ރަށް ޓޫރިޒަމް ދުނިޔޭގައި ޕްރޮމޯޓް ކުރަން އޮންލައިން ޕްލެޓްފޯމެއް ހަދަން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބޭރު ބަޔަކާ ހަވާލުކޮށްފި އެވެ.
ޔޫއެންޑީޕީގެ ދަށުން ކުދި ޖަޒީރާ ގައުމުތަކުގައި ބައެއް މަސައްކަތްތައް ކޮށްދީ، ހިލޭ އެހީދޭ އައިސީޓީފޯސިޑްސްއާ ހަވާލުކޮށްގެން ފެށި މި މަސައްކަތުގެ ދަށުން ހަދާ ޕްލެޓްފޯމުގައި ރާއްޖޭގައި ހުރިހާ ގެސްޓްހައުސް ތަކެއް ހިމަނާނެ ކަމަށް ގޭމް އިން މިއަދު ވަނީ ބުނެ އެވެ.
އެ ޖަމިއްޔާގެ ނައިބް ރައީސް އަހުމަދު އަމްޖަދު ވިދާޅުވީ ތިން މަސް ދުވަހުން ނިންމަން ހަވާލުކޮށްފައިވާ މި މަސައްކަތުގެ ސަބަބުން މުޅި ދުނިޔޭގައި ރާއްޖޭގެ ގެސްޓްހައުސްތައް އިޝްތިހާރު ވެގެންދާނެ ކަމަށެވެ.
"ފުރަތަމަ މި ޕްލެޓްފޯމުގައި މި ހިމަނަނީ 10 ގެސްޓްހައުސް. މި ފްލެޓްފޯމުގައި ގެސްޓްހައުސްތަކުގެ އިތުރުން ރަށުގެ ހުރިހާ މައުލޫމާތެއް ވެސް ހުންނާނެ،" އަމްޖަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ޕްލެޓްފޯމުގައި ގެސްޓްހައުސްތަކުގެ މައުލޫމާތު ލިބޭނެ ކުދި ވީޑިއޯތަކާއި ފޮޓޯ އަދި ރަށުގައި ހުންނަ އާސާރި ތަންތަނާއި މުހިންމު ތަންތަނުގެ މައުލޫމާތު ވެސް ލިބެން ހުންނާނެ ކަމަށެވެ.
"ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ގެސްޓްހައުސްއެއް މި ޕްލެޓްފޯމުގައި ހުންނާނެ. ފްލެޓްފޯމްގައި އަގޯޑާ އާއި ބުކިން ޑޮޓްކޮމް ގޮތަށް ބުކްކޮށްލެވޭނެ އިންތިޒާމެއް ވެސް ހުންނާނެ. އެހެންވީމަ ގެސްޓް މީހާ އަށް މައުލޫމާތު ސާފުކޮށްލާފަ ބުކްކޮށްލެވޭނެ،" އަމްޖަދު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ގެސްޓްހައުސްއެއް މި ޕްލެޓްފޯމުގައި ހުންނާނެ. ފްލެޓްފޯމްގައި އަގޯޑާ އާއި ބުކިން ޑޮޓްކޮމް ގޮތަށް ބުކްކޮށްލެވޭނެ އިންތިޒާމެއް ވެސް ހުންނާނެ. އެހެންވީމަ ގެސްޓް މީހާ އަށް މައުލޫމާތު ސާފުކޮށްލާފަ ބުކްކޮށްލެވޭނެއަހުމަދު އަމްޖަދު | ގޭމްގެ ނައިބް ރައީސް
ގޭމްގެ ނައިބް ރައީސް އިތުރަށް ވިދާޅުވީ މި ޕްލެޓްފޯމް ހަދައިދެނީ ހިލޭ ކަމަށާ، މީގެ އިތުރުން ރަށު ޓޫރިޒަމް ދުނިޔޭގައި އިޝްތިހާރު ކުރުމުގައި ވެސް އެމީހުން އެހީވެދޭނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ގެސްޓްހައުސް ވިޔަފާރި ފުޅާކޮށް ދޭން ގިނަ މަސައްކަތް ތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މިގޮތުން ގެސްޓްހައުސް އިޝްތިހާރު ކުރުމާއި ގަވާއިދުތައް ހަރުދަނާ ކުރަން ދަނީ ހާއްސަ މަސައްކަތްތަކެއް ވަނީ ފަށާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 521 ގެސްޓްހައުސްގައި 8,563 އެނދު އެބަހުއްޓެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 17.2 ޕަސެންޓުގެ އިތުރުވުމެކެވެ.