އިލެކްޝަންސް ކޮމިޝަން (އީސީ) އަކީ މިނިވަން މުއައްސަސާއެކެވެ. އީސީއަށް ރައްޔިތުން ކުރަންޖެހޭ އިތުބާރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮތީ ވަރަށް ބޮޑަށް ގޯޅި އަޅައި ގެއްލިފަ އެވެ. އެ ފަސް އަހަރުގެ ތެރޭގައި ސަރުކާރު ހިންގި ޕާޓީ، ޕީޕީއެމަށް "ފަހިވާ" ގޮތަށް އީސީން ހުރިހާ ނިންމުމެއް ނިންމާފައި އޮތުމާއި އޭރުގެ އިދިކޮޅު ފަރާތްތަކަށް ފިއްތުންތައް ކުރިމަތި ކުރުވައި ތާށިކޮށްލާފައި އޮތެވެ. ރައްޔިތުންފެ މަޖިލީހުގެ 12 މެންބަރަކު އެ މަޖިލީހުގައި ދާއިރާ ތަމްސީލު ކުރުމުގެ ހައްގު ހިފެހެއްޓުމާއި، އިދިކޮޅު ހަރަކާތްތައް ހުއްޓުވާފައި އޮތް އިރު އަޅާ ނުލައި ދޫކޮށްލުން ފަދަ އެތައް ކަމެއް ނުލިޔެ ދޫކޮށްލެވިދާނެ އެވެ. އީސީގެ އަމަލުތައް ހުރި ގޮތާއި ނިންމުންތައް އައި ގޮތް އެއްވެސް ބަޔަކަށް ނޯޅެ އެވެ.
އެ މައްސަލަތަކާ ހެދި ރިޔާސީ އިންތިހާބު ކައިރިވި އިރު މިހާރުގެ ސަރުކާރުގެ ކޯލިޝަން އަދި އޭރު އޮތް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އީސީއާ ދެކޮޅަށް އުފުލަމުން ދިޔަ ޝަކުވާގެ އަޑު ވަރަށް ގަދަވި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ގޮވާލަމުން ދިޔައީ އީސީގެ އެ މެންބަރުންގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށްލައި މެންބަރުން ވަކިކޮށްގެން ނޫނީ އިންތިހާބަކަށް ދިޔުން ރަނގަޅު ނުވާނެއޭ އެވެ. އެއީ ޕާޓީތަކަށް އިންތިހާބެއްގައި ލިބެން ޖެހޭ ހަމަހަމަ ފުރުސަތުތަކާއި އެކަށީގެންވާ އެއްބާރުލުން ނުލިބި އޭގެ ސަބަބުން އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެތީ އެވެ.
މިހާރުގެ ހާލަތަަށް ބަލައިލާއިރު އަނެއްކާވެސް މިދަނީ ބޮޑު އިންތިހާބަކަށެވެ. އީސީގެ އެއްވެސް މެންބަރަކު ބަދަލެއް ނުވެ އެވެ. ކޮމިޝަންގެ ކުލައާ ލޯގޯ ބަދަލުވާ ވާހަކައިގެ އަޑު އިވުން ފިޔަވައި އެއްވެސް ކަމެއް އަދި ބަދަލެއް ނުވެއެވެ. އީސީގެ އަމަލުތަކާއި މެންބަރުންގެ ބަސް މަގު ބަދަލުވެއްޖެއޭ ބުނާނެ އެކަކު ވެސް "ފްރެންޑެއް" ފިޔަވައި ހުންނާނެހެނެއް ހީއެއް ނުވެ އެވެ.
ކުރީގެ ފަސް އަހަރެކޭ އެއްގޮތަށް މިއަދު ވެސް މިނިވަން ކަމާއި އޮމާންކަމާއެކު ސިޔާސީ ހަރަކާތް ހިންގެނީ ސަރުކާރު ހިންގާ ޕާޓީއަށެވެ. އެމްޑީޕީއަށެވެ. އެ ޕާޓީން މުޅި ރާއްޖޭގައި ބޮޑު ޕްރައިމަރީއެއް ބާއްވާ އޮމާންކަމާއެކު ނިންމާލައި ކެމްޕެއިން ހަރަކާތްތައް މެކުހަށް ޖަހާލައިގެން ތިބި އިރު އެހެން ޕާޓީތައް އުޅެނީ "ގައިކަހާތީ" އުނދަގުލެއްގެ ތެރޭގަ އެވެ.
ކުރިން އޮތް ހާލަތަށް ބަދަލެއް ނައިސް، މިއަދު އީސީގެ ފިއްތުންތަކާ ލައިގަނެފައި ވަނީ މިހާރުގެ ސިޔާސީ އިދިކޮޅަށެވެ. ޕީޕީއެމުން ބޭއްވި ކޮންގްރެސް ބާތިލު ކުރީ އެވެ. އިންތިހާބަށް ކުރިމަތިލާން ޖެހޭ ދުވަސް "މާދާމާ ވަންދެން" ޕާޓީއެއް އުފައްދަން ފުރުސަތު ނުދީ އެކަން ބޮޑު ކަންތައްގަނޑަކަށް ވަންދެން ހިފަހައްޓައިފި އެވެ. އެވަރު ނުވެގެން ސިޔާސީ ޕާޓީތަކުގެ ގަވައިދަށް އާ އިސްލާހުތަކެއް ގެނެސް، ދަރަނި ދައްކަން ޖެހޭނެ ކަމާއި ޕާޓީއެއް ހުހަށް ދޫކޮށްލާފައި ނުދެވޭނެ ކަމާއި ޕާޓީއެއްގެ މުއައްޒަފުން ބޭނުންކޮށްގެން އާ ޕާޓީއެއް ނޫފެއްދޭނެ ކަމަށް ވެސް ވަނީ ނިންމާފަ އެވެ. އިދިކޮޅަށް ކުރިޔަށް ވެސް އަދި ފަހަތަށް ވެސް ފިޔަވަޅެއް އެޅިޔަ ނުދީ ފިއްތާލަނީ އެވެ.
ފިއްތުންތަކުގެ ތެރޭގައި ތިބެ، އުފައްދަން ރޭ ގާނޫނީ ޖަލްސާ ބޭއްވި ކޮންގްރެސް ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވި ގޮތުގައި ކޮންގްރެސް ޕާޓީ އުފައްދަން މަސައްކަތް ފެށުމުގެ ކުރިޔަށް އީސީގެ ދަތިތަކާ އޮތީ ކުރިމަތިވެފައެވެ.
"ޑިމޮކްރަސީ ޕްރެކްޓިސް ކުރާ ގައުމުތަކުގައި ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކުގެ ބެލެނިވެރި ފަރާތާ ދެމެދު އޮންނަން ޖެހެނީ ވަރަށް ޕްރޮފެޝަނަލް ގާތް ގުޅުމެއް. ރާއްޖޭގައި އިންތިހާބުތަކު ތެރޭ ފާޑު ކިޔުން އަމާޒުވޭ އީސީއަށް. އެކަމަކު އިންތިހާބެއް ނިމުމުން އަބަދު ވެސް ދާނީ ވަރަށް އޮމާންކޮށް. ފުރަތަމަ ފަހަރަށް މި ފެންނަނީ އީސީއިން އެއް ޕާޓީއަކާ ދޭތެރޭ މިހާ ބޮޑަށް ޖައްސާލައިގެން އުޅޭ ތަން،" މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގަވައިދަށް އީސީން ކުއްލި ގޮތަކަށް "ރެއެއްގެ މެންދަމު" ގެނައި އިސްލާހު ފަހުން ހުށަހެޅި އިސްލާހު ކޮންގްރެސް ޕާޓީގެ ގާނޫނީ ޓީމުން ވަނީ އެނަލައިޒްކޮށްފަ އެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށާއި ގާނޫނު އަސާސީގެ ބައެއް މާއްދާތަކާ ވަރަށް ބޮޑަށް ތައާރަޒްވާ ގޮތަށް ސީދާ ކޮންގްރެސް ޕާޓީއަށް ފެހި ގަޔަށް ބާރު ލިބާހެކެވެ.
"ލައްކައެއް ހާ މީހުން ވޯޓުލާފައިވާ ރައީސްއަކު ޒިންމާދާރު އިދިކޮޅު މަސައްކަތްތައް ކުރަމުން މި އަންނަނީ، އެހާ ގިނަ ބައެއްގެ ހައްގުތައް ކަށަވަރުކޮށް ދެވޭތޯ މި އުޅެނީ، އެކަން ހަމަހަމަ ކަމާއެކު އީސީއަށް ނުވާ ނަމަ އެ މެންބަރުންގެ އިތުބާރެއް ނެތް، އަޅުގަނޑުމެންގެ ސަޕޯޓަރުން މަގުމަތީގައި ކިޔާ އެއްޗަކާ ހެދި އީސީން މުޅި ޕާޓީއާ މެދު ޒާތީވާ ކަމަށް ވަންޏާ ސުވާލު އުފެދޭ،" މުންދު ވިދާޅުވި އެވެ.
ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވާ ގޮތުގައި އީސީ "ޒާތީ ވަނީ" ކަން އެނގެނީ އެ ކޮމިޝަންގެ ނިންމުންތަކުން އެކަންޏެއް ނޫނެވެ. ބައެއް މެންބަރެއްގެ ޓްވިޓާ އެކައުންޓުން ވެސް ޕީޕީއެމާއި ކޮންގްރެސް ޕާޓީއަށް ފުރައްސާރަ ކުރެ އެވެ. އެ ކޮމިޝަން މެންބަރުން ބަހައްޓަން ޖެހޭ ޕްރޮފެޝަނަލް މިންގަނޑު ފަހަނަ އަޅައި ދެއެވެ.
ސަރުކާރު "ކަނުބަނދެގެން"
ގާނޫނާއި ގަވައިދުތަކަކީ ވަކި މީހަކަށް ނުވަތަ ބަޔަކަށް އަމާޒުކޮށްގެން ފަރުމާ ކުރާ އެއްޗަކަށް ވެގެން ނުވާނެ އެވެ. ކުރީގެ ސަރުކާރުގައި ކަމެއް ކުރި ގޯސް ގޮތަކަށް މިހާރުކޮށްގެނެއް ވެސް ނުވާނެ އެވެ. އެވާހަކަ އެންމެ ގަދައަށް ބުނަމުން އައި ބޭފުޅުން މިއަދު ތިއްބެވީ ސަރުކާރާ ހަވާލުވެ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ގޯސް އެތައް ކަމެއް ހިނގާތީ ހުއްޓާ ނުލާ އެކަމާ ދެކޮޅަށް ވަކާލާތު ކުރައްވަމުން ރައްޔިތުން މަޖިލީހުގެ އިދިކޮޅު ޕާލިމެންޓަރީ ގްރޫޕުން ދިޔަ އެވެ. ގާނޫނު އަސާސީގެ ސައިޒް ބޮޑެތި ކޮޕީތައް ހިފައްޕަވައިގެން ދައުލަތުގެ ވުޒާރާތަކައް ހިންގެވުމާ ހަމައަށް ބޮޑެތި ޑްރާމާތައް ކުޅުއްވި އެވެ.
އީސީގެ ކަންކަން ބަދަލުވާން ޖެހެ އެވެ. އިދިކޮޅު ސިޔާސީ ޕާޓީއެއް އުފެދޭން ދިއުމާއި ޕާޓީއަކުން ސިޔާސީ ގޮތުން ކުރާ ކަންކަމަށް ހުރަސް އެޅޭ ގޮތަށް ކުއްލި ކުއްލިއަށް ގަވައިދައި ޖެއްސުން ކުރުމުގެ އުސޫލު ނިންމަންޖެހެ އެވެ. އީސީގެ ކުރިމަތީގައި އޮތީ ބިޔަ ބޮޑު އިންތިހާބެކެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތް ގިނަވާނެ އެވެ. އީސީގެ ފޯކަސް އޮތީ އެހެން ދިމާއެއްގަ އެވެ.
އިލެކްޝަން ކޮމިޝަން ގާނޫނުގެ 17 ވަނަ މާއްދާގެ (ހ)ގެ ދަށުން ހަތަރެއް، ފަހެއް، ހައެއް އަދި ހަތް ވަނަ މާއްދާގައި ބަޔާން ކުރާ މިންގަނޑުތަކަށް އީސީ ފެތޭ ހެއްޔެވެ؟ އެއީ ވަކި މީހަކަށް ނުވަތަ ޕާޓީއަކަށް ތަފާތު ނުކުރުމާއި ތައައްސަބުން އެއްކިބާވެ ހަމަހަމަކަން ހިފެހެއްޓަން ޖެހޭނެ ކަމަށް ބުނާ މާއްދާތަކެވެ. އަދި އެއްވެސް ފަރާތަކަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ތާއީދު ނުކުރާ ކަން އެނގޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ބުނާ މާއްދާތަކެވެ. އަދި ކޮމިޝަންގެ އެއްވެސް މެންބަރަކު ފާޅު ކުރާ ހިޔާލަކުން ނުވަތަ އެ ނޫންވެސް ގޮތަކަށް ކޮމިޝަންގެ މިނިވަން ކަމާ މެދު ސުވާލު އުފެދިދާނެ ކަންތައް ނުކުރުމަށް ބަޔާން ކުރާ މާއްދާތަކެވެ.
އެފަދަ ސުލޫކީ މިންގަނޑުތަކެއް ކޮމިޝަން ގާނޫނުގައި ބަޔާންކޮށްފައިވާ އިރު އީސީގެ އަމަލުތައް ހުރީ ހަމަ އެގޮތަށްތޯ ޔަގީން ކުރަން ޖެހެ އެވެ. މިނިވަން މުއައްސަސާތަކުގެ މެންބަރުން ގާނޫނާ އެއްގޮތަށް އަމަލު ނުކުރައްވާނަމަ އެ ފަރާތްތަކުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައި އެކަން އިސްލާހު ކުރުމަކީ މަޖިލިސް މެންބަރުންގެ ވެސް ޒިންމާއެކެވެ. މަޖިލީހުގެ ބައެއް ޕާޓީތަކަށް ފަހިވާ ގޮތަށް ކަންތައް ކޮށްދޭތީ އަޅައި ނުލާ ދޫކޮށްލުމަކީ އެއީ އެ ޕާޓީއެއްގެ އަތް މަތީ އޮތް އިހުތިޔާރެއް ނޫނެވެ. އެ ވެވެނީ ވެސް ބޮޑު އިހުމާލެކެވެ.
މިހާރު އޮތް ސަރުކާރު ކޯލިޝަންފެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވާ ޖޭޕީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި އީސީގެ މެންބަރުންގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ވައްދަން ޕާޓީތަކުގެ މެދުގައި އެއްވެސް މަޝަވަރާއެއް ނުކުރެ އެވެ.
އޭނާ ވެސް ގަބޫލުފުޅު ކުރައްވާ ގޮތުގައި ގަވައިދުތަކަށް ބަދަލު ގެންނަން ޖެހޭނީ އެއްވެސް ގާނޫނަކާ ހިލާފު ނުވާނެހެނެވެ. އެފަދަ ގޮތަކަށް ކަންތައްކޮށްފައިވާ ނަމަ އެކަންކަން އޯވާ ސައިޓު ކުރެވޭނެ ކޮމިޓީތައް ހުންނާނެ އެވެ.
"މިނިވަން މުއައްސަސާތައް އެއްވެސް ސިޔާސީ ބިރުވެރިކަމެއް ނެތި އެއްވެސް ބައެއްގެ ނުފޫޒެއް ނެތި ހަމަހަމަ ކަމާއެކު ކުރިޔަށް ދާން ޖެހޭ ކަމަށް ގަބޫލު ކުރަން، ގާނޫނާއި ގަވައިދުތައް ބަދަލު ކުރާއިރު ވަކި ބަޔަކަށް އަމާޒުކޮށްގެން ގާނޫނު ހެދުމަކީ ކުރަން ޖެހޭނެ ކަމެއް ނޫން، އެއީ އަޅުގަނޑުމެން އަބަދުވެސް ގޮވާލަމުން އަންނަ ކަމެއް،" ރިޔާޒް ވިދާޅުވި އެވެ.
މައްސަލައަކީ އެކަނި ކޮންރެސް ޕާޓީއަށް ތަފާތު ކުރުމެއް ނޫނެވެ. ޑިމޮކްރަސީއެއްގައި އިދިކޮޅު ބައެއްގެ ވެސް މުހިންމު ރޯލެއް އޮވެ އެވެ. އެކަމަށް ފުރިހަމަ ޖާގަ ދޭން ޖެހެ އެވެ. މިނިވަން މުއައްސަސާތައް މިނިވަން ކަމާއެކު ހިނގަން ޖެހެ އެވެ. އެންމެންގެ ހައްގުތައް ވެސް ގާނޫނުގެ ތެރެއިން ކަށަވަރުކޮށްދޭން ޖެހެ އެވެ. ކުރިން ފާޑު ކިޔަމުން އައި އީސީގެ އަމަލުތަކަށް ބަދަލެއް ނައިސް އޮންނަ އިރު ރައްޔިތުން އިތުބާރުކޮށްލައިގެން ތިބެންވީ ހެއްޔެވެ؟