ހަބަރު

އައިޓީބީއަށް ދާ މީހުނަށް ރާއްޖޭން ވިސާ ޖަހައިދެނީ

ޖަރުމަނުގައި އަންނަ މާޗް މަހު އޮންނަ އައިޓީބީ ބާލިން ފެއާއަށް ދާ މީހުންނަށް ރާއްޖެ އިން ވިސާއަށް އެޕްލައިކުރެވޭ ގޮތް ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން ސެކްރެޓަރީ އަބުދުލްޣަފޫރު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު ޖަރުމަނުގެ "ވިސާ ކްލިނިކެއް" ހުޅުވާފައިވާނެ ކަމަށެވެ. އެ ސެންޓަރު ހުޅުވާފައިވަނީ އައިޓީބީ ފެއާއަށްދާ ފަރާތްތަކަށް ފަސޭހަކަމާއެކު ވިސާ ހަމަޖައްސައިދޭން ކަމަށެވެ.

"ފޮރިން މިނިސްޓްރީން ކުރަމުންދާ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއްކަމަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވީހާވެސް ލުއި ފަސޭހަ ގޮތަކަށް ވިސާ ހޯދައިދެވޭތޯ މަސައްކަތް ކޮށްދިނުން، މިގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިން އެއް ކަމެއް މިއީ،" ޣަފޫފޫރު ވިދާޅުވި އެވެ.

ޖަރުމަނުގެ ވިސާ ކްލިނިކެއް ރާއްޖޭގައި ހުޅުވި މިއީ ފުރަތަމަ ފަހަރެވެ. ޣަފޫރު ވިދާޅުވީ މިއީ ވަގުތީ ތަނެއް ނަމަވެސް ރާއްޖެއިން ދާއިމީ ގޮތެއްގައި ޝެންގަން ވިސާ ލިބޭނެ ގޮތް ހަމަޖެހިގެން ދިއުމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފޮރިން ސެކްރެޓަރީ މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ކްލިނިކް ހުޅުވަން ނިންމީ ދެދުވަހަށް ކަމަށާއި އެކަމަކު ވިސާ ހޯދަން މިހާރު ވެސް 123 ފަރާތަކުން ހުށަހަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޑިމާންޑް ބޮޑުވުމުން ފަސް ދުވަހަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ހިދުމަތް މިއަދު ފަށައި މިމަހުގެ 31 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ހިދުމަތް ދޭނީ ހެނދުނު 8:00 އިން އިރުއޮއްސި 6:00 އަށެވެ.

އައިޓީބީ ފެއާއަކީ ރާއްޖޭން ގިނަ އަދަދެއްގެ ޓޫރިޒަމް ވިޔަފާރިވެރިން ބައިވެރިވާ ފެއާ އެކެވެ. މީގެ ކުރިންވެސް ވަނީ އައިޓީބީ ފެއާއަށްދާ ފަރާތްތަކަށް ހާއްސަކޮށް ވިސާ ލިބޭނެ ސެންޓަރުތައް ގާއިމްކޮށް ވިސާ ދޫކޮށްފަ އެވެ.