ރާއްޖޭން ޖާމަން ޝެންގެން ވިސާ ދާއިމީކޮށް ނެގޭނެ ހިދުމަތް ފެށުމުގެ ގޮތުން އަންނަ އަހަރުގެ މާޗު މަހު ޖާމަން ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް މާލޭގައި ހުޅުވާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު އިއުލާން ކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި ޖަރުމަން ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑް އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު އިއުލާން ކުރެއްވި ގޮތުގައި މާލޭގައި ހުޅުވާ ޖާމަން ޝެންގެން ވިސާގެ ދާއިމީ ސެންޓަރު ހުޅުވަން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗުގެ ދެވަނަ ދުވަހު އެވެ.
ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރަން ސީދާ ރާއްޖޭން ވިސާ ނަގަން މިހާރު ދާން ޖެހެނީ އިންޑިއާގެ ނިއު ދިއްލީއަށް ނުވަތަ ސްރީލަންކާގެ ކޮލޮމްބޯއަށެވެ. އެހެންކަމުން ޖަރުމަނަށާއި ޔޫރަޕްގެ އެހެން ގައުމުތަކަށް ދާން ވިސާ ހޯދުމަށްޓަކައި ދިވެހިންނަށް އިތުރު ހަރަދާއި ވަގުތު ހޭދަ ކުރަން ޖެހެ އެވެ.
އެ މައްސަލައަށް ހައްލެއް ހޯދުމަށް ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ވިސާގެ ހިދުމަތް ފޯރުކޮށްދޭ ވީ.އެފް.އެސް ގްލޯބަލްއާއެކު ދިވެހި ސަރުކާރުން މަޝްވަރާތައް ކުރަމުން ގެންދާ ކަމަށް މިނިސްޓަރު ޝާހިދު މިއަދު ވިދާޅުވި އެވެ. މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން ޖަރުމަންގެ ވިސާ ސީދާ ރާއްޖޭން ލިބޭ ގޮތް ވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ފުރަތަމަ ޖަރުމަން ވިލާތުން އެކަނި މި ހިދުމަތް ދިން ނަމަވެސް އުއްމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ލިބޭނެ މަގުފަހި ކޮށްދޭނެ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭން ޝެންގެން ވިސާ ދޫކުރުގެ ހިދުމަތް ފަށަނީ އަންނަ މާޗު މަހުން ފެށިގެން ކަމަށްވީއިރު، އަންނަ އަހަރު ޖަރުމަންވިލާތުގެ ބާލިންގައި އޮންނަ އައިޓީބީ ފެއާ ފަށަނީ ވެސް މާޗު މަހުގެ ކުރީކޮޅެވެ. އެހެންކަމުން އެ ފެއާގައި ބައިވެރިވުމަށް ޖަރުމަނަށް ދަތުރު ކުރާ ދިވެހިންނަށް އިތުރު ލުއި ފަސޭހައެއް ދިނުމަށްޓަކައި އަންނަ ފެބްރުއަރީ މަހުގެ 3 އިން 5 އަށް ވަގުތީ ކްލިނިކެއް ހުޅުވާނެ ކަމަށް ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކުރެއްވި އެވެ.
މި ބައްދަލުވުމުގައި ޖަރުމަންގެ ސަފީރު ވިދާޅުވީ ރާއްޖެ އަކީ މަގްބޫލް ފަތުރުވެރިންގެ މަންޒިލަކަށް ވާއިރު، ޝެންގެންގެ ގައުމުތަކުގެ ތެރެއިން ފުރަތަމަ ޖަރުމަނުން ރާއްޖޭގައި މި ހިދުމަތް ފެށުމުން ކުރިއަށް އޮތް ތަނުގައި އެހެން ގައުމުތަކުން ވެސް އެ ހިދުމަތް ދޭން ފަށަން މަސައްކަތް ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވިޔަފާރި އާއި ފަތުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޖާމަން ޝެންގެން ވިސާ ރާއްޖޭން ދައިމީކޮށް ނެގޭނެ ހިދުމަތް އަންނަ މާޗު މަހު ފެށުމާއެކު ލަންކާ ނޫނީ އިންޑިއާއަށް ނުގޮސް ރާއްޖޭން އެ ހިދުމަތް ލިބިގެން ދާނެ އެވެ. މީގެ ސަބަބުން ޖާމަން ޝެންގެން ވިސާ ހޯދަން ދިވެހިން ކުރާ ހަރަދުގެ ބޮޑު ބައެއް ކުޑަ ވެގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.