ހަބަރު

އީމޭލް މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭ ގޮތް ހަދައިފި

އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް އިމިގްރޭޝަން އިން މިއަދު ހުޅުވާލައިފި އެވެ.

އިމިގްރޭޝަން އިން ބުނީ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނީ ތިން ވައްތަރެއްގެ ޕާސްޕޯޓަކަށް ކަމަށެވެ. އެއީ 32 ސަފުހާގެ އިލެކްޓްރޯނިކް ޕާސްޕޯޓާއި 48 ސަފުހާގެ އިލެކްޓްރޯނިކް ޕާސްޕޯޓާއި އިލެކްޓްރޯނިކް ނޫން 32 ސަފުހާގެ ޕާސްޕޯޓަށް ކަމަށެވެ.

ނަމަވެސް ގެއްލިފައިވާ ޕާސްޕޯޓާއި އަދި ސެކަންޑް ޖެނަރޭޝަން ޕާސްޕޯޓުގެ ތެރެއިން މުއްދަތު ހަމަވާން އަށް މަހަށް ވުރެ ދިގު މުއްދަތެއް އޮތް ނަމަ އީމެއިލް މެދުވެރިކޮށް ހުށަނޭޅޭނެ ކަމަށް ވެސް އިމިގްރޭޝަން އިން ބުންޏެވެ.

ޕާސްޕޯޓަށް އެދި އިމިގްރޭޝަންގެ މެއިލް، [email protected] އަށް ހުށަހަޅަން ޖެހޭނީ ޕާސްޕޯޓަށް އެދޭ ފޯމާއި އައިޑީ ކާޑާއި ރެވެނިއު ސްޓޭމްޕު އަދި އެންމެ ފަހުން ހަދާފައިވާ ޕާސްޕޯޓާއި ޕާސްޕޯޓު ސައިޒް ފޮޓޮއެކެވެ. އެތަކެތި ކުލަކޮށް ސްކޭން ކުރުމަށް ފަހު ޖޭޕީއީޖީ ފޯމެޓުގައި އެޓޭޗު ކުރަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓު ދޫކުރާނީ މާލެ، ކުޅުދުއްފުށި އަދި ފުވަމުލަކު ސިޓީ އާއި އައްޑޫ ސިޓީ ހިތަދޫގައި ގާއިމްކޮށްފައިވާ އެ އިދާރާގެ އޮފީސްތަކުން ކަމަށެވެ.