ދެއްވާ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެއްވާފަ ހުންނެވި ވެރިއަކަށް ވާތީ،" ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވަނީ އޭނާއާ ދެކޮޅަށް ތުހުމަތުވާ ކޮރަޕްޝަންގެ ތުހުމަތުތައް ވެސް ދޮގު ކުރައްވާފަ އެވެ. އޭނާއާ ދެކޮޅަށް ކުރާ އެ ތުހުމަތުތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"އެއްވެސް ކަހަލަ ހަގީގަތެއް އޮތް ވާހަކައެއް، ކަނޑައެޅިގެން ދޮގެއް، އެމްއެމްޕީއާރްސީގެ ފައިސާ އެއްވެސް ގުޅުމެއް ނޯންނާނެ، އެކަމަށް މާބޮޑު އަހަމިއްޔަތެއް ނުދެން، އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައަކަށް ނުވާތީ،" ޣައްސާން ވިދާޅުވި އެވެ.

ޣައްސާންއަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވެނީ އޭނާގެ ގާތް ގުޅުމެއް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އޮންނާތީ އެވެ. ޣައްސާން ވިދާޅުވީ އަދީބަކީ ވަރަށް ގާތް ގުޅުމެއް އޮންނަ އެކުވެރިއެއް ކަމަށެވެ. އޭނާއަކީ ސަކަ މިޒާޖެއްގެ ބޭފުޅެއް ކަމުން ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. ސަރުކާރުގަ އާއި ޕީޕީއެމްއިން ތެރެއިން ވެސް އެކުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ޣައްސާން ވިދާޅުވި އެވެ.

މަޖިލީހަށް ޣައްސާންގެ އުއްމީދު ފޮނި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް ޣައްސާން ވާދަ ކުރައްވަނީ ފޮނި އުއްމީދުތަކަކާއެކު އެވެ. އޭނާ އެ ދާއިރާއަށް ވާދަ ކުރައްވަނީ ކުރިން ތިމަރަފުށީ ދާއިރާއަށް ވާދަ ކުރެއްވިއިރު އެ ދާއިރާގެ މީހުންނާ ބަދަހިވި ގާތް ގުޅުމުގެ ސަބަބުންނެވެ. ޣައްސާން ވިދާޅުވި ގޮތުގައި އެ ދާއިރާއަކީ އޭނާ ވަރަށް ލޯބިވާ އަދި ދާއިރާގެ ރައްޔިތުން އޭނާއާމެދު ވެސް ގާތް ގުޅުމެއް ބާއްވާ ކަމަށެވެ.

"މަޖިލީހަށް ކުރިމަތިލާން ނިންމި ސަބަބަކީ އަޅުގަނޑުގެ އަޒުމަކީ ރައްޔިތުންނަށް ހިދުމަތް ކުރަން، ވޭތުވެދިޔަ ހަތް އަހަރު ސަރުކާރުގެ ވަަޒީފާތަކުގަ އުޅެފަ، ދެން އަޅުގަނޑު ބޭނުން ވަނީ ރައްޔިތުންނާ ވަރަށް ގާތުން ހިދުމަތް ކުރަން، މަޖިލީހަކީ ހަގީގަތުގައި ރައްޔިތުންނަށް ހިދުމަތް ކުރާ އެންމެ ބޮޑު، ރައްޔިތުންގެ މަންދޫބުން އެ ބޭފުޅުންގެ ފަރާތުން ވަކާލާތު ކުރާ ގެ،" ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ އޭނާ މަޖިލީހަށް ވަޑައިގަންނަވަނީ ޒަމާނާ އެއްގޮތަށް ރައްޔިތުންނަށް ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

"މެންބަރުން މަސައްކަތް ކުރަންވީއޭ ތަންކޮޅެއް ޒަމާނާ އެއްގޮތަށް، ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންގެ މުދާ ކަމަށް މި ދެކޭ ތަކެތި، ގުރައިދޫގެ ހުސް ބިން، ސީދާ ކައުންސިލްތަކަށް އެހެނީ ރައްޔިތުންނަށް މަންފާ ލިބޭ ކަހަލަ މަޝްރޫއުތައް، އެއީ ފަގީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަ ކުރެވޭނެ، އިޖުތިމާއީ ކަންކަމަށް އެ ހަރަދުތައް ކުރެވުމުން، މުޅި ޖުމްލަ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވާނެ، ރައްޔިތުންނަޓަކައި މަސައްކަތް ކުރާނެ މީހަކު ހުރެޖެއްޔާ މި ރަށްރަށަށް ކަމެއް ނުކުރެވޭނެ ކަމަށް ގަބޫލެއް ނުކުރަން،" ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހަށް ކޮންމެހެން ސަރުކާރަށް ނިސްބަތްވާ މެންބަރަކު ހޮވާކަށް ނުޖެހެ އެވެ. ސަރުކާރުން އެ ދާއިރާއަކަށް ކަންކަން ކޮށް ދޭނީ ސަރުކާރަށް ނިސްބަތްވާ މެންބަރެއް ހުރެގެން ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"މިހާރު ވެސް މިއޮތީ ދިވެހި ސަރުކާރު، އެއީ ކޮންމެ ޕާޓީއެއްގެ ސަރުކާރެއް ނަމަވެސް، މިހާރު ތިއްބެވި ބޭފުޅުންނަކީ ވެސް ވަރަށް އިހްލާސްތެރި ބޭފުޅުން، ގައުމަށް ފައިދާ ހުރި ކަންކަން އެ ބޭފުޅުން ކުރައްވާނެ، އެ ބޭފުޅުންނެއް އެއްވެސް ހާލެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވީ ވަކި މީހަކަށްވާތީ ތަފާތެއް ކުރައްވަފާނެ ކަމަކަށް ގަބޫލެއް ނުކުރަން، އެހެންވީމަ އަޅުގަނޑަށް ހަމަ ހިތުން ގަބޫލު ކުރެވެނީ ރައްޔިތުންނަށްޓަކައި އިހްލާސްތެރިކަމާއެކު މަސައްކަތެއް ކުރާނެ މީހަކު ހުރިއްޔާ ކޮންމެ ސަރުކާރެއް އޮތަސް، ދިވެހި ސަރުކާރުން އެ މެންބަރަކާ އެއްކޮށް މަސައްކަތް ކުރާނެ ކަމަށް،" ޣައްސާން ވިދާޅުވި އެވެ.

"އެންމެ ފަރުދެއް، މުޅި މަޖިލިސް ހިނގާ ގޮތާއި ސަރުކާރުގެ ކަންކަން އަޅުގަނޑަކަށް ބަދަލެއް ނުކުރެވޭނެ، ބައެއް ތަންތަނަށް ބޮޑެތި ކަންކަން ގޮސްފަ ހުންނަނީ ސަރުކާރާ ދެކޮޅު އެއްކޮޅު ވެގެނެއް ނޫން، ވަކާލާތު ކުރެވޭ ވަރަކުން، ރައްޔިތުންނަށްޓަކައި ކެނޑިނޭޅި އެ މަސައްކަތް ކުރާ މީހަކު ހުރިއްޔާ،"

ޣައްސާން ވަނީ ސިޔާސީ މުސްތަގުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. ބައްޕާފުޅާ އެއްގޮތަށް ރައީސް ކަމަށް ވަޑައިގެންނެވުމުގެ ޝައުގެއް އަދި ނެތެވެ. އެކަމަކު ޕީޕީއެމްގެ މެންބަރުން އެދެފިނަމަ އެ ޕާޓީގެ އިސް މަގާމަކަށް ވަޑައިގަންނަފާނެ ކަަމަށް ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވި ގޮތުގައި ރައީސް ޔާމީން ހައްޔަރުކުރުމަކީ ވެދާނެ ކަމެއް ކަމަށް އުއްމީދުކޮށްގެން ތިބި ކަމެކެވެ. އެކަމަކު އެކަމަކީ ޕީޕީއެމްއަށް ސިޔާސީ ގޮތުން ދެރައެއް ދެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ދެރައެއް އޮތީ އެއީ ހިތަށް ކުރާ އަސަރު، އެ ނޫން ސިޔާސީ ދެރައެއް ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރަން، ޕީޕީއެމްއަކީ ކަށިން ހިތްވަރު ނެރެގެން އަބަދުވެސް ރައްޔިތުންގެ ލަބަ އާއި މަންފާއަށް މަސައްކަތް ކުރާނެ ބައެއް، މިހެން ދިމާވާ ކަމަކުން ފިލައިގެން ދާނެ ބައެއް ނޫން، އަދިވެސް ހަމަ އަޅުގަނޑުމެން ހަމަ ދާނީ ކުރިއަށް، ސިޔާސީ ގޮތުން ބަލިކަށިކޮށް ލެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން، އެކަމަކު ހިތްތަކަށް އަސަރު ކުރާނެ،" ޣައްސާން ވިދާޅުވި އެވެ.